ކޯޗު މާނޯ މެނެޒެސްގެ އިރުޝާދުގެ ދަށުން ބްރެޒިލްގެ އަމިއްލަ ފަސްގަނޑުގައި 2014 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް މުބާރާތް އެގައުމަށް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދެއް އެބައޮތް ކަމަށް ބްރެޒިލްގެ ކުރީގެ ފުޓުބޯޅަ ތަރި ޕެލޭ ބުނެފި އެވެ.

ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ތަށި ކާމިޔާބުކުރި ބްރެޒިލް އަށް އެންމެ ފަހުން ކާމިޔާބު ކުރެވިފައި ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. ޖަރުމަން އަދި ސައުތު އެފްރިކާގައި ވޯލްޑް ކަޕުގެ ދެމުބާރާތުން ބްރެޒިލް ކަޓާފައިވަނީ ކުއާޓާ ފައިނަލުންނެވެ.

"ކޯޗަށް އޮތް އެންމެ ބޮޑު ފައިދާ އަކީ އޭނާގެ ފަހަތުގައި ސަޕޯޓަރުންނާއި ކުޅުންތެރިން ތިބިކަން. އެހެންކަމުން މެނެޒެސް އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލް އަށް ކާމިޔާބު ކޮށްދެވޭނެ ކަމުގެ އުންމީދެއް އެބައޮތް. ނަމަވެސް ކޯޗު ބަދަލު ކޮށްގެން ކާމިޔާބެއް ހޯދުމަކީ އުނދަގޫކަމަކަށް ވާނެކަން ޔަގީން." ޕެލޭ ބުންޏެވެ.

ބްރެޒިލްގައި މިހާރު ތިބި ޒުވާން ދެކުޅުންތެރިން ކަމަށްވާ ނޭމާ އަށާއި ގަންސޯ އަށް އެގައުމަށް ކާމިޔާބީ ހޯދައިދެވިދާނެ ކަމަށް ގަބޫލުކުރާކަމަށް ޕެލޭ ބުނެފައި ވެއެވެ. ނަމަވެސް ދެ ކުޅުންތެރިއަކަށް ބިނާކޮށް ޓީމު ބިނާ ނުކޮށް ޓީމު ވަރުގަދަ ކުރުމަށް ބްރެޒިލް ކޯޗު މެނެޒެސް އަށް ޕެލޭ ގޮވާލާފައި ވެއެވެ.

"މީގެ ކުރިންވެސް ބްރެޒިލް އަށް ކާމިޔާބީ ލިބުނީ ޓީމުގައި ތިބި ތަރިން އެކުގައި ޓީމެއްގެ ގޮތުގައި ކުޅެގެން. ނޭމާ އަށާއި ގަންސޯ އަށް ބްރެޒިލް އަށް ކާމިޔާބީ ހޯދައިދެވިދާނެ. އެކަމަކު އެދެކުޅުންތެރިންނަށް ޓީމު ބިނާނުކޮށް، ޓީމު ވަރުގަދަކުރުމަށް އިސްކަމެއް ދޭން ޖެހޭ." ޕެލޭ ބުންޏެވެ.

ބްރެޒިލް ގައުމީ ޓީމަށް ޕެލޭ ކުޅުނު 92 މެޗުން 77 ގޯލު ކާމިޔާބު ކޮށްދީފައި ވެއެވެ. އަދި ޕެލޭގެ ފުޓުބޯޅަ ކެރިޔަރުގައި އޭނާ ވަނީ ބްރެޒިލް އަށް ތިން ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކޮށްދިނުމަށް އެހީތެރިވެދީފަ އެވެ.