މިހާރު އަމަލު ކުރަމުންދާ ހެއްކާ ބެހޭ ގާނޫނަށް ވުރެ ޒަމާނާ އެކަށީގެންވާ މާއްދާތަކެއް ހިމެނޭ ހެއްކާ ބެހޭ ބިލެއް އެކުލަވާލައި، އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިފިއެވެ.

މިހާރު އަމަލު ކުރަމުންދާ ހެއްކާ ބެހޭ ގާނޫނަކީ 1976ގައި ފާސް ކުރި ގާނޫނެކެވެ. އެ ގާނޫނުގައި ހިމެނެނީ އެންމެ ހަތް މާއްދާއެވެ.

އެ ގާނޫނުގައި ފާހަގަކޮށްފައި ވަނީ ދެ ބާވަތެއްގެ ހެއްކެވެ. އެއީ އަނގަ ބަހުން ދޭ ޝަފަހީ ހެއްކާއި ލިޔުމުން ހުށަހަޅާ ކިތާބީ ހެއްކެވެ. ނަމަވެސް އާ ބިލުގައި ވަނީ މާއްދީ ހެކިވެސް ހިމަނާފައެވެ. އެގޮތުން އެފަދަ ހެކީގެ ގޮތުގައި ފޮރެންސިކް ހެކި، ފިލްމާއި ފޮޓޯ ފަދަ އެއްޗެހި އަދި ސައިންޓިފިކް ދަލީލާއި ތަހްލީލުތަކުގެ ނަތީޖާތައްވެސް ބަލައިގަނެވޭނެ ކަމަށް ބިލުގައިވެއެވެ.

އާ ގާނޫނު ހިނގާނެ ދާއިރާތަކަކީ:

  • ރާއްޖޭގެ ހުރިހާ ކޯޓެއްގައި ހިނގާ މަދަނީ އަދި ޖިނާއީ މައްސަލަތަކުގެ މައްޗަށް

  • ރާއްޖޭގެ ހުރިހާ ޓްރައިބިއުނަލްތަކުގައި ހިނގާ މައްސަލަތަކުގެ މައްޗަށް
  • ކަމާގުޅޭ ނިސްބަތަށް، ކަމެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާ ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާ ނުވަތަ ފިޔަވަޅު އަޅާ މައްސަލަތަކުގެ މައްޗަށް
  • ކަމާގުޅޭ ނިސްބަތަށް ދައުލަތުގެ އިދާރާތަކުން ތައުދީބީ ފިޔަވަޅު އެޅުމުގެ ބާރު އޮވެގެން ބަލާ މައްސަލަތަކުގެ މައްޗަށެވެ.

މީގެ އިތުރުން ކުރީގެ ގާނޫނުގައި އެއްވެސް ވަރަކަށް ބަޔާންކޮށްފައި ނެތް، ހެކިބަސް ނެގުމުގެ މަރުހަލާތައްވެސް އާ ބިލުގައި ފާހަގަކޮށްފައިވެއެވެ. އެއީ އެގްޒަމިން ކުރުމުގެ މަރުހަލާ، ކްރޮސް އެގްޒަމިން ކުރުމުގެ މަރުހަލާ އަދި ރީ-އެގްޒަމިން ކުރުމުގެ މަރުހަލާއެވެ.

އެގޮތުން އެގްޒަމިން ކުރުމުގެ މަރުހަލާގައި، ހެކިވެރިޔާ ހުށަހެޅި ފަރާތަކުން އޭނާ އާ ސުވާލު ކުރާނެއެވެ. ދެން ކްރޮސް-އެގްޒަމިނޭޝަންގައި، އެ މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ހެކިވެރިޔާއާ ސުވާލު ކުރާނެއެވެ. އެއަށް ފަހު ރީ-އެގްޒަމިނޭޝަން މަރުހަލާގައި، ހެކިވެރިޔާ ހުށަހެޅި ފަރާތުން އަނެއްކާވެސް އެ މީހާއާ ސުވާލު ކުރާނެއެވެ.

އެ ބިލުގައިވާ ގޮތުން ހެކީގެ ގޮތުގައި ހުށަނޭޅޭނެ ކަންތައްތަކުގެ ތެރޭގައި ދެމަފިރިންގެ މެދުގައި ދެކެވޭ ވާހަކަ އާއި ދައުލަތަށް ނިސްބަތްވާ، ގާނޫނުގެ ދަށުން ދޫކުރުން މަނާ ކުރާ މައުލޫމާތާއި ދައުލަތުގެ މުވައްޒަފަކަށް މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ސިއްރު މައުލޫމާތާއި ކުށެއް ކުރި ކަމުގެ މައުލޫމާތު ހާމަ ކުރާ ފަރާތް އަންގައިދޭ މައުލޫމާތާއި ވަކީލާއި މުވައްކިލާ ދެމެދު ބަދަލު ކުރެވޭ މައުލޫމާތާއި ގާނޫނީ ލާފާ ދޭ މީހުންނާ އެކު ކުރެވޭ މުއާމަލާތްތަކާއި ނޫސްވެރިންނާ އެކު ކުރެވޭ މުއާމަލާތްތައް ހިމެނެ އެވެ.

އެ ބިލް ފާސްކޮށްފި ނަމަ، މިހާރު އޮތް ހެއްކާ ބެހޭ ގާނޫނާއި އަންހެނުންގެ ހެކި ބަހުގެ ގާނޫނުވެސް އުވިގެންދާނެއެވެ. އަންހެނުންގެ ހެކި ބަހުގެ ގާނޫނުގައި އަންގާފައި ވަނީ، ގުރްއާނުގައި ކަނޑައެޅި ބަޔާން ވެގެންވާ ކަންކަން ފިޔަވައި، އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަ ކުރުމަށެވެ.

މީގެ ކުރިން 2017އިގައި ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށާއި ގައުމީ ސަލާމަތުގެ ކޮމިޓީއަށް ވެސް ފޮނުވިއެވެ.

އެ ބިލުގައި ހެކި ވަޒަން ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ހެކި ނަގަން ޖެހޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ގޮތް ފަދަ ކަންތައްތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވާނެ ކަމަށް ބިލު ހުށަހެޅެއްވި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވިއެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ އެ ބިލް އަނބުރާ ގެންގޮސްފައެވެ.