18 Aug 2021, 20:39
ދެކުނު އޭޝިއާގެ ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ނޭޕާލް ކުޅެން ޖެހިއްޖެއެވެ.
މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ދެމެޗު ކުޅޭ ގޮތަށެވެ. ނޭޕާލް މެޗަށް ފަހު ރާއްޖެ ނިކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި ސްރީލަންކާ އާ ދެކޮޅަށް ކުޅޭއިރު ފަހު މެޗުގައި ރާއްޖެ ނިކުންނަނީ އިންޑިއާ އާ ދެކޮޅަށެވެ.
އޮކްޓޫބަރު 1-13 އަށް ރާއްޖޭގައި ކުރިއަށް ގެންދާ ސާފް މުބާރާތުގައި ވާދަކުރަނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމެވެ.
ލީގު އުސޫލުން ކުރިއަށް ގެންދާ މުބާރާތުގެ ފައިނަލުގައި ކުޅެނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެޓީމެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ފުޓްބޯލް އެޝޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމާފައި ވަނީ ގަލޮޅު ދަނޑުގެ އިތުރުން ހުޅުމާލެ ޓްރެކް ދަނޑެވެ.