18 Aug 2021, 21:41

މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލައި ޗެކް ކުރުމަށް ފުލުހުން މިއަދު އިންސްޕެކްޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދުން ފެށިގެން މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިންސްޕެކްޝަނަކީ އެޗްޕީއޭ އާއި ފުލުހުންނާއި އިމިގްރޭޝަނާއި ޓުއަރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ލޯކަލް ގަވާމަންޓް އޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނެއް ކަމަށެވެ.
މި އިންސްޕެކްޝަންގައި ކޮވިޑްގެ ހާލަތާ ގުޅިގެން ރާާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމާ ގުޅޭގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މީގެ އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކިނބިދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ މިއަދު ވިދާޅުވީ ކޮވިޑްގެ ކަރަންޓީނު ސްޕޮޓެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ރާއްޖެ ބޭނުންކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމުން ގެސްޓްހައުސްތަކާއި ޓުއާ އޮޕަރޭޓަރުންނާއި އެޖެންޓުން، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރަމުން ގެންދާކަން ކަށަވަރުކުރުމުގެ ގޮތުން މިއަދުން ފެށިގެން އެތަންތަނުގެ އިސްޕެކްޝަނެއް ކުރިއަށްގެންދަވަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން އަމަލުކުރާނަމަ އަނެއްކާވެސް ކޮވިޑްގެ ދަތިހާލަތު އަނބުރާ ރުޖޫއަ ވެދާނެތީ، އެގޮތަށް ވުމުގެ ފުރުސަތު ނުދިނުމަށް އެދިވަޑައިގެންފައެވެ.