ތ. ވޭމަންޑުއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އެބަދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ކިނބިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވިދާޅުވީ ވޭމަންޑޫއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅުވާލުގެ އިތުރުން، ކިނބިދޫ ބިން ހިއްކުމަކީ ސަރުކާރުން ޕްލޭން ކޮށްފައިވާ ކަމެއް ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޯހިޔާވަހިކަމުގެ ސްކީމެއް އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ވިސްނުންފުޅުހުރިކަން ހާމަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި މީގެ އިތުރުން ވެސް އިގްތިސޯދީގޮތުން ހުރި ފުރުސަތު ތަކާއި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިޔަށް ގެންދަވާނެ ކަމަށެވެ.

ރައީސް ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކައުންސިލްތަކާއި ރައްޔިތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެންމެން ގުޅިގެން ވެކްސިން ޖެހުމުގެ ކަންކަން ވީހާވެސް އަވަހަކަށް ނިންމަވާ ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަކު ކުރެއްވުމުގައި ކައުންސިލުގެ ރައީސް އަލީ ހުސެއިން ވަނީ ފެނާއި ނަރުދަމާއާއި، ފެން ރައްކާކުރާ ނިޒާމް އަދި ފުޓްސަލް ދަނޑު އެޅުން ފަދަ މަޝްރޫއު ތަކާއެކު ސަރުކާރުން ކިނބިދޫގަައި މިހާރުވެސް ގިނަ ތަރައްގީގެ މަޝްރޫއު ތަކެއް ކުރިއަށް ގެންދަވާ ކަން ފާހަގަކުރައްވައިފައެވެ.

ކިނބިދޫ ޒުވާނުންގެ މަރުކަޒުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތްތަކާ ގުޅޭ މައުލޫމާތުގެ އިތުރުން، ކޮމިޓީގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުންވެސް ކޮމިޓީން ވަނީ އަންހެނުން އިގްތިސޯދީ ގޮތުން ބާރުވެރި ކުރުމަށް އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ރައީސް ސޯލިހުގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ކިނބިދޫ ހެލްތް ސެންޓަރަށާއި، ކިނބިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ވެސް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ކިނބިދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.

ރައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާ ތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.