އިންޓަމިލާނުގެ ކޯޗުކަމުން ދުރުކުރާނެ ކަމުގެ ބިރު އޮތް ކްލައުޑިއޯ ރަނިއޭރީ އާއި އެކު އެޓީމުގެ ކުޅުންތެރިން ހުރިކަމަށް އިންޓަގެ އުރުގުއޭ ފޯވާޑް ޑިއޭގޯ ފޯލާން ބުނެފި އެވެ.

އެތްލެޓިކޯ މެޑްރިޑަށް ކުޅުމަށް ފަހު، މިސީޒަނުގައި އިންޓަ އާއި ގުޅުނު ފޯލާން ދެކޭގޮތުގައި ކޯޗު ރަނިއޭރީ އަށް އެކުލަބަށް ރަނގަޅު ކާމިޔާބީ އެއް ހޯދައިނުދެވުނު ކަމުގައިވިޔަސް ކުރިއަށް އޮތްތަނުގައި ކޯޗަށް ރަނގަޅު ކާމިޔާބީ އެއް ހޯދައިދެވޭނެ ކަމަށެވެ.

"ރަނިއެރީ އަކީ ވަރަށް މޮޅު ކޯޗެއް. އަބަދުވެސް ކުލަބު ހުންނާނީ ކޯޗާއި އެކު. މީގެ ކުރިންވެސް ރަނިއޭރީގެ ކޯޗުކަމުގެ ދަށުގައި އަހަރެން ކުޅުނިން. އޭނާ ވަނީ ބޮޑެތި ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދީފައި. ރަނިއޭރީގެ ކޯޗުކަމުގެ ދަށުގައި ކުޅެވޭތީ އަހަރެން ފަހުރުވެރިވަން." ފޯލާން ބުންޏެވެ.

މިސީޒަނުގައި އިންޓަ އާއި ގުޅުނު ފޯލާން އަށް އެކުލަބަށް ކާމިޔާބު ކޮށްދެވިފައި ވަނީ އެންމެ ގޯލެކެވެ. މިހެން ދިމާވުމުގެ ސަބަބުތަކަކީ ކޮބައިކަމާއި އިންޓަ އާއި ގުޅުމަކީ ހެދުނު ގޯހެއްކަމަށް ނުދެކޭ ކަމަށް ފޯލާން ބުނެފައި ވެއެވެ.

"އަހަރެން މިކުލަބާއި ގުޅުމަށް ފަހު، މަދު މެޗުތަކެއް ކުޅުންތަނާހެން ކުލަބުގެ ކޯޗު ބަދަލުވީ. އެހެންވުމުން އެކަމަށް ހޭނަން ދުވަސްތަކެއް ނެގި. އަދި އެއަށްފަހު އަހަރެންނަށް އަނިޔާއަކާއި ވެސް ކުރިމަތިލާން ޖެހުނު. އަހަރެން މިކުލަބުގައި މިހިރީ އުފަލާއެކު. އިންޓަ އާއި ގުޅުމަކީ ހެދުނު ގޯހެއް ކަމަކަށް އަހަރެން ނުބަލަން." ފޯލާން ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މިރޭ މާސޭލް އާއި ދެކޮޅަށް އިންޓަ ނުކުންނަން ޖެހޭނެ އެވެ. މިމެޗު ކުޅޭނީ މާސޭލްގެ އަމިއްލަ ދަނޑުކަމަށްވާ ސްޓޭޑް ވެލެޑްރޯމްގަ އެވެ.