މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށަށް
މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށަށް

މިދިޔަ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ދަށްވެއްޖެއެވެ.

މިދިޔަ ޖުލައި މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 17 ޕަސެންޓް ދަށަށް ގޮސްފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ދައުލަތަށް ލިބިފައިވަނީ 293 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ ޖުލައި މަހު ދައުލަތަށް ލިބިފައިވަނީ 242 މިލިއަން ރުފިޔާއެވެ.

ދައުލަތަށް ލިބިފައިވާ އާމްދަނީ ދަށަށް ގޮސްފައިވާއިރު މިދިޔަ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހަށްވުރެ 48 ޕަސެންޓު އިތުރުވެފައެވެ.

އަދި މި އަހަރުގެ ޖުލައި މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އެފްއޯބީ އަގު ވަނީ މިދިޔަ އަހަރުގެ ޖުލައިމަހަށްވުރެ އަށް ޕަސެންޓު އިތުރުވެފައެވެ.

މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކޮށްފައިވަނީ ޗައިނާއިންނެވެ.

އަދި ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑަށެވެ.

މީގެއިތުރުން މިއަހަރު ޑިކްލެއާކުރި ވެހިކަލްގެ އަދަދު މިދިޔަ އަހަރު ޑިކްލިއާ ކުރި ވެހިކަލްގެ އަދަދަށްވުރެ 6،942ގެ އިތުރުވުމެއް ވަނީ އައިސްފައެވެ.

އަދި މިއަހަރުގެ ޖުލައި މަހު ރާއްޖެއިން ބޭރުން އެތެރެކޮށްފައިވާ އުޅަނދުތަކާއި ރާއްޖެއިން ބޭރުކޮށްފައިވާ އުޅަނދުތަކުގެ އަދަދުވަނީ މައްޗަށް ގޮސްފައެވެ.

މިއަހަރުގެ ޖުލައި މަހު ރޯޔަލްޓީގެ ގޮތުގައި 4.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.