އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ވެކްސިން ގެ ފުރަތަމަ ޑޯޒް ޖެހި ކުދިންގެ އަދަދު 4973 އަށް އަރައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވެކްސިން ޖެހުމުގެ މަސައްކަތް ފެށިފަހުން މިއަދާ ހަމައަަށް އަތޮޅުތަކުންނާއި މާލެއިން ވެސް ވެކްސިން ޖެހުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މި މި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ސްކޫލް ކުދިންނަށް ވެކްސިން ޖަހަން ފަށާފައިވާއިރު 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިނެވެ.

މީގެ އިތުރުން މިއަދުން ފެށިގެން އެޕޮއިންޓްމަންޓް އުސޫލުން ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް ސްކޫލެއްގައި ނޫޅޭ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި މާބަނޑު އަންހެނުންގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދަށް މީހުންނަށް ކަމަށެވެ.

ހަމައެއާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް އެޕޮއިންޓުމަންޓް އުސޫލުން ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ސްކޫލް ކުދިންގެ ތެރެއިން އުމުރުން 12 އާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ.

މިހާރު ރާއްޖޭގައި ދެމުން އަންނަ ފައިޒާ ވެކްސިންއަކީ އެމެރިކާގެ އެހީގައި ރާއްޖެ ގެނައި 128،600 ޑޯޒުގެ ފައިޒާ ވެކްސިނެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 ޕަސެންޓު މީހުން ވަނީ ޖަހާ ނިންމާފައެވެ. އަދި އާބާދީގެ 69 ޕަސެންޓު މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ނިންމާފައެވެ.

ސަރުކާރުން ބުނީ ސަރުކާރުގެ އަމާޒަކީ މި މަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓު މީހުންނަށް ވެކްސިން ދީ ނިންމުންކަމަށެވެ.