ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ އަތުން ނަޕޯލީ މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރުކުރުމުގެ ފުރަތަމަ ފިޔަވަޅު އަޅިއިރު، ސީއެސްކޭއޭ މޮސްކޯ އިން ވަނީ ރެއާލް މެޑްރިޑް ހިފަހައްޓާފަ އެވެ.

ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ޗެލްސީގެ ޑިފެންޑަރުންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިފައި ވެއެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ޗެލްސީ އިން ނެވެ. މެޗުގެ 27 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުއާން މަޓާ އެވެ. މި ލީޑާއި އެކު ޗެލްސީ އަށް މާގިނައިރުތަކަކު އޮވެވޭގޮތެއް ނުވިއެވެ. މެޗުގެ 38 ވަނަ މިނެޓުގައި ނަޕޯލީގެ ފުރަތަމަ ލަނޑު އެޒެކުވީލް ލަވޭޒީ ކާމިޔާބުކުރި އިރު، ދެވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޑިންސަން ކަވާނީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ނަޕޯލީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުކަން ފާހަގަ ކޮށްލެވެއެވެ. ޗެލްސީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ކަމުގައި ވިޔަސް، ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔައީ ނަޕޯލީ އިންނެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ނަޕޯލީގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ލަވޭޒީ އެވެ. މިމެޗު ނިމިގެންދިޔައީ 3-1 ލަނޑުން ނަޕޯލީ ކުރީގައި އޮވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ސީއެސްކޭއޭ މޮސްކޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވަމުން ދަނިކޮށް އިތުރު ވަގުތު ކޮޅުގައި މޮސްކޯ އިން ވަނީ މެޑްރިޑް ހިފަހައްޓާފަ އެވެ. މޮސްކޯގައި ފިނިގަދަ ކަމުގެ ސަބަބުން މެޑްރިޑްގެ އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ކަމުގައި ވިޔަސް މޮސްކޯގެ ގޯލަށް ނުރައްކާ ކޮށްފައި ވެއެވެ.

މިމެޗުގައި މެޑްރިޑް އިން ކާމިޔާބު ކުރި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މޮސްކޯއަށް ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ އިތުރު ވަގުތު ކޮޅުގެ ތެރޭގަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕޮންޓަސް ވާންބްލޫމް އެވެ. މިމެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތަކެއް މިރޭ ވެސް ކުރިއަށް ދާނެ އެވެ. މިރޭ ކުރިއަށްދާ ދެމެދުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން 11:45 ގައެވެ. އެއް މެޗުގައި އެފްސީ ބާސެލް އާއި ދެކޮޅަށް ބެޔާން މިއުނިކް ނުކުންނައިރު، އަނެއް މެޗުގައި މާސެލް އާއި ދެކޮޅަށް އިންޓަމިލާން ނުކުންނާނެ އެވެ.