18 Aug 2021, 13:56
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާތަކެއް އުފުލާފައިވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) އެ ދައުވާތަކަށް އިންކާރުކޮށްފިއެވެ.
މިއަދު 11:30 ގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޕެސްޓްގެ މައްޗަށް އުފުލައިފައިވާ ދައުވާތައް ދައުލަތުން އިއްވުމާއެކު އެ ދައުވާތަކަށް ޕެސްޓް އިންކާރުކުރާ ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.
ދައުވާތަކަށް އިންކާރުކުރުމުން ދައުލަތުން ވަނީ ޕެސްޓްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ. އޭގެތެރޭގައި ޑީއެންއޭ ރިޕޯޓާއި ހޯދި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓްތަކުގެ އިތުރުން އެ ރިޕޯޓްތައް ތައްޔާރު ކުރި ފުލުހުން ހިމެނެއެވެ.
ގާޒީ ވަނީ ދިފާއީ ހެކި ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ޕެސްޓަށް ދީފައެވެ.
މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ޕެސްޓްގެ ބަންދު މުރާޖާ ކުރުމަށް ދިފާއީ ވަކީލުން އެދިފައިވެއެވެ. ނަމަވެސް ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުގައި ބަހައްޓަން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވާތީ ބަންދު އަމުރު މުރާޖައާ ކުރެވެން ނެތް ކަމަށް ގާޒީ ވަނީ ކަނޑައަޅާފައެވެ.
ލ. ގަން، ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.
ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއެވެ.