18 Aug 2021, 14:08
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަ ދެގުނަ ބޮޑު ކުރައްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ތ. ކިނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުމަށްފަހުގައެވެ.
ތ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ޒިޔާރަތް ކޮށްފައި ވަނީ ތ. ކިނބިދޫއަށެވެ. އަދި އެރަށު ސްކޫލަށް ވަޑައިގަންނަވާ، ސްކޫލްގެ މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.
މިހާރު ކިނބިދޫގައި އިމާރާތް ކުރަމުންދާ ހަ ކްލާސްރޫމުގެ އިމާރާތް ނިމުމުން، ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސްކޫލްގެ ފަރާތުން ރައީސަށް ދެންނެވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ކިނބިދޫ ސިއްހީމަރުކަޒުގެ މުވައްޒަފުންނާވެސް ރައީސް ބައްދަލު ކުރެއްވިއެވެ. އަދި ސިއްހީ މަރުކަޒުގެ ހިދުމަތްތައް އިތުރަށް ރަނގަޅުކުރަމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ރައީސް އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.