18 Aug 2021, 13:37
ތިމާވެށިގެ މައްސަލައަށް ހައްލެއް ގެންނަން ބޭނުން ނަމަ ތަންފިޒުކުރަންވީ މޯލްޑިވިއަން ޑިމޮކުރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެނިފެސްޓޯ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ތިން ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ ކިތަންމެ ގިނައިން މަޖިލީހަށް ތިމާވެށީގެ ބިލުތައް ހުށަހެޅި ނަމަވެސް އެކަމަށް ހައްލެތް ނުލިބޭނެކަމަށެވެ.
"އެމްޑީޕީ މެނިފެސްޓޯގައި އެބައޮތް އެކަން ކުރަން. ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއަށް އަމަލުކުރަންވީ. އެ ތަންފިޒުކުރަންވީ. އެހިސާބުން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ. ކިތަންމެ ވަރަކަށް ބިލް ފާސްކުރިޔަސް މިކަމެއް ކުރިއަކަށް ނުދާނެ،" ބޮންޑޭ ވިދާޅުވިއެވެ.
މެމްބަރު ބޮންޑޭ ވިދާޅުވީ ކިތަންމެ ވަރަކަށްވެސް ގާނޫނުތައް ހެދިދާނެކަމަށެވެ. އަދި އެ ގާނޫނަށް އަމަލުކުރުމަށް ގަވާއިދުތައްވެސް ހެދިދާނެކަމަށެވެ. ނަމަވެސް ދައުލަތުގެ ވުޒާރާތަކުގެ ތެރޭ ބޮޑެތި ބާގަނޑުތައް އުފެދިފައިވުމުން ކަންކަން ކުރުމަށް ބޮޑު ހުރަސްތަކެއް ދިމާވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުގެ އެއް ވުޒާރާއާއި އަނެއް ވުޒާރާ ކޯޑިނޭޓް ނުކުރެވޭ. ބޮޑެތި ބާގަނޑުތައް ހެދިފައި އޮންނަނީ. ގާނޫނު ބޭނުންވާގޮތަށް ފާހެއްނުވޭ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ތިމާވެށީގެ މައްސަލަައިގެ އިތުރުން ކޮވިޑް-19 ވެސް ހައްލުނުކުރެވި ދިގުދެމިގެން ދިޔައީ ސަރުކާރުގެ ސަބަބުންކަމަށެވެ.
"މިކަމުގައި ޒިންމާވާން ޖެހޭނީ ސަރުކާރުގެ ވުޒާރާތަކުން. ވުޒާރާތަކުގައި ތިބި ވަޒީރުން އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ،" ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ހަރުދަނާ ގޮތެއްގައި ސަރުކާރު ހިންގޭނީ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮވެގެންކަމަށެވެ. އަދި އެނޫންގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ބަރުލަމާނީ ނިޒާމަކުން ނޫނީ ނުވާނެ މިކަމެއް. މި ރާއްޖޭގެ ޕާލިމެންޓްރީ ލެޖިސްލޭޓިވް އޮނިގަނޑުގެ ތެރެއަށް އަޅުގަނޑުމެން އެބަ ގެންނަންޖެހޭ ބޮޑުވަޒީރު ނިޒާމެއް،" ބޮންޑޭ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައިގަނޑުގޮތެއްގައި ކުރިއަށް ދިޔައީ ބިލުތަކަސް ބަހުސްކުރުމުގެ މަސައްކަތެވެ. އެގޮތުން މިއަދުވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ބަހުސްކޮށްފައެވެ. އަދި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އިސްލާހު ގެނައުމުގެ ބިލަށްވެސް ވަނީ ބަހުސްކޮށްފައެވެ.