އަފްޣާނިސްތާނުގެ އެތެރެއިންނާއި ބޭރުންވެސް ދުޝްމަނުން ބޭނުން ނުވާކަމަށާއި އަދި އަފްޣާނިސްތާނުގެ އެތެރޭގައި ދާޚިލީ ތަޅާފޮޅުމާއި ފިތުނައަށް މަގުފަހިވާފަދަ އަމަލެއް ނުހިންގާނެ ކަމާއި އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން އެގައުމުގެ ކޮންޓްރޯލް ހޯދި ތާލިބާން ޖަމާއަތުން ވަނީ ދީފައެވެ.

އެއްވެސް ބަޔަކާ ދެކޮޅަށް ބަދަލުހިފުމުގެ ވިސްނުމެއްނެތް

ތާލިބާނުން ގެ އަތްދަށަށް އަފްޣާނިސްތާނު ގޮސްފައިވާއިރު އެގައުމުގެ މުސްތަގްބަލާމެދު ތާލިބާނުން ގެންގުޅޭނެ ސިޔާސަތުތަކާބެހޭ ގޮތުން ވާހަކަ ދައްކަމުން އެޖަމާއަތުގެ ތަރްޖަމާން ޒަބީހުﷲ މުޖާހިދު ބުނީ އެއްވެސް ބަޔަކާ ދެކޮޅަށް ބަދަލުހިފުމުގެ ވިސްނުމެއް ތާލިބާނުން ނުގެންގުޅޭ ކަމަށާއި އެޖަމާއަތާމެދު އެއްވެސް ފަރާތަކުން ބިރުނުގަތުމަށް އިލްތިމާސް ކުރާކަމުގައެވެ.

އަންހެނުންގެ ތައުލީމާއި ވަޒީފާއަށް ހުރަހެއް ނާޅާނެ

ތާލިބާނުން އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ނުކުރާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޒަބީޙުﷲ ބުނީ އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ހައްގުތަކެއް އެޖަމާއަތުން އަފްޣާން އަންހެނުންނަށް ކަށަވަރުކޮށްދޭނެ ކަމުގައެވެ. މިގޮތުން އަންހެނުން ވަޒީފާ އަދާކުރުމަށާއި އަންހެނުންގެ ތައުލީމާއި ތަމްރީނާއި މަސައްކަތްތެރިކަމަށް ތާލިބާނުން ހުރަސްނާޅާނެކަމުގެ ޔަގީންކަން ދޭކަމަށް ބުންޏެވެ. މީގެ ވިއްސަކަށް އަހަރު ކުރިއާ އަޅާބަލާއިރު ތާލިބާނުންގެ ފިކުރާއި ވިސްނުމާއި ކަންކަން ތަފްސީރުކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން މުޖާހިދު ފާހަގަކުރިއެވެ.

ނަވާރާ ސަތޭކަ ނުވަދިހަ ހަ ވަނަ އަހަރު ތާލިބާނުންގެ ފުރަތަމަ ވެރިކަން އަފްޣާނިސްތާނުގައި ގާއިމްކުރިއިރު އަންހެނުންގެ އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާކަމުގެ ތުހުމަތު ތާލިބާނުންގެ މައްޗަށް ކުރެވިގެން ދިޔައެވެ. މިގޮތުން ތާލިބާނުންގެ ފުރަތަމަ ވެރިކަމުގައި ތައުލީމާއި ވަޒީފާގެ ފުރުސަތުތަކުން އަންހެނުން މަހްރޫމް ކުރިކަމުގެ ތުހުމަތުވަނީ ތާލިބާންގެ މައްޗަށް ވަނީ ކުރެވިފައެވެ.

ތާލިބާނުންގެ ފިކުރާއި ވިސްނުމާ އަދި ދީނުގެ ނަމުގައި ކަންކަން ތަފްސީރުކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް

ތާލިބާނުންގެ ފިކުރާއި ވިސްނުމާ އަދި ދީނުގެ ނަމުގައި ކަންކަން ތަފްސީރުކުރާ ގޮތަށް ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި ބޮޑެތި ބަދަލުތަކެއް އައިކަން ފާހަގަކުރަމުން އަފްޣާން މުޖްތަމައުގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހަރަކާތްތެރި ދައުރުތައް އަދާކުރުމުގެ ހުރިހާ ފުރުސަތުތަކެއް އަންހެނުންނަށް ދޭނެކަމުގެ ޔަގީންކަން ތާލިބާނުންގެ ތަރުޖަމާން ދިނެވެ. މިގޮތުން އަފްޣާނިސްތާނުގައި އެކުލަވާލާ ސަރުކާރުގައި ބައިވެރިވުމަށް އަންހެނުންނަށް ބާރުއަޅާކަމަށާ ތާލިބާނުން ގެ އަތްދަށަށް ގޮސްފައިވާ އަފްޣާނިސްތާނުގެ އެއްވެސް ސްޓޭޓެއްގައި އަންހެނުން ގެ ތައުލީމަށް ހުރަސްއަޅައި އަންހެނުންގެ ސްކޫލެއް އަދި އިންސްޓިޓިއުޓެއްވެސް ބަންދުކޮށްފައި ނުވާނެކަން ތަރުޖަމާން ހާމަކުރިއެވެ.

އަފްޣާނިސްތާނުގެ މިނިވަންކަމަށް ތާލިބާނުން ކޮށްފައިވަނީ ވަރުގަދަ ޖިހާދެއް

އެމެރިކާއާއި ނޭޓޯގެ އިސްތިއުމާރުން އަފްޣާނިސްތާން މިނިވަން ކުރުމަށްޓަކައި ވިހި އަހަރުވަންދެން ތާލިބާނުންކުރި ޖިހާދުގައި އެޖަމާއަތް އެންމެފަހުން މިވަނީ އެމެރިކާއާއި ނޭޓޯގެ ބާރުގަދަ ލަޝްކަރުތައް އެގައުމުން ބޭރުކޮށްލުމުގައި ކާމިޔާބު ހޯދާފައެވެ. މިއީ ތާލިބާނުންގެ ހިއްވަރުން ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުގެ މައްޗަށް އެޖަމާއަތުން ހޯދި އާދަޔާ ޚިލާފު ނަސްރެއް ކަމަށް އެތަށް ބަޔަކު ގެންދަނީ ސިފަކުރަމުންނެވެ.

ވިހި އަހަރަށްފަހު ތާލިބާނުން އަލުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމުން ބައިނަލްއަގްވާމީ މުޖުތަމައުންވަނީ ތާލިބާނުންގެ ވެރިކަމުގައި އަފްޣާން އަންހެނުންގެ ޙައްޤުތައް ގެއްލިދާނެކަމުގެ ބިރުއޮތްކަމަކަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަންބޮޑުވުމާއެކު އދ. ންވަނީ އަފްޣާން އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އިސްކަން ދިނުމަށް ތާލިބާނުންނަށް ގޮވާލާފައެވެ.

ޓެރަރިޒަމާ ހަނގުރަމަ ކުރުމުގެ ނަމުގައި 2001 ވަނައަހަރު އެމެރިކާ އަފްޣާނިސްތާނަށް ގަދަބާރުން އަރައި އަފްޣާން ރައްޔިތުންގެ ބޮލަށް ބޮންއެޅުންފަދަ ލާއިންސާނީ އިސްތިއުމާރީ ހަރަކާތްތައް ހިންގަމުން ގެންދިޔަ ދުވަސްވަރު އަފްޣާނިސްތާނުގައި އެމެރިކާ އުފެއްދި ވެރިކަމުގެ ނިޒާމު، ތާލިބާނުން ކާބުލްއަށް އެރުމާއެކުވަނީ ރޫޅިގެން ގޮސްފައއެވެ. އަފްޣާނިސްތާނަށް އެމެރިކާ އަރައި އިސްތިއުމާރީ ހަރަކާތްތައް ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި އެމެރިކާ ހިންގި ނަމަވެސް އަފްޣާނިސްތާން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތް އެމެރިކާ ކޮށްފައެއް ނުވެއެވެ. މިކަން އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސްވަނީ ހާމަކުރައްވާފައެވެ.

އެމެރިކާގެ އިސްތިއުމާރަށް ވާގިވެރިވި ފަރާތްތަކާ ދެކޮޅަށްވެސް ބަދަލުހިފުމުގެ ވިސްނުމެއް ތާލިބާނުން ނުގެންގުޅޭ

އަދި އަފްޣާނިސްތާނަށް ގަދަބާރުން އަރައި ހަނގުރާމަ ކުރަމުން ގެންދިޔަ އެމެރިކާއާއި ނޭޓޯގެ ލަޝްކަރުތަކަށް އެހީތެރިކަން ފޯރުކޮށްދިން އަފްޣާން އާންމުން ގެންދަނީ ތާލިބާނުން ބަދަލުހިފުމުގެ އަމަލެއް އެމީހުންނާ ދެކޮޅަށް ހިންގަފާނެތީ އަފްޣާނިސްތާން ދޫކޮށް ފިލުމަށް މަސައްކަތް ކުރަމުންނެވެ. މި ފަރާތްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ތާލިބާނުންގެ ތަރުޖަމާން ވަނީ އެފަދަ މީހުން ހޯދައި އެމީހުންގެ ކިބައިން ބަދަލުހިފުމުގެ ވިސްނުމެއް ތާލިބާން ޖަމާއަތުން ނުގެންގުޅޭކަމުގެ ޔަގީންކަން ދީފައެވެ.

ތާލިބާނުންވަނީ އަފްޣާން ހަނގުރާމަ ނިމިއްޖެކަމާއި މައާފް ދިންކަންވެސް އިއުލާން ކޮށްފައި

ތާލިބާނުންވަނީ އަފްޣާން ހަނގުރާމަ ނިމިއްޖެކަން އިއުލާންކޮށް ހުރިހާ ފަރާތްތަކަށް މައާފް ދިންކަންވެސް އިއުލާން ކޮށްފައެވެ. އެމެރިކާ އަފްޣާނިސްތާނަށް ގަދަބާރުން އަރައި ހިންގި އިސްތިއުމާރީ ހަރަކާތްތަކުގައި އަފްޣާނިސްތާނުގެ ފަސްލައްކައާއި އައް ލައްކައާ ދެމެދުގެ އަދަދެއްގެ މީހުން މެރިކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވަނީ ކުރެވިފައެވެ.

އެމެރިކާގެ ވެރިން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރުު ކުރުން

އެމެރިކާ އަފްޣާނިސްތާނުގައި ހިންގި ޖަރީމާތަކާ ގުޅިގެން އެމެރިކާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖޯޖް ޑަބްލިޔު ބުޝްއާއި ބަރަކް އޮބާމާ އާއި އެމެރިކާގެ ބައެއް އެހެން މަސްއޫލުވެރިންވެސް ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރުު ކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުންވަނީ އެތަށް ފަހަރަކު ގޮވާލާފައެވެ.