18 Aug 2021, 12:42
ގދ. ވާދޫގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިނގަމުން ނުދާތީއާއި މަޝްރޫއުތައް ނުފެށި ލަސްވެފައިވާތީ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޒާހިރު ވިދާޅުވީ ކައުންސިލުތަކަށް މާލީ ބާރުވެރިކަން ލިބުމުން ދާއިރާގެ ތަރައްގީ އަވަސްވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލުތަކަށް ލިބިފައިވާ ބާރުތައް، މާލިއްޔަތުގެ ގާނޫނުން ފުށުއަރާތީ މިހާތަނަށް ވާދޫގައި ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ހިނގަމުން ނުދާކަމަށް ޒާހިރު ވިދާޅުވިއެވެ.
"މިހާތަނަށް ވާދޫގަ އެންމެ ޕްރޮޖެކްޓެއްވެސް އަދި ހިނގަމަކުން ނުދޭ،" ޒާހިރު ވިދާޅުވިއެވެ.
އެގޮތުން މި އަހަރުގެ ޖެނުއަރީގައި ވާދޫގައި ފެށުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްވެސް އަދިވެސް ނުފެށޭކަން ފާހަގަކުރައްވައި މެމްބަރު ޒާހިރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"މި އަހަރު ޖެނުއަރީގަ ފެށެން އޮތް ފެނާއި ނަރުދަމާގެ ޕްރޮޖެކްޓު އަދިވެސް ނުފެށޭ،" ޒާހިރު ވިދާޅުވިއެވެ
ޒާހިރު އިތުރަށް ވިދާޅުވީ ކައުންސިލްތަކަށް މާލީ ބާރު ދީފައި އޮތް ނަމަ މިހާރު އެރަށުގައި ކޮންމެވެސް ކަހަލަ ޕްރޮޖެކްޓުތަކެއް ކައުންސިލުން ހިންގާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އަދި ކައުންސިލަށް، އޭގެ ޒާތުގައި ހަގީގީ ބާރުވެރިކަމުގައި ކައުންސިލްތައް ހިންގޭނެގޮތް ހަދައިދޭންޖެހޭ ކަމަށް ޒާހިރު އިތުރަށް ވިދާޅުވިއެވެ.