18 Aug 2021, 23:43
އޭއެފްސީ ކަޕަށް ނިކުންނައިރު އެއްވެސް ބަހަނާއެއް ދައްކަން ބޭނުން ނުވާ ކަމަށާއި މެޗުތައް މާލޭގައި ކުޅުނަސް، ހަވީރު ކުޅުނަސް މައްސަލައެއް ޖައްސަން ބޭނުން ނުވާކަމަށް އޭޓީކޭ މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ހާބާސް ބުނެފިއެވެ.
މިއަދު ހާވީރު ދެކުނު އޭޝިއާގެ އޭއެފްސީ ކަޕު ފުރަތަމަ މެޗުގައި ވާދަވެރި އިންޑިއާ ކްލަބު ބެންގަލޫރު އާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ހާބަސް ބުނީ ރަނގަޅު މެޗުތަކެއް ކުޅެލަން ލިބުން އެއީ ފައިދާއެއް ކަމަށެވެ.
"ވާދަވެރި މެޗުތަކެއް ކުޅެން ލިބިފައި ހުރުމަކީ އެޑްވާންޓޭޖަކަށް ވެދާނެ. ބަޝުންދަރި ލީގުގައި މެޗުތައް ކުޅެފައިވަނީ. މާޒިޔާވެސް ތިން މެޗު ކުޅެފި." ހާބަސް ބުންޏެވެ. މާޒިޔާ އަދި ބަޝުންދަރަ އާ ބެހޭ ގޮތުން ހާބާސް ބުންޏެވެ.
އިންޑިއާ ސުޕަ ލީގުގެ ވާދަވެރި ކްލަބު ބެންގަލޫރުއަށް އިހްތިރާމް ކުރާ ކަމަށާ އެޓީމުގެ ކުޅުންތެރިންގެ ކުޅުމުގެ ވައްޓަފާޅި ވަރަށް ރަނގަޅަށް އިނގޭކަމަށް ހާބާސް ބުންޏެވެ.
"އަހަރެމެން ބެންގަލޫރުއަށް ރެސްޕެކްޓް ކުރާނަން. ބެންގަލޫރު އިނގޭ. މިމެޗުގައި ބައިކޮޅަށް ލަނޑު ވަނުމުގެ ފުރުސަތު އެބައޮތް. ބެންގަލޫރު ޓީމުގެ އެޓޭކު ރަނގަޅު." ހާބަސް ބުންޏެވެ.
ކޮވިޑް-19ގެ ހާލަތުގައި ދަތުރުތައް ކުރުން ޖެހުން އެއީ ތަކުލީފެއް ކަމަށާއި ނަމަވެސް ފުޓުބޯޅަ ކުޅުންތެރިންގެ ޒިންމާ އަކީ މުބާރާތްތަކުގައި ކުޅުން ކަމަށް އޭނާ ބުންޏެވެ. ސަރަހައްދީ މުބާރާތެއްގައި ކުޅެލަން ލިބުމަކީ އުފަލެއްކަމުގައިވެސް ހާބާސް ބުންޏެވެ.
މޯހަން ބަގާންގެ އަޔަލެންޑް މިޑްފިލްޑަރު ކާލް މިކްހިއު ބުނީ ކުޅުންތެރިންތަކެއް ޓީމާ ގުޅިފައިވާ ކަމަށާއި ޓިމުގެ ހުރިހާ ކުޅުންތެރިންވެސް ވަރަށް މުހިންމު ކަމަށެވެ. ގިނަ ކުޅުންތެރިންނަކީ ފާއިތުވެދިޔަ ދެއަހަރުވެސް އެކުގައި ކުޅެފައިވާ ކުޅުންތެރިންކަމަށާއި ޓީމުގެ ރޫހު ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ.
މޯހަން ބަގާން އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މާޗު މަހު ކަމަށާއި ފިޓްނެސްއަށް އިސްކަންދީގެން ކޭމްޕުގައި މަސައްކަތް ކޮށްފައިވާކަމަށް މިކްހިއު ބުންޏެވެ.
"މުބާރާތައް ތައްޔާރުމުގެ ގޮތުން ފިޓްނަސްއަށް ހާއްސަ ސާމާލުކަމެއް ދީގެން ކަލްކަޓާގައި މަސައްކަތް ކޮށްފައިވާނީ. ދެން ތަންކޮޅެއް ދުވަސް މަދު އަސްލު ބޭނުންވި ވަރަށް ވުރެ. އެކަމަކު އެއީ ބަހާނާއެއް ނޫން. އެންމެވެސް މިތިބީ ތައްޔާރަށް،" މިކްހިއު ބުންޏެވެ.
މޯހަން ބަގާން އަދި ބެންގަލޫރު އެފްސީ ބައްދަލު ކުރާ މެޗު ފަށާނީ މިއަދު ހަވީރު 4:00 ގައެވެ.