ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސްގެ ކޯޗު އަދި ކުރީގެ ނިއު ރޭޑިއަންޓުގެ އޮސްކާ ބްރުޒޯންގެ ހިތުގައި ރާއްޖެއަށް އޮތީ ހާއްސަ މަގާމެކެެވެ. އިއްޔެ ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްއަށް ވަނުމަށްފަހު އޮސްކާ އެންމެ ފުރަތަމަ ވެސް ބުނީ ރާއްޖެއަކީ "މައި ސެކަންޑް ހޯމް" ނުވަތަ އޭނާގެ ދެވަނަ ގެ ކަމަށެވެ.

އޮސްކާއަށް ރާއްޖެ ހާއްސަވާ ސަބަބުތައް ގިނައެވެ. ޒަމާންތަކެއް ވަންދެން ދިވެހި ލީގުގެ އެންމެ މަތީ ފަންތީން ގެއްލިފަ އޮތް ދިވެހި ފުޓުބޯޅައިގެ ގަދަބާރު ނިއު ރޭޑިއަންޓު ހަމަ ނިދިން ހޭލައްވާލައި ނިއުގެ ނޫ ބާޒުންގެ ފިޔަގަނޑު ހުޅުވާލަ ދިނީ އޮސްކާއެވެ.

އޮސްކާގެ ބެލުމުގެ ދަށުގައި މޮޅު ކުޅުމަކަށް ނިއު ރޭޑިއަންޓު ފައްކާކުރިއެވެ. ދިވެހި ލީގުގެ އިތުރުން އެފްއޭ ކަޕް، ޕްރެޒިޑެންޓްސް ކަޕު އަދި ޗެރިޓީ ޝީލްޑުވެސް އޮސްކާގެ އިރުޝާދުގެ ދަށުން ނިއު ރޭޑިއަންޓު އުފުލާލިއެވެ.

ނިއު ރޭޑިއަންޓު ގޮވައިގެން އޭއެފްސީ ކަޕަށް ނިކުމެ ތަފާތު މޮޅު ކުޅުމެއް ދެއްކިއެވެ. ނިއު ރޭޑިއަންޓް 2018 ވަނަ އަހަރުގެ މުބާރާތުން ކެޓީ އިންޑިއާގެ އައިޒޯލް އަތުން ބަލިވެގެންނެވެ. ގްރޫޕް ސްޓޭޖު ނިމުން އިރު ނިއު އޮތީ ގްރޫޕުގެ ދެވަނަ މަގާމުގައެވެ. ބެންގަލޫރު ދެވަނަ ބުރަށް ދެމިގަތް ނަމަވެސް މާލޭގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުންވެސް އޮސްކާ ވަނީ ބެންގަލޫރުގެ މައްޗަށް ކުރި ހޯދާފައެވެ.

މާލީ ބޮޑެތި މައްސަލަތަކެއް ދިމާވެ ކުޅުންތެރިންނާ ކޯޗިން ސްޓާފުންގެ މުސާރަ ނުދެވޭ ހިސާބަށް ނިއުގެ ހާލަތު ދިއުމާއެކު ނިއު ރޭޑިއަންޓުން ހިތާދެކޮޅަށްނަމަވެސް އޮސްކާ ބްރުޒޯން ދޫކޮށްލިއެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިން އިންޑިއާގެ މުމްބާއި އަދި ސްޕޯޓިން ގޯއާ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އޮސްކާ އަކީ ސަރަހައްދީ ފެންވަރުގެ އެންމެ ގިނަ ގައުމުތަކުގެ ތަޖުރިބާ ހުރި އެއް ކޯޗެވެ. ނިއު ރޭޑިއަންޓު ދޫކޮށްލުމަށްފަހު އޮސްކާ ބަދަލުވީ ބަންގްލަދޭޝްގެ މުއްސަނދި ކްލަބު ބަޝުންދަރަ ކިންގްސްއަށެވެ.

ބަންގްލަދޭޝްއިންވެސް ފެނިގެންދަނީ ރާއްޖޭއިން ފެނުނު މަންޒަރެވެ. ބަޝުންދަރަ ޓީމާ ހަވާލުވިފަހުން ބަންގްލަދޭޝް ލީގު އެހެން ޓީމަކަށް އަދި ނުނެގެއެވެ. ބަންގްލަދޭޝްގެ ޒަމާންވީ ގަދަ ބާރުތައް އޮސްކާ ނިކުމެ ވަނީ ފަހަތަށް ޖައްސާލާފައެވެ. ޒަމާންވީ ގަދަ ބާރުތައްކަމުގައިވާ ޑާކާ އަބަހާނީ އަދި ސެއިހް ޖަމާލް ދަންމޮންދީ ކްލަބަށް ބަޝުންދަރަ އާ އަރާ ހަމަ ކުރެވޭ ގޮތެއް ނުވެއެވެ.

އެންމެ ފަހުގެ ބަންގްލަދޭޝް ލީގުގެ ތާވަލަށް ބެލިއަސް މިކަމަށް ބާރުދެއެވެ. 21 މެޗު ކުޅެ 58 ޕޮއިންޓް ހޯދާފައިވާ ބަޝުންދަރާ ލީގުގައި ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ބައިކޮޅަށް ނުވަ ލަނޑު ވަދެފައިވާއިރު ބަޝުންދަރަ ވަނީ 55 ގޯލު ޖަހާފައެވެ.

ނިއު ރޭޑިއަންޓުގެ ކޯޗުގެ ގޮތުގައި އޮސްކާ ހުރި އިރު ނިއުއަށް އެންމެ ބޮޑު ޗެލެންޖެއް ދިން ޓީމަކީ މާޒިޔާއެވެ. މިރޭ ކުޅޭ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕް މެޗުގައިވެސް އޮސްކާ ނިކުންނަނީ މާޒިޔާ އާ ދެކޮޅަށެވެ. އެކަމަކު ބަޝުންދަރަގެ ބެންޗުންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅޭ ޓީމުތަކުގެ ތެރެއިން އެންމެ ހަގު އަދި ތަޖުރިބާ މަދު ޓީމަކީވެސް ބަޝުންދަރައެވެ. ނަމަވެސް އޮސްކާގެ ވިސްނުން ހުރީ ބަޝުންދަރަ ގޮވައިގެން ނިކުމެ ގްރޫޕް ސްޓޭޖު ކާމިޔާބު ކުރުމަށެވެ.

"މާޒިޔާ ވަނީ ހަ އަހަރު އޭއެފްސީ ކަޕުގައި ކުޅެފަ. މޮހަން ބަގާން އަކީ 100 އަހަރަށް ވުރެ ގިނަ ދުވަސްވީ ފިގެ ތާރީހެއް އޮތް ކްލަބެއް. ބެންގަލޫރު ވަނީ މީގެ ކުރިން އޭއެފްސީ ކަޕް ފައިނަލުގައި ކުޅެފަ،" އޮސްކާ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

ބަންގްލަދޭޝްގެ ލީގުގެ އިތުރުން އޭއެފްސީ މުބާރާތްތަކުގައިވެސް ރަނގަޅު ނަތީޖާތަކެއް އޭނާ ނެރެން ބޭނުންވާ ކަމަށާއި ދެކުނު އޭޝިއާ ފުޓުބޯޅައިގެ ގަދަ ބާރަކަށް ބަޝުންދަރަ ހަދަން ބޭނުންވާކަމަށް އޮސްކާ ބުންޏެވެ.

އޮސްކާ ސިފަ ކުރާނީ މާޒިޔާއަކީ ރާއްޖޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މާޒިޔާގެ ސްކޮޑު ވަރުގަދަ ކަމަށާއި އެޓީމު މުބާރާތައްވެފައިވާ ތައްޔާރީތައް ރަނގަޅު ކަމަށްވެސް އޮސްކާ ބުންޏެވެ. އެހެންނަމަވެސް މާޒިޔާގެ ޓީމު ފެންނަ ފެނުމުގައި އެޓީމުގެ ޑިފެންސް ލައިން ރަނގަޅު ނޫން ކަމަށްވެސް އޮސްކާ ބުންޏެވެ.

"މިމެޗުގައި ކުޅެނީ ބަންގްލަދޭޝްގެ އެއް ވަަނަ ޓީމާއި ރާއްޖޭގެ އެއް ވަނަ ޓީމު. އަހަރެން ދެކޭ ގޮތުގައި މާޒިޔާގައި ޓީމު އޮތީ ޑިފެންސަށް ފޯކަސް ކޮށްފައެއް ނޫން. އެ ޓީމު ފޯކަސްކޮށްފަ އޮތީ އެޓޭކިން ކުޅުމަކަށް. މާޒިޔާ ފެންނަނީ ޑިފެންސް އެހާ ވަރުގަދަކޮށެއް ނޫން" އޮސްކާ ބުންޏެވެ.

މާޒިޔާ އާއި ބަޝުންދަރަ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:00 ގައެވެ.