ކެރަމް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މާދަމާ ފެށުމަށް ހަމަޖެހިފައިވާ 14 ވަނަ އިންޓަ ސްކޫލް ކެރަމް މުބާރާތުގެ ގުރުއަތުލުން އިއްޔެ ބާއްވާފި އެވެ.
ކެރަމް ހޯލުގައި ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 15 ސުކޫލަކުން 234 ކުޅުންތެރިއަކު ވާދަކުރެއެވެ.
ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ބާއްވާ މިމުބާރުތައި ކުޅެވޭނީ އެގާރަ އަހަރުން ދަށާއި، ތޭރަ އަހަރުން ދަށާއި، ސޯޅަ އަހަރުން ދަށާއި އަދި ނަވާރަ އަހަރުން ދަށުގެ އުމުރު ފުރާތަކެވެ.

އެގާރަ އަހަރުން ދަށުގެ އުމުރު ފުރާގައި ކުޅުމަށް ހަމަޖެހިފައިވަނީ ސިންގަލްސް އިވެންޓާއި ޑަބަލްސް އިވެންޓުގެ މެޗުތަކެވެ.

ތޭރަ އަހަރުން ދަށް، ސޯޅައަހަރުން ދަށް އަދި ނަވާރަ އަހަރުން ދަށުގައި ކުޅުމަށް ހަމަޖެހިފައިވަނީ ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ އިތުރުން ޓީމް އިވެންޓުގެ މެޗުތަކެވެ.

މި މުބާރާތުގައި ވާދަކުރާ ސުކޫލް ތަކަކީ އަރަބިއްޔާ، އަމީނިއްޔާ، ދަރުމަވަންތަ، ގަލޮޅު، ޤިޔާސުއްދީން، ހިރިޔާ، އިމާދުއްދީން، އިސްކަންދަރު، ޖަމާލުއްދީން، ކަލާފާނު، ލާލޭ، މަޖީދިއްޔާ، މުހިއްދީން، ތާޖުއްދީން އަދި ވިލާ އިންޓަނޭޝަނަލް ހައި ސުކޫލެވެ.