19 Aug 2021, 12:14
ހޮނިހިރު ދުވަހު ހެއިޓީއަށް އައި ބިންހެލުމުގައި 1,941 ފުރާނަ މިހާތަނަށް ގެއްލިފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.
އެ ގައުމުގެ އޮފިޝަލުން ބުނީ މިއީ ކުރިން ލަފާކުރި އަދަދަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ ގިނަ އަދަދެއްކަމަށެވެ.
ހައިޓީއަށް އައި ބިންހެލުމުގެ ބާރުމިނުގައި 7.2 މެގްނިޓިއުޑް ހުރިއިރު ގާތްގަޑަކަށް 10،000 އެއްހާ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ. ޔުނައިޓެޑް ނޭޝަންސް (އދ)އިން ވަނީ މި ހާދިސާގެ ސަބަބުން 500،000 އެއްހާ ކުޑަކުދިންނަށް ބޯހިޔާވަހިކަމާއި، ކެއިން ބުއިމުގެ އިތުރުން ސާފު ބޯފެން ލިބުމުގައި ދަތިތަކާއި ކުރިމަތިވެފައިވާކަމަށް ބުނެފައެވެ.
"ބިންހެލުމުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައި. ވަރަށް ގިނަ އާއިލާތައް މިހާރުވަނީ އެ ދައްޗާވެސް ކުރިމަތިލާން ޖެހިފަ،" ހައިޓީގައި ހުންނަ ޔޫއެން ޗިލްޑްރެންސް ފަންޑުގެ ރެޕްރެޒެންޓޭޓިވް ބުރޫނޯ މައޭސް ބުންޏެއެވެ.
ބިންހެލުމުން އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ ހެއިޓީގެ ހުޅަގު ދެކުނަށެވެ. ހާއްސަކޮށް އެގައުމުގެ ލެސް ކޭއިސް ސިޓީއަށެވެ. މީގެ ކުރިން 2010 ވަނަ އަހަރު ހައިޓީއަށް އައި ބިންހެލުމެއްގައިވެސް އެގައުމުގެ އެތައް ބައެއްގެ ފުރާނަ ގެއްލި ބޮޑެތި ގެއްލުންތަކެއް ވިއެވެ.