18 Aug 2021, 11:16
ހިޔާ ފްލެޓުގެ އެތެރޭގެ މަސައްކަތް ނުވަތަ ފިނިޝިން މަސައްކަތްކުރުމުގެ އުސޫލު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކޮށްފިއެވެ.
އެޗްޑީސީން ބުނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެ ކޯޕަރޭޝަނުން ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއާއެކު ފްލެޓްތަކުގައި މަސައްކަތް ކުރެވޭނެހެން އިއްޔެ އިން ފެށިގެން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. އަދި އެއާއެކު އާންމުންނަށް ފިނިޝިން މަސައްކަތްކުރުމަށް ހުޅުވާލާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެއުސޫލުގެ ބޭނުމަކީ ފްލެޓު ލިބފައިވާ ފަރާތްތަކަށް ކުރު މުއްދަތެއްގައި ފަސޭހަކަމާއެކު ފިނިޝިން މަސައްކަތް ނިންމުމަށް ފުރުސަތު ދިނުންކަމަށެވެ. އެގޮތުން އެ އުސޫލު ބުނާގޮތުން ފްލެޓަށް އެއްވެސް ބަދަލެއް ގެންނަނަމަ އެ ކޯޕަރޭޝަނުގެ ހުއްދަ ހޯދަން ޖެހޭނެއެވެ.
އަދި އިމާރާތުގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެއްކަމަށް އެޗްޑީސީން ބުނެއެވެ. ހަމައެއާއެކު ހުއްދައާ ނުލާ ފްލެޓަށް ބަދަލެއް ގެނެސްގެން ކުރިމަތިވާ މައްސަލަތަކުގެ ޒިންމާ ފްލެޓްގެ ވެރި ފަރާތުން އުފުލަން ޖެހޭނެކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ ގޮތަށް ހަމަޖެހިފައިވަނީ ތިން މަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމާއެކު ކުލި ނަގަން ފަށާނެކަމަށް އެޗްޑީސީއިން އުސޫލުގައި ބުންޏެވެ.
ނަމަވެސް ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ހަތަރު މަސް ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
"ދެން މިހާރު ނިންމާފަ އަޅުގަނޑުމެން މިއޮތީ ހަތަރު މަސް ދުވަސް ދޭން ފުލެޓުގަ ނުނިމި ހުރި މަސައްކަތް ކުރަން. އެއީ މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް. އެހެންވީމަ ޑިސެމްބަރުގެ ނިޔަލަށް ދައްކަންޖެހޭ ކުލި ނުވަތަ މަހަކު ދައްކަންޖެހޭ ފީ ދައްކާކަށް ނުޖެހޭނެ ޑިސެމްބަރުގެ ނިޔަލަށް. ޖެނުއަރީން ފެށިގެން ދައްކަން ފަށަން ޖެހޭނީ،" މި މަހުގެ 14 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުހައިލް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ސުހައިލް ވިދާޅުވީ ގިނަ ބައެއްގެ އެދުމުގެ މަތިން ފިނިޝިންގެ މަސައްކަތް ނިންމުމަށް ދީފައިވާ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިއީ ކުރިން ދީފައިވާ މުއްދަތަށްވުރެ އެއް މަސް ދުވަހުގެ އިތުރު މުއްދަތެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ފިނިޝިންގެ މަސައްކަތް ނިންމަން ހަތަރު މަސް ދިނުމަށް މިހާރު ނިންމާފައިވާއިރު ފުލެޓުތަކުގެ ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ކަަމަށް ސުހައިލް އޭރު ވިދާޅުވިއެވެ.
އެހެންނަމަވެސް އެޗްޑީސީއިން މިއަދު އާންމުކުރި އުސޫލުގައި އޮތީ ފިނިޝިން މަސައްކަތަށް ތިން މަސް ދުވަސް ދޭން ނިންމާފައެވެ.
މިކަމާ ގުޅިގެން އެޗްޑީސީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެގްރީމަންޓުގައި ދިނުމަށް އެއްބަސްވެފައި އޮންނާނީ ތިން މަސް ދުވަސްކަމަށެވެ. ނަމަވެސް ފަހުން އިތުރަށް ދިނުމަށް ނިންމާފައިވާ އެއްމަސް ދުވަހަކީ އެގްރީމަންޓުގެ ބޭރުން ދޭ އެއް މަސް ކަމަށެވެ. އެހެންކަމުން ފިނިޝިން ގެ މަސައްކަތް ކުރުމަށް ކަނޑައެޅި އުސޫލުގައި އޮންނާނީ އެގްރީމަންޓުގައި އޮތް މުއްދަތުކަމަށެވެ. އެހެންވުމާއެކު އުސޫލުގައި އެހެން އޮތަސް ފިނިޗިން މަސައްކަތް ކުރަން ޖުމްލަ ހަތަރު މަސް ލިބޭނެކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.