މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމި ނިންމުން ބަދަލުކޮށް، އެ ފުރުސަތު ދިނުމަށް އަކްރަމް އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އަކްރަމްއަށް ވާދަ ނުކުރެވޭނެކަމަށް އެ ޕާޓީން ކަނޑައެޅީ، އޭނާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށް ބުނެއެވެ.

ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އަކްރަމް ލިޔުއްވި ސިޓީއެއްގައި އޭނާ ވަނީ، އޭސީސީން 2018އިގައި ނެރުނު ލިސްޓެއްގައި އޭނާގެ ނަން ހިމަނާފައިވާތީ އެކަމާ ބެހޭ ގޮތުން ކޮމިޝަނުން މައުލޫމާތު ސާފު ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި އަކްރަމްއާ ބެހޭ ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށް އޭސީސީން ދިން ޖަވާބުގައި ބުނެފައިވާކަމަށް އޭނާގެ ސިޓީގައިވެއެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވި ގޮތުގައި އޭސީސީގައި އޮތް މައްސަލައަކާ ގުޅިގެން ގައުމީ މަޖިލީހުގެ އިންތިހާބުގައި އެމީހަކަށް ވާދަ ނުކުރެވޭނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި އޭސީސީން އެއްވެސް މުއައްސަސާއަކަށް އެމީހެއްގެ ނަން ފޮނުވާފައިވާ ނަމަކަމަށް އަކްރަމްގެ ސިޓީގައިވެއެވެ.

ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަކްރަމްއަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އޭސީސީން އެއްވެސް މުއައްސަސާއަކަށް އޭނާ ނަން ފޮނުވާފައިވާކަން އެނގިފައި ނުވާ ކަމަށް އެ ސިޓީގައިވެއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އޭސީސީން ބަލާ މައްސަލައެއް ނިމުމުން އެ މައްސަލައިގައި ޒިންމާ އުފުލަން ޖެހޭކަމަށް ކޮމިޝަނަށް ބެލެވޭ ފަރާތަކަށް، އެކަން އެ ކޮމިޝަނުން އަންގަން ޖެހޭނެ ކަމަށް އޭސީސީގެ ގާނޫނުގައިވެއެވެ. އަދި އެފަދަ ރިޕޯޓެއް މިހާތަނަށް އޭސީސީގެ ފަރާތުން އޭނާއަށް ލިބިފައި ނުވާކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މާލެ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމެވި އަކްރަމް ވިދާޅުވި ގޮތުގައި އޭނާއަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޕާޓީގެ އުސޫލުތަކާ ހިލާފަށެވެ. އަދި އެ އިންތިހާބާ ދިމާކޮށް ވާދަ ކުރެވޭނެ މީހުންގެ ޝަރުތުތައް ބަދަލު ކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ފުށޫ އަރާކަމެއް ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދުގައި ނުހިމެނޭ ޝަރުތުތަކެއް ޕާޓީގެ ހިންގާ ކޮމިޓީއަށް އިތުރު ނުކުރެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ނަން ހިމެނިފައިވާކަމަށް ބުނެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަަމަށް އެ ޕާޓިން ވަނީ އަންގާފައެވެ.