ގއ. މާމެންދުއާއި އދ. ދަނގެތިން ޕޮޒިޓިވް ކޭސް ތަކެއް ފެނުމާ ގުޅިގެން އެ ދެރަށް މިނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒީޒު "ސަން"އަށް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވީ ގދ. ތިނަދުއިން ކޮވިޑަށް ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާ ކަމަށެވެ.

މާމެންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކޮވިޑް ކޭހާ ގުޅިގެން އެ ރަށު ސުކޫލުގެ ދެ ކްލާހެއް މިވަގުތު ބަންދުކޮށްފައިވާ ކަމަށެވެ.

"މާމެންދޫ ސްކޫލުގެ ދެ ކްލާހެއް މިހާރު ވަނީ ބަންދު ކުރެވިފަ. ޕޮޒިޓިވްވީ ޔޫކޭޖީ ގަ ކިޔަވާ ދެ އަހަރުގެ ކުއްޖެއް. ދެން އެ ކުއްޖާގެ މަންމަ. ދެން ގްރޭޑް ދިހައެއްގަ އުޅޭ ކުއްޖެއް. މިހާރު ކުލާހުގެ ހުރިހާ ކުދިން ޓެސްޓް ކުރަނީ. ދެ ކްލާހެއް މިވަގުތު ހިފެހެއްޓިފަ ވަނީ. އެއީ ދިހައެއް ނުވައެއް އަދި ޔޫކޭޖީ،" އަޒީޒު ވިދާޅުވިއެވެ.

ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "ސަން"އަށް ވިދާޅުވީ ޕޮޒިޓިވްވީ އެރަށު ފްލޫ ކްލިނިކަށް ދެއްކި އުމުރުން ހަ އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވްވީ ކުއްޖާ މާލެ ނުދާތާ މަހެއްހާ ދުވަސް ވެއްޖެ ކަމަށެވެ.

"ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. ވަރަށް ގާތް ގާތުގަ މިމަހު ތެރޭގަ މިރަށް މޮނިޓަރިންއަށް ގެނައި. މިއަދާ ހަމައަށް ބައިވަރު ސާމްޕަލް ތަކެއް ވާނީ ފްލޫ ކްލިނިކަށް ފޮނުވާފަ. އަދި އޭގެ ނަތީޖާ ތަކެއް ނުލިބޭ. ނަތީޖާ ލިބުމުގަ ވަރަށް ދަތިތައް އުޅޭ،" މުއާވިޔަތު ވިދާޅުވިއެވެ.

މާމެންދުއާއި ދަނގެތީގެ އިތުރުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ޖުމުލަ 15 ރަށެކެވެ.

މިވަގުތު މިނިޓަރިންގެ ހާލަތުގައިވާ ރަށްރަށް:

  • ރ. ދުވާފަރު

  • ކ. ކާށިދޫ
  • މ. ކޮޅުފުށި
  • ށ. ފީވަށް
  • ހއ. ތަކަންދޫ
  • ދ. ކުޑަހުވަދޫ
  • އއ. ހިމަންދޫ
  • ތ. ހިރިލަންދޫ
  • ހދ. މަކުނުދޫ
  • ބ. އޭދަފުށި
  • ބ. ކަމަދޫ
  • އދ. ހައްޏާމީދޫ
  • ހއ. އިހަވަންދޫ
  • ގއ. މާމެންދޫ
  • އދ. ދަނގެތި