18 Aug 2021, 08:13
"ލެޓްސް ގިވް ދިސް އަ ޓްރައި..." އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، ރިއުމާން އެހެން ބުނެލުމާއެކު، އަޒްހާ ދިޔައީ ސިއްސައިގެންނެވެ.
ރިއުމާންގެ އެ ޖުމްލައާއެކު އަޒްހާގެ ބަސް ހުއްޓި މީހާ ގަނޑުވިއެވެ. ހަށިގަނޑުގެ ލޭ ދައުރުވުންވެސް ހީވީ ހިނދުކޮޅަކަށް މަޑުޖެހިލިހެންނެވެ. މީހާ ފިނިވުމާއެކު އޭނާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުކޮޅުގައި އޭނާއަށް ވާހަކަ ދެކެވުނެވެ.
"މާން ތިއުޅެނީ އެ އަންހެން ކުއްޖާ މަތިން ހަނދާންނައްތާލަން އަހަރެންގެ ބޭނުންކުރަންތަ ނޫނީ..."
"ނޫން އަޒޫ... އެހެންވެގެންނެއް ނޫން!" ހިސާބެެއްގެ މަޑުމޮޅިކަމާއެކުގައި ރިއުމާންއަށް ބުނެވުނެވެ.
"ދެން އެހެންވިއްޔާ އަހަރެން ދެކެ ލޯބިނުވާއިރު އަހަންނާ ގުޅުމުގެ ބޭނުމަކީ ކޮބާ؟" އަޒްހާއަށް ޝަކުވާކޮށްލެވުނެވެ. އޭނާއަށް ހީވީ ރިއުމާން އޭނާގެ އިހުސާސްތަކާ ކުޅެނީހެންނެވެ.
"ނޫނޭ އަޒޫ... ތިހެން ނުވިސްނަބަލަ. އަހަރެން ކޮންމެހެން ކީއްވެގެންތަ އަޒޫގެ އިހުސާސްތަކާ ކުޅެންވީ؟ އަހަރެން..."
"ރިއުމާން އަހަރެން ދެކެ ލޯބިވޭތަ؟" ރިއުމާންގެ ވާހަކަ ހުއްޓުވާ އަޒްހާ ކުއްލިއަކަށް ސުވާލުކޮށްލިއެވެ.
"އަޒޫ. އައި..." ރިއުމާން ވާހަކަ ދައްކަން އުޅުނުނަމަވެސް، އެކަން ކުރަން އޭނާއަށް އުނދަގޫވިއެވެ. ސީދާ ލޯބިވެޔޭ ބުނަން އޭނަ ޖެހިލުންވީ ކީއްވެކަމެއް ނޭނގުނެވެ.
"މާން ބޭނުންވަނީ މާންގެ ހިތާމަތަކަށް ލުޔެއް ދޭން، އެހެންވެ އަހަރެންގެ ގާތަށް ތިއައީ، މާން އަހަރެން ދެކެ ލޯބި ނުވެ ހުއްޓާ އަހަރެމެން ދެ މީހުން ގުޅިއްޖެއްޔާ ހުރިހާ ދެރައެއްވެސް ލިބޭނީ އަހަންނަށް." އަޒްހާ އެހެން ބުނެލިއެވެ. ހަޤީގަތުގައި އޭނާ ހުރީ އިންތިހާއަށް ދެރަވެފައެވެ. އޭނާއަށް ހީވީ ލޯބި ނުވާއިރުވެސް ރިއުމާން އޭނާގެ އިހުސާސްތަކާ ކުޅެނީހެންނެވެ. އިތުރަށް އެތަނުގައި މަޑުކުރަން އަޒްހާ ބޭނުންނުވީ، އޭނާއަށް ރޮވިދާނެހެން ހީވުމުންނެވެ. ކުއްލިއަކަށް އަޒްހާ ގޮނޑިން ތެދުވުމުން ރިއުމާންއަށް ސިހުން ލިބުނެވެ. އޭނާ އަޒްހާއަށް ގޮވައިލި ނަމަވެސް، އަޒްހާ އެދިޔަ ބާރުމިނުގައި ގޮސް ރެސްޓޯރެންޓުން ނުކުތެވެ. ރިއުމާންވެސް އަވަސްއަވަހަށް އެތަނުން ނުކުތުމަށް ހިނގައިގަތީ އެމީހުންގެ އޯޑަރު ކެންސަލް ކުރުމަށް ބުނުމަށްފަހުއެވެ. އޭނާ ނުކުތްއިރު، އަޒްހާ ބާރު ބާރަށް ހިނގާފައި މަގު ހުރަސްކުރަނީއެވެ. އެވަގުތު އަޒްހާ ފަހަތުން ދާން އޭނާ ޖެހިލުންވީ ކީއްވެކަމެއް ނޭނގެއެވެ. ހިތްވަރުކޮށްފައި އޭނާ ވެސް މަގު ހުރަސްކުރަން އަވަސްވެގަތެވެ. ދުވެލާފައި ގޮސް އަޒްހާއާ އަރާ ހަމަވެފައި ރިއުމާން އަޒްހާގެ އަތުގައި ހިފެއްޓިއެވެ.
އަޒްހާ އެނބުރިލިއިރު އެ ބޮޑު ދެ ލޮލުގައި މުތީތަކެއްފަދައިން ވިދަމުންދިޔަ ކަރުނަތައް ރިއުމާންގެ ލޮލުގައި އަޅައިގަތުމާއެކު އޭނާގެ މެއަށް ގޮތެއްވެގެން ދިޔައެވެ.
"އަޒޫ..." ހަމަ ހަޤީގަތުގައިވެސް އަޒްހާ އޭނާދެކެ އިންތިހާ ލޯބިވާކަމުގައި އެ ކަރުނަތައް ބުނެދިނެވެ. އިތުރަށް ދެން އޭނާގެ ހަޔާތަށް ސަޖަލްއެއް ނާންނާނެއެވެ. ވީއިރު ދެން ސަޖަލްއަށް އިންތިޒާރުކުރުމުގެ ބޭނުމެއް ނެތޭ ރިއުމާންގެ ހިތަށް އެރިއެވެ. އޭނާ ދެކެ ލޯބިވާ އަޒްހާ ފަދަ ކުއްޖަކާ އެކު އުޅުން މާ ރަނގަޅުވާނެކަމުގައި ރިއުމާން އޭނާގެ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
"ދޫކުރޭ އަތުން." ކުރެހިފައިވާ އަޑަކުން އަޒްހާ އެހެން ބުނެލިއިރު އެ އަޑުވެސް އައީ ކެނޑިކެނޑިގެންނެވެ. އޭނާ އެހާ ހިތްވަރު ގަދައިރު ކުއްލިއަކަށް އެހާ ބަލިކަށި އަންހެން ކުއްޖަކަށް އޭނާ ވީތީ ޚުދު އަޒްހާވެސް ހައިރާންވިއެވެ.
"ނޫން... އަޒޫ އަހަރެން ދައްކާ އަޑު އަހާބަލަ!" ރިއުމާން ބުނެލިއެވެ.
"ދޫކުރާށޭ އަތުން!." އަޒްހާއަށް ތަންކޮޅެއް ބާރަށް ބުނެވުނީ އޭނާ ދެރަވެފައި ހުރިވަރުންނެވެ. ރިއުމާން އަޒްހާގެ އަތުން ދޫކޮށްލުމާއެކު، އަޒްހާ ފަސް އެނބުރި ހިނގައިގަތެވެ. ރިއުމާން އޭނާގެ ބޮލުގެ އިސްތަށިގަނޑަށް އަތް މަހާލަމުން އަޒްހާ ދިޔަ ދިމާލަށް ބަލަން ހުރެފައި އޭނާގެ ކާރާ ދިމާލަށް ހިނގައިގަތީ މިވަގުތު އަޒްހާއާ ވާހަކަ ދައްކައިގެން ހައްލެއް ނުލިބޭނެކަން ފަހުމްވުމުންނެވެ.
އަޒްހާ އެ ދިޔަ ބާރުމިނުގައި ގޮސް ގެއަށް ވަތްއިރުވެސް އޭނާއަށް ދިޔައީ ރޮވެމުންނެވެ. އޭރު ނާއިފާ އިނީ އޭނާގެ ދަރިފުޅަށް ކާންދޭން ވެގެންނެވެ. ރޮމުންރޮމުން ވައިން އަޒްހާ ފެނި އޭނާއަށް އަޒްހާއަށް ގޮވައިލެވުނެވެ. އެހެންނަމަވެސް އަޒްހާ އެދިޔަ ބާރުމިނުގައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ކަންބޮޑުވެފައިހުރި ނާއިފާ ތަށި މޭޒުމަތީގައި ބަހައްޓަމުން އަޒްހާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. އޭރު އެނދުމަތީގައި ބަންޑުން އޮށޯވެ އޮވެގެން އަޒްހާ ގިސްލަގިސްލާފައި ރޮމުން ދިޔައެވެ.
"އަޒޫ... ކިހިނެއްވީ؟" ނާއިފާއަށް އަޒްހާގެ ކޮނޑުގައި ފިރުމައިލަމުން ސުވާލުކޮށްލެވުނެވެ. އޭނާ ހުރީ އަޒްހާ އެގޮތަށް ރޯތީ ކަންބޮޑުވެފައެވެ. ބޮޑުވިފަހުން އަޒްހާ އެގޮތަށް ރޮނިކޮށެއް އޭނާއަކަށް ފެނިފައެއް ނުވެއެވެ.
"އޭތް އަޒޫ... ހުއްޓާލަފަ ތެދުވެފަ ވީގޮތެއް ބުނެބަލަ!" ނާއިފާ ކެނޑި ނޭޅި ސުވާލުކުރަން ފެށުމުން އަޒްހާ ތެދުވެފައި ދެލޯ ފުހެލިއެވެ. އޭރުވެސް އޭނާއަށް ގިސްލެވެމުން ދިޔައެވެ. ދެލޯ ވަނީ ރަތްވެފައެވެ. ގިނައިރު ރުއިމުގެ ސަބަބުން ކޮށްފައިވާ މޭކަޕްވެސް ވަނީ އެކީ ފޭދިފައެވެ.
"އަޒޫ މޫނު ފޮހެލަބަ..." ޑްރެސިން ޓޭބަލް މަތީ ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގައިގެން އައިސް އަޒްހާ އަތަށް ދެމުން ނާއިފާ ބުނެލިއެވެ.
"ދެން ކިޔައިދީބަލަ ވީ ގޮތް." އަޒްހާ ރީތިކޮށް މޫނު ފުހެލުމުން ނާއިފާ އަނެއްކާވެސް އަޒްހާ އާ ސުވާލުކުރިއެވެ. އޭނާ ކުޑަކޮށް ބައްދައިލަމުން އަޒްހާއަށް ހިތްވަރު ދިނެވެ. އަޒްހާ ނާއިފާއާ ދުރުވެލަމުން ކަންތައް ވެގެން ދިޔަގޮތް ކިޔައިދިނެވެ.
"ދޮންތާ... އަހަންނަށް ޔަގީން އޭނަ އެ އުޅެނީ އެ އަންހެން ކުއްޖާ މަތިން ހަނދާން ނައްތައިލަންވެގެން... ކޮންމެހެން އަހަރެން ދެކެ ލޯބިވެގެންނެއް ނޫން..." އަޒްހާއަށް އޭނާގެ ހިތުގެ ހާލު އޭނާގެ ދޮންތަގެ ކުރިމަތީގައި ބަންޑުން ކުރެވެން ފެށުނެވެ.
"އަޒޫ... އޭނަ ދެއްކި އެއްވެސް ވާހަކައެއް އަޑު އެހިންތަ؟ ނޫނެއްނު. އޭނަ ދެއްކި ވާހަކަ ވެސް އަޑު އަހައިލީމައެއްނު އެނގޭނީ. ވެދާނެއެއްނު އޭނަ ބޭނުންވަނީ އާފެށުމަކުން އަޒޫއާއެކު ފަށަންކަމަށް ވެސް..." ނާއިފާ އަޒްހާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
"އޭނަ އެހާ އަހަރެން ބޭނުންވަންޏާ ކީއްވެތަ އަހަރެންގެ ފަހަތުން ނައީ... ކީއްވެތަ ކުޑަވެސް އެފޯޓެއްނުލީ އަހަންނާ ވާހަކަ ދައްކަން. އަހަރެން އައިމަ ކީއްވެ ފޯނުން ނުގުޅެންވީ. އެހެންވީމައޭ މި ބުނަނީ އޭނަ އަމިއްލަ ފައިދާއަށް އަހަރެންގެ ފީިލިންގްސްތަކާ ކުޅެނީއޭ..." އަޒްހާ ބުނަމުންދިޔައެވެ.
"އަޒޫ... ތިހާ ނެގެޓިވްކޮށް ވިސްނާ އެއްޗެއް ނޫނޭ... އެއްފަހަރުވެސް ރުއިން ހުއްޓާލާފަ ފިނިހިތަކުން ވިސްނާލަބަލަ!" ނާއިފާ ބެލީ އަޒްހާއަށް ވިސްނައިދެވޭތޯއެވެ. ނާއިފާގެ އެތައް އާދޭސްތަކަކަށްފަހު ވެސް، އަޒްހާ ގޮތް ދޫކުރާ ގޮތެއް ނުވިއެވެ.
"އަހަރެން ދެން އޭނާއާ އެއްވެސް ގުޅުމެއް ނުބާއްވާނަން." އަޒްހާ އެހެން ބުނެލުމާއެކު، ނާއިފާ ބުނެލީ އަޒްހާ ކޮންމެ ގޮތަކަށް ނިންމި ކަމުގައި ވިޔަސް އޭނާ ހުންނާނީ އަޒްހާއާ އެކީގައި ކަމުގައެވެ.
****
"ސަޖޫ... އަހަރެމެން ކޮން އިރަކުންތަ މެރީ ކުރާނީ؟ އަހަރެން ބޭނުމެއް ނުވޭ އެހާ ގިނަ ދުވަހު ރައްޓެހިވެގެން އުޅޭކަށް. އަނެއްކާ ސަޖޫގެ ވެސް މިހާރު އިތުރު މީހަކު ހުރީކީ ނޫން..." ޒާމިން ސަޖަލްގެ އަތުގައި ހިފައްޓައިލަމުން ބުނެލިއެވެ. މިހާރަކަށް އައިސް ދިމާވާ ފަހަރުތަކުގައި ޒާމިން ދިޔައީ ނުސީދާގޮތަށް އެފަދަ ވާހަކަތައް ދައްކަމުން ކަމުގައި ވިޔަސް އޭނާ އެހާ ފާޅުކަން ބޮޑުގޮތެއްގައި އެ ވާހަކަ ދެއްކީ އަލަށެވެ.
"ޒިމް..." ސަަޖަލްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"ސަޖޫ، ސަޖޫ އިތުރަށް ކިޔަވަން ބޭނުމިއްޔާ އެ ފުރުސަތުވެސް އޮންނާނެ، ވަޒީފާ އަދާކުރެވޭނެ. ވީއިރު ކޮބާ މައްސަލައަކީ... އޭރުން ސަޖޫއަށް ސަޕޯޓްކުރަން ހަމަގައިމުވެސް އަހަރެން ހުންނާނެ!" ޒާމިން ސަޖަލްގެ އަތަށް ބާރުކޮށްލިއެވެ.
"ދެން ބުނެބަލަ! ކޮން އިރަކުން މެރީ ކުރާނީ؟ ސަޖޫ ބޭނުންވާގޮތެއް ބުނެބަލަ!" ޒާމިން ބުނެލިއެވެ. ދެ މީހުންގެ ވާހަކަތަކަށްފަހު، ސަޖަލްވެސް ކައިވެންޏާ ހިސާބަށް އެ ގުޅުން ގެންދަން ނިންމީ އެއީ އެންމެ ރަނގަޅުވާނެ ގޮތަށް ވީތީއެވެ. މިހާރު ބައްޕަ ދުނިޔޭގައި ނެތްއިރު އެކަނި އުޅުމަކީ ފަސޭހަކަމެއް ނޫންކަމަށް ޚުދު އޭނާވެސް ގަބޫލު ކުރާތީއާ އެކުގައެވެ.
ދެމީހުން ކައި ނިންމާލައިގެން ނިކުތީ ވަރަށް ހަމަޖެހިފައި ތިބެގެންނެވެ. ޒާމިން އޭނާގެ ސައިކަލާ ދިމާލަށް ސަޖަލްގެ އަތުގައި ހިފަހައްޓައިގެން ހިނގައިގަތެވެ. އެކުގައި ހުޅުމާލެއަށް ގޮސް ދުއްވާލިއިރުވެސް، ގިނައިން ދެކެވުނީ ކައިވެނީގެ ވާހަކައެވެ. ސަޖަލް އޭނާ އެވާހަކަ ބޮޑު ދައިތައާ ދައްކާނެކަމުގައި ބުނެލިއެވެ.
"ބޮޑުދައިތަވެސް ހިތްހަމަޖެހޭނެ އަހަރެން މީހަކާ އިނީމަ. މިހާރުވެސް އެކަނި އުޅޭތީ ހިތްހަަމަނުޖެހިގެން އަބަދު އެވާހަކަ ދައްކަދައްކާ އެ ހުންނަނީ..." ސަޖަލް ބުނެލިއެވެ.
"ދެން ކޮންއިރަކުން ބޮޑުދައިތައަށް އަހަރެން އިންޓްރޮޑިއުސް ކޮށްދޭނީ؟" ޒާމިން ސުވާލުކޮށްލިއެވެ.
"ރަނގަޅު ވަގުތެއް ބަލާފަ އަހަރެން ބުނާނަން އިނގޭ... އަހަރެން ބޭނުމެއް ނޫން އެހާ ބޮޑުކޮށް ވެޑިންގް ބާއްވާކަށް..." ސަޖަލް ބުނެލިއެވެ.
"އެއީ ކީއްވެ؟ ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވާނެ ފޭންސީ ޑްރެސްއެއްލާފަ އަގު ބޮޑު ޕާޓީއެއް... ސަޖޫ ބޭނުމެއް ނުވޭތަ؟" ސަޖަލް ސުވާލުކޮށްލިއެވެ.
"ކީއްކުރަން އެހާ އަގު ބޮޑުކޮށް ޕާޓީ ބާއްވަނީ؟ ޕާޓީ ނުބޭއްވިޔަސް ފެމިލީ މީހުންނަށް ކެއުމެއް ދިނީމަ އޯކޭވާނެ. އެކި މީހުންގެ ވިސްނުން ތަފާތު ވާނެ. ޒިމް ބޭނުންވޭތަ ޕާޓީއެއް ބާއްވަން؟" ސަޖަލް ސުވާލުކޮށްލިއެވެ.
"އަހަރެން އަސްލު ބޭނުންވެފަ ހުރީ އެކަމަކު ސަޖޫ ބޭނުން ކޮންމެ ގޮތެއްވެސް އޯކޭ އޭ." ޒާމިން ބުނެލިއެވެ.
"އަދި ޖެހޭނެއެއްނު ޒިމް މަންމަމެން ކައިރީގަވެސް އަހަރެންގެ ވާހަކަ ބުނަން." ސަޖަލް ބުނެލިއެވެ.
"ތިހެން ބުނީމައޭ މި ހަނދާންވީ، މަންމަ ކައިރީގައި ބުނީމޭ ސަޖޫގެ ވާހަކަ، ވަރަށް އުފަލުން ހުރީ. މަންމަމެންވެސް މިހާރު ބޭނުންވަނީ އަހަރެން އަވަހަށް މީހަކާ އިންނަން." ޒާމިން ބުނެލިއެވެ.
"ދެން ބައްޕަ ނުބުނޭތަ އެއްވެސް އެއްޗެއް..."
"ބައްޕަ ބުނީ ކޮން އިރަކުންހޭ ސަޖޫ ދައްކާލަން ގެންނާނީ. ބުނިން މި ހަފްތާތެރޭގައޭ..." ޒާމިން ބުނެލިއެވެ.
"އަހަރެން އެކަމަކު ވަރަށް ނާވަސްވޭ ޒާމިންގެ ޕޭރެންޓްސް އާ މީޓްކުރަން ދާން. އެމީހުންނަށް އަހަރެން ކަމުނުދިޔައްޔާޔޯ." ސަޖަލް ކުޑަ ނުތަނަވަސްކަމަކާއެކު ސުވާލުކޮށްލިއެވެ.
"ކަމުދާނެ. އަހަރެންގެ ހޮވުމާމެދު އެމީހުން އެހާ ސުވާލެއް ނުކުރާނެ... ސަޖޫ..." ޒާމިން ސަޖަލްއަށް ގޮވައިލިއެވެ.
"ހޫމް."
"އައި ލަވްޔޫ..." ޒާމިން ކުއްލިއަކަށް އެހެން ބުނެލުމާއެކު، ސަޖަލްގެ ތުންފަތްމައްޗަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ.
"ދެން ބުނަބަލަ!" ޒާމިން ބުނެލިއެވެ.
"ކީކޭ؟" ޒާމިން އެބުނަނީ ކީކޭކަން އެނގޭޙާލު ސަޖަލް ބޭނުންވީ ޒާމިން ތަޅުވައިލާށެވެ.
"ހަމަ ނޭނގެނީތަ؟. ބުނެބަލަ!." ޒާމިން އަނެއްކާވެސް އެދުނެވެ.
"އައި ލަވް ޔޫ ޓޫ." ސަޖަލް ބުނެލިއެވެ. އެއާއެކު ޒާމިންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ސައިކަލުގައި ބުރެއް ޖަހާލާފައި ޒާމިން އައިސް ސަޖަލްގެ ގެ ކައިރިއަށް ސައިކަލު މަޑުކޮށްލިއެވެ.
"މާދަން ރޭ އަށެއް ޖަހާއިރަށް ތައްޔާރުވައްޗޭ... އަހަރެން އަންނާނަން ސަޖޫ ބަލާ..." ޒާމިން ބުނެލިއެވެ.
"އެއީ ކީއްކުރަން؟..." ސަޖަލްއަށް ކުޑަ ހައިރާންކަމަކާއިއެކު ސުވާލުކޮށްލެވުނެވެ.
"މަންމަމެންނާ ބައްދަލުކުރުވާށޭ... " ޒާމިން ބުނެލިއެވެ.
"ހެހެ އޯކޭ..." އެހެން ބުނެލާފައި ރޭގަނޑުގެ ސަލާމްކޮށްލުމަށްފަހު، ސަަޖަލް ގޮސް އޭނާގެ ގެއަށް ވަނުމާއެކު ޒާމިން ސައިކަލު ދުއްވައިލިއެވެ.
ގެއަށް ވަދެފައި އެއްޗެހި ބަދަލުކޮށްލައިގެން އެނދުގައި އޮށޯވެލިއިރުވެސް އޭނާގެ ތުންފަތް މަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ޒާމިން އެ ގުޅުމާ މެދު ކިހާ ސީރިއަސްކަން އޭނާއަށް ޒާމިންގެ އަމަލުތަކުން އެކަނިވެސް ނަގައިގަނެވެއެވެ.
*****
ގެއަށް ގޮސް ސޯފާމައްޗަށް ވެއްޓިގަތް ރިއުމާންއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ. އޭނާ ފޯނު ނެގުމާއެކު، މަންމަގެ މިސްކޯލެއް އިންތަން ފެނިފައި އެނަންބަރަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ. ސޭވްނުކޮށް އިނަސް އެއީ މަންމަގެ ނަންބަރުކަން އޭނާއަށް ޔަގީނެވެ. ދެ ވިސްނުމެއްގައި އިނދެފައި ލަސްވެފައި ހުރިނަމަވެސް ރިއުމާން އެ ނަންބަރަށް ޑައިލް ކޮށްލިއެވެ. ލަސްތަކެއްނުވެ އެކޮޅުން ފޯނު ނެގިއެވެ.
"ދަރިފުޅާ..." ސަފީނާގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ. އޭނާ ރިއުމާންއަށް ގޮވައިލިއިރުވެސް އެ އަޑުގައި މަޑުމަޑު ތުރުތުރު އެޅުމެއް ވެއެވެ.
"ކީއްކުރަން އަހަންނަށް ތިގުޅީ...؟" ރިއުމާން ސުވާލުކޮށްލިއެވެ. ހަރުކަށިކަމާއެކުގައެވެ.
"މާފަށް އެދެންވެގެން... މަންމައަށް އެނގޭ މަންމައަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. އެކަމާ މިއަދު މަންމަ ދެރަވަން. ލަދުގަންނަން. މިއަދު މަންމަ ބޭނުމެއް ނުވޭ ބައްޕަގެ ބޮލުގައި ހުރިހާކަމެއް އަޅުވާކަށް... ބައްޕަ އަނިޔާކުރިޔަސް އެކަން އެގޮތަށް ކުރުމަކީ ހައްލެއް ނޫންކަން މަންމައަށް ވިސްނިއްޖެ. އެކަމުން ދަރިފުޅަށް ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލު ދޭނެ ގޮތެއް މަންމައަކަށް ނޭނގޭ." ސަފީނާގެ އަޑުގައި ވި އަސަރުން ރިއުމާންއަށް ވެސް ހިންދިރުވައިލެވުނެވެ. އޭނާ އެވަރުންވެސް ސަފީނާއަށް މާފުކުރާކަށް ބޭނުމެއް ނުވިއެވެ. ސަފީނާއަށް މާފުކުރަން ހިތުލާ ކޮންމެ ފަހަރަކު އޭނާގެ ހިތުގެ ލޯގަނޑަށް ސިފަވަނީ އެރޭގެ ހަނދާންތަކެެވެ. އެއާއެކު ރިއުމާންއަށް ފޯނު ކަނޑައިލެވުނެވެ. އިރުކޮޅަކު އެހެން އިނދެފައި ސޯފާގައި އޮށޯވެ އޭނާ ހަށިގަނޑު ދަމައިލިއެވެ. އެއަށްފަހު އަޒްހާގެ ނަންބަރު ފޯނުން ހޯދައިލިއެވެ. ވަރަށް ވިސްނުމަށްފަހު، އޭނާ އަޒްހާގެ ނަންބަރަށް ގުޅައިލިއެވެ. އަޒްހާ ފޯނު ބިޒީ ކޮށްލަނީއެވެ. އެހެންކަމުން އޭނާ އަޒްހާއަށް މެސެޖެއް ފޮނުވައިލިއެވެ. ފޯނު ނަގަން އެދިފައެވެ. ރިއުމާން އަނެއްކާވެސް ގުޅޭތޯ މަސައްކަތްކުރި ނަމަވެސް އޭނާއަށް އެކަން ކާމިޔާބު ވާގޮތެެއް ނުވިއެވެ. ރިއުމާންއަށް ނިދުނީވެސް އެހެން އޮއްވައެވެ.
*****
ޖެހިގެން އައި ދުވަހުގެ ރޭގަނޑު އަށެއްޖަހަން ފަނަރައަށް ވެފައި ހުއްޓާ ޒާމިން ސަޖަލް ބަލާ އައެވެ. ސަޖަލް ރީތިވެލައިގެން ޒާމިންއާ ދިމާލަށް ހިނގާލާފައި އައިއިރު، ޒާމިންއަށް ކަޅި ޖަހައިނުލާ ސަޖަލްއާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ. ރަތްކުލައިގެ ތަނބިކަށްޓަށް ވުރެ މައްޗަށް އަންނަ މެކްސީ ޑްރެސްގައި ސަޖަލް ފެންނަލެއް ކިތަންމެ ހާވެސް ހިތްގައިމެވެ. ކޮށްފައިވާ ލުއި މޭކަޕްވެސް ހިތްގައިމެވެ. އޭނާގެ ފަންއިސްތަށިގަނޑު ދޫކޮށްލާފައިވާއިރު، އިސްތަށިތައް މޫނާ ގޯނާކުރަމުން ދިޔައެވެ. ޒާމިން ކައިރިއަށް ހުއްޓިފައި ސަޖަލް ޒާމިންއަށް ގޮވައިލިއެވެ.
"ޒިމް..."
ސިހިފައި ޒާމިންއަށް ކީކޭހޭ އަހައިލެވުނެވެ.
"ހާދަ ވަރަކަށް ގެއްލިފަ. ހިނގާދާން." ސަޖަލް ބުނެލިއެވެ. އެއަށްފަހު އޭނާ ސައިކަލުގެ ފަހަތަށް އަރާ އިށީނެވެ. ޒާމިން ސައިކަލު ދުއްވައިލިއެވެ.
ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު، ޒާމިން ސައިިކަލު ޕާކުކޮށްލީ މާވެޔޮމަގުގެ ވަކި ހިސާބެއްގައެވެ. އެއަށްފަހު އޭނާ ސަޖަލްގެ އަތުގައި ހިފާލައިގެން ގޮސް ދިހަ ބުރިއަށް ނަގާފައިހުރި ގެއެއްގެ ކައިރީގައި މަޑުކޮށްލިއެވެ.
"އައި އެމް ސޯ ނާވަސް..." ސަޖަލް ބުނެލިއެވެ.
"ކޮންކަމަކާ އެހާ ހާސްވަނީ... ތިހާ ހާސްނުވެބަލަ!" ޒާމިން ސަޖަލްއަށް ބަލައިލިއެވެ. އޭނާ ސަޖަލްގެ ކޮނޑުގައި ހިފާ ކުޑަކޮށް އޭނާއާ ކައިރިކޮށްލިއެވެ. އެހެން ހުރެެގެން ދެމީީހުން ލިފްޓާ ހިސާބަށް ގޮސް ޒާމިން ކުޑަކޮށް ސަޖަލްއާ ދުުރުވެލުމަށްފަހު، ލިފްޓްގެ ބަޓަނަށް ފިތައިލިއެވެ. އޭރުވެސް ސަޖަލް ދިޔައީ ދެއަތް ދެއަތާ މޮޑެމުންނެވެ.
ލިފްޓަށް އެރުމަށްފަހު ޒާމިން ފިއްތައިލީ ހަތްވަނަ ފްލޯއަށެެވެ. ލިފްޓުގައި އެ ހޭދަވި މަދު ސިކުންތުކޮޅުވެސް ސަޖަލްއަށް ހުރެވުނީ ހާސްވެފައެވެ. ލިފްޓް އައިސް ހަތްވަނަ ފްލޯއަށް މަޑުޖެހިލުމާއެކު، ދެމީހުންވެސް ލިފްޓުން ފޭބިއެވެ. ޒާމިން ދޮރުގައި ކާޑު ޖަހާ ދޮރު ހުޅުވައިލުމަށްފަހު، އެތެރެއަށް ވަނީ ސަޖަލް ގޮވައިގެންނެވެ.
"ދަރިފުޅާ ޒާމިން... " އޭރު އޭނާގެ މަންމަ ރުޝްދާ އާއި ބައްޕަ، ފައިސަލްގެ އިތުރުން ދޮންތަ ރީމާ ވެސް ސޯފާގައި އިނެވެ. ޒާމިންއާއެކު ކަހަލަ ގޮތަކަށް ވަތް ސަޖަލް ފެނި، ރުޝްދާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އައިސް ސަޖަލްގެ އަތުގައި ހިފާލައިގެން އައިސް ސޯފާގައި ބޭންދިއެވެ.
"ދެން ތިހާ ބީރައްޓެހިވެފަ ނީނދޭ. މީ ޒާމިން މަންމަ. އެއީ ބައްޕަ. ދެން އެއީ ދޮންތަ ރީމާ..." ރުޝްދާ ފަހަރަކު މީހަކަށް ބަލައިލަމުން އިޝާާރާތް ކޮށްލިއެވެ.
"ދެން އުޅޭނީ ދޮންތަގެ ފިރިމީހާ... މިހާރުވީ ކޯހެއްގައި ރާއްޖެއިން ބޭރުގައި..." ރުޝްދާ އަނެއްކާވެސް ބުނެލިއެވެ. އޭނާ އަޅާފައިވާ ބުރުގާ ރީތިކޮށްލިއެވެ.
"ޒާމިން ސަޖަލްއާ ބެހޭ ވާހަކަތައް ކިޔައިދިނޭ... މީގެ ފަހުން ކިޔަން ވާނީ ދޮންތަ އިނގޭ!" ރީމާ ވެސް ހިނިތުންވެލިއެވެ. ސަޖަލް ރީމާއަށްވެސް ބަލައިލިއެވެ. ރީމާވެސް ހުރީ ބުރުގާ އަޅާފައެވެ. ބަލާބެލުމަށް ހިތްހެޔޮ ވައްތަރު ޖަހައެވެ. ސަޖަލް އިނީ އެ އެންމެންގެ ފަރާތުން އޭނާއަށް ލިބެމުންދާ އޯގާތެރިކަމުން އުފާވެފައެވެ. އެ ބެހެއްޓި ގާތްކަމުގެ ސަބަބުން އޭނާ އިނީ ވަރަށް ހިތްހަމަޖެހިފައެވެ.
"ހުންނާނެ ކެއުން ވެސް ތައްޔާރުކޮށްފަ... ހިނގާ ދޯ ކާން ދާން!" ރުޝްދާ އެހެން ބުނެފައި ސަޖަލްގެ އަތުގައި ހިފައިގެން ތެދުވިއެވެ. އެއަށްފަހު ސަޖަލްގެ އަތުގައި ހިފައިގެން ކާމޭޒާ ދިމާލަށް ހިނގައިގަތެވެ. ގޭތެރެއަށް ވެސް ރަނގަޅަށް ސަޖަލްއަށް ބަލައިލެވުނީ ދެނެވެ. ބޮޑު ތަނަވަސް އެޕާޓްމެންޓެކެވެ.
ކެއުމަށް އިންސާފުކުރެވެމުން ދިޔައިރު ވާހަކަ ދެކެވުނީ ކައިވެންޏާ ބެހޭގޮތުންނެވެ.
"ބައްޕައަށް ފެންނަނީ ދަރިފުޅުމެން ދެކުދިން ވާހަކަ ދައްކާލާފަ ބައްޕަމެންނަށް ކައިވެނީގެ ތާރީހެއް ދޭން... އޭރުން ހުރިހާކަމެއް ވެސް ހަމަޖެހޭނެ ދޯ!. ބައްޕަމެން މި ތިބީ ދަރިފުޅުމެން ނިންމާ ކޮންމެ ތާރީހަކަށް އެއްބަސްވާގޮތަށް... ޒާމިން ބުނި ސަޖަލް ބޭނުމެއް ނުވެޔޭ އެހާ ބޮޑުކޮށް ޕާޓީ ބާއްވާކަށް. އެހެންވީމަ އާއިލާއާ ގާތް ރަހުމަތްތެރިންނަށް ކީމަ ނިމުނީނު ދޯ..." ފައިސަލް ބުނެލިއެވެ. ރީމާ ޒާމިންއަށް ލޮލުން އިޝާރާތެއް ކޮށްލުމާއެކު، ޒާމިން ބޯ ޖަހައިލިއެވެ.
ކައިނިމިގެން ސޯފާތަކުގައި އެންމެން އިށީނދެ ހަމަޖެހިލިއެވެ. ޒާމިން ނުވާކަމަކަށް ހުރެފައި އައިސް ސޯފާގެ ކުރިމަތީގައި، ސަޖަލްއާ ދިމާލުގައި އެއްފައިމައްޗަށް އިށީނދެލިއެވެ. އެއަށްފަހު އޭނާ ސަޖަލްއަށް އޭނާގެ އަތުގައި އޮތް އަނގޮޓި ދައްކައިލިއެވެ.
"ވިލް ޔޫ މެރީ މީ؟" ޒާމިން ސުވާލުކޮށްލިއެވެ. އެއާއެކު ސަޖަލްއަށް ބަލައިލެވުނީ ޒާމިންގެ މައިންބަފައިންނަށެވެ.
"އެހާ އޯލްޑް ފެޝަންއެއް ނޫނޭ ޒާމިންގެ މަންމައާ ބައްޕައާ..." ރުޝްދާ ހިނިތުންވެލިއެވެ. ރީމާ ބޯ ޖަހައިލުމާއެކު ސަޖަލް ހިނިތުންވެލާފައި، އާއެކޭ ބުނެލުމާއެކު ޒާމިން އެ އަނގޮޓި ސަޖަލްގެ އަތުގައި އަޅުވައިލަދިނެވެ. އެ މަންޒަރު ރީމާ އޭނާގެ ފޯނުގައި ރައްކާކުރިއެވެ. އެރޭ އިތުރަށް ކައިވެނީގެ ތާރީހަކާ ބެހޭގޮތުން ވާހަކަ ނުދެއްކީ ސަޖަލްގެ ބޮޑު ދައިތައާވެސް އަދި ވާހަކަ ދައްކަން ޖެހޭތީއެވެ. ސަޖަލް އެގެއިން ގެއަށް ދިޔައީވެސް ފުދޭވަރަކަށް ދަންވެފައި ހުއްޓައެވެ. އޭނާ ލައިދޭން އާދައިގެމަތިން ޒާމިން ދިޔައެވެ.
*****
ޖެހިގެން އައި ހަފްތާގައި ވެސް ރިއުމާންއަށް އަޒްހާއަށް ގުޅޭ ގޮތެއް ނުވިއެވެ. ބުނަނީ ފޯނު ނިއްވާލާފައިވާކަމުގައެވެ. އޭނާއަށް އަޒްހާގެ ހަނދާންތައް އެހާ ވަރަށް އުނދަގޫކުރަމުން ދިޔުމުގެ ސަބަބުން، އަޒްހާއަށްޓަކައި ވެސް އޭނާގެ ހިތުގައި ކޮންމެވެސް ކަހަލަ އިހުސާސްތަކެއް ވާކަން އޭނާއަށް ފަހުމްވިއެވެ. އެއީ ލޯބި ނޫންކަމުގައި ވިޔަސް އެއީ އޭނާއަށް އުނދަގޫކުރުވަމުން އަންނަ އަޖައިބު ކުރިވަނިވި އިހުސާސްތަކެކެވެ. އޭނާ ގެއިން ނުކުމެގެން ކާރަށް އަރާ މިސްރާބުޖެހީ މިއަދު ކޮންމެހެންވެސް އަޒްހާއާ ބައްދަލުކުރަން ހިތުލައިގެން ހުރެއެވެ.
"އަޒޫ... ރިއުމާންގެ ނަންބަރު ބްލޮކް ކޮށްލައިގެން އިނަސް އަދި ހުރިހާކަމެއް ހައްލުވީއެއް ނޫނޭ... އޭނަ އެވަރަށް ގުޅާނީ ގައިމު ކޮންމެވެސް އެއްޗެއް އޭނަ ހިތުގަ އޮތީމައޭ!" ސޯފާގައި ޓީވީއަޅުވާލައިގެން އިން އަޒްހާގެ އަތުގައި ހިފައްޓަމުން ނާއިފާ ވާހަކަ ދެއްކިއެވެ.
"އަހަރެން ނޫޅެން އޭނާއާ ވާހަކަ ދައްކާކަށް..." އަޒްހާ ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އިތުރު އެއްޗެއް ނާއިފާއަށް ނުބުނެވި އުޅެނިކޮށް މީހަކު ބެލް އެޅިއެވެ. އެއާއެކު އޭނާ އަޒްހާއަށް ބަލައިލުމަށްފަހު، ގޮސް ދޮރު ހުޅުވައިލިއެވެ.
"އަޒޫ... މީ އަޒްހާ އެބައުޅޭތަ؟" ކުރިމަތިން ރިއުމާން ފެނިގެން ހައިރާންވެފައި ނާއިފާއަށް ހުރެވުނެވެ. އޭނާއަށް ހަމަބިމަށް އާދެވުނީ ރިއުމާން ވާހަކަ ދެއްކުމާއެކުގައެވެ.
"އާނ. އެތެރެއަށް ވަދޭ..." ނާއިފާ އެހެން ބުނެލާފައި ރިއުމާން އެތެރެއަށް ވައްދައިލިއެވެ. އެއާއެކު ސޯފާގައި އިން އަޒްހާއަށް އެދިމާލަށް ބަލައިލެވުނެވެ. އޭނާ ހޯދަން ރިއުމާން ފަހަރެއްގައިވެސް އައިސްދާނެހެން އޭނާއާށް ހީނުވާތީ އޭނާއަށް ވެރިވެފައިވަނީ ހައިރާންކަމެކެވެ.
"މާން." ވައި އަޑުން އަޒްހާއަށް އެނަން ކިޔައިލެވުމާއެކު ސޯފާއިން ތެދުވެވުނެވެ. އޭރު ރިއުމާންވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލުމަށްފަހު، ނާއިފާ ރިއުމާން ގާތު ސޯފާގައި އިށީނދުމަށް ބުނެލިއެވެ. ރިއުމާން އަޒްހާ ހުރި ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ. އެ ދެމީހުންނަށް އެކަނި ވަގުތުކޮޅެއް ދިނުމުގެ ނިޔަތުގައި ނާއިފާ އޭނާ ބޯލާނެ އެއްޗެއް ހިފައިގެން އަންނަނީ ކަމުގައި ބުނެ ބަދިގެ ފަރާތަށް ޖެހިލިއެވެ.
"ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނަގަނީ؟" ރިއުމާން އަޒްހާއާ ގާތަށް ޖެހިލުމަށްފަހު ސުވާލުކޮށްލިއެވެ.
"އެއީ... އެއީ.... އަހަރެން... އިތުރަށް އަހަރެމެން ދެމެދު ގުޅުމެއް ބާއްވަން ބޭނުން ނުވާތީ. އަހަންނަށް ވިސްނެނީ އެއީ އެންމެ ރަނގަޅު ގޮތްކަމުގައި." ހިސާބެއްގެ ޖެހިލުންވުމެއް އަޒްހާގެ އަޑުގައި ހުރި ނަމަވެސް އޭނާ މަސައްކަތްކުރީ އެކަން ރިއުމާންއަށް ނުދައްކާވޭތޯއެވެ. ވާހަކަ ދައްކަމުންދިޔައިރު ރިއުމާންއާ ހަތަރު ކަޅި ހަމަނުކޮށްވޭތޯ އަޒްހާ މަސައްކަތްކުރަމުން ދިޔައެވެ. އެކަން ޚުދު ރިއުމާންއަށް ވެސް ފަހުމްވިއެވެ. އެހެންނަމަވެސް އޭނާ ހުރީ އެހާ ފަސޭހައިން ދޫދޭގޮތަކަށް ނޫނެވެ. އޭނާ މިއަދު އަޒްހާ ކައިރިއަށް އެއައީ އެހާ ފަސޭހައިން ބަލި ގަބޫލުކޮށް ދާކަށެއް ނޫނެވެ.
"އަޒޫ ހީކުރީ އަހަރެން އަޒޫއާ ގުޅެން ނިންމީ އަހަރެންގެ އަމިއްލަ ފައިދާއަށް ކަމަށްތަ؟" ކުއްލިއަކަށް ރިއުމާން އެ ސުވާލުކުރުމުން އަޒްހާއަށް ރިއުމާންއާ ދިމާލަށް ބަލައިލެވުނެވެ. އޭރު އަޒްހާގެ މޫނުމަތިން ހިސާބެއްގެ ހިތާމަވެރިކަމެއް ފެންނަމުން ދިޔައެވެ.
"އެއީއެއް ނޫންތަ ރިއުމާންގެ މަގްސަދަކީ؟" އަޒްހާ ވެސް ދޫދޭން ބޭނުންނުވާ ފަދަ ގޮތަަކަށް ސުވާލުކޮށްލިއެވެ.
"ނޫން! އަހަރެން އެ ނިންމުން ނިންމީ ވަރަށް ވިސްނުމަށްފަހު، އަހަރެންގެ ހިތުގައި އަޒޫ އާ ދޭތެރޭ އިހުސާސްތަކެއް ވާތީ. އަހަރެން އަޒޫއާ ގުޅޭނީ ކޮންމެހެން ވަކި ވާކަށެއް ނޫން. ސަޖަލް......... ސަޖަލް އަހަރެންގެ ހަޔާތުން އަބަދުގެ އަބަދަށް ގޮސްފި. މިހާރު އަހަރެންވެސް ބޭނުންވަނީ އަހަރެންގެ އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދާން. އަހަރެން ދެކެ ލޯބިވާހާ ދުވަހަކު، އަޒޫ އަހަންނާ އެކީ ހުރިހާ ދުވަހަކު އަހަރެން އަޒޫ ދޫކޮށެއް ނުލާނަން. އަދި އަހަރެންވެސް އަޒޫ އެކޭ އެއްގޮތަށް އަޒޫދެކެ ލޯބިވާނަން... އަހަރެންގެ ހިތުގައިވި އިހުސާސްތައް އެކަން ކުރުމަށް އަހަންނަށް އެއްބާރުލުންދޭނެކަމުގެ ޔަގީންކަން އަހަރެން އަޒޫއަށް ދެން..." ރިއުމާން އެތަކެއް ވާހަކައެއް ދެއްކިއެވެ. އަޒްހާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ރިއުމާންއަށް ބަަލަހައްޓައިގެން ހުއްޓާ ސިހުން ގެނުވީ ޖޫސްތަށިތައް ހިފައިގެން އެތަނަށް އައިސް މަޑުކޮށްލި ނާއިފާ ވާހަކަ ދެއްކުމާއެކުގައެވެ.
"އަދިވެސް ނީށީނދެތަ ތިހުރީ؟ އިށީނދެބަލަ. މިހިރީ ޖޫސްތަށި!" ނާއިފާ ޖޫސްތަށިތައް ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި ބަހައްޓަމުން ވާހަކަ ދެއްކިއެވެ.
އަޒްހާއާ ރިއުމާންއާ ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލައިލުމަށްފަހު، އިށީނދެލިއެވެ. އެވަގުތު ކުޑަ ކުއްޖަކު ރޮއިގަތް އަޑު އިވުނެވެ.
"ބޭބީ ހޭލީއެ. ގޮސްލީ އިނގޭ." ނާއިފާ އެހެން ބުނެލާފައި ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.
"އަޒޫ..." ރިއުމާން އަޒްހާއަށް ގޮވައިލިއެވެ. އަޒްހާ ހޫމްއެއް ލައްވައިލުމަށްފަހުވެސް އެއްޗެއް ނުބުނެއެވެ.
"އަދިވެސް އަހަންނަށް އިތުބާރު ނުކުރެވެނީތަ؟" ރިއުމާން ސުވާލުކޮށްލިއެވެ.
"އަހަރެން ވިސްނައިލަން ވަގުތުކޮޅެއް ބޭނުން." އަޒްހާ ބުނެލިއެެވެ. އެރޭ ރިއުމާން ގެއަށް ދިޔައީ އަޒްހާއަށް ވިސްނާނެ ވަރަކަށް ވިސްނަން ފުރުސަތު ދެމުންނެވެ. އޭނާގެ އުންމީދަކީ އަޒްހާ އޭނާގެ ހުށައެޅުން ގަބޫލުކުރުމެވެ. އޭނާގެ ހިތުގައި ސަަޖަލްއަށްޓަކައި ލޯބި ވީނަމަވެސް، ދެން އޭނާ އެ ލޯތްބަށް އެދި ސަލާންޖަހާކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ އަޒްހާއާއެކު އުޅޭށެވެ. އެއީ އެންމެ ރަނގަޅު ގޮތްކަމުގައި އޭނާއަށް ވިސްނެމުން ދިޔައެވެ.
*****
ޖެހިގެން އައި ހަފްތާގެ ތެރޭގައި ސަޖަލް އޭނާގެ ބޮޑުދައިތަމެންނަށް ޒާމިން ތައާރަފްކޮށްދިނެވެ. އަދި އެމީހުން ކައިވެންޏަކާ ހިސާބަށް ވީހާވެސް އަވަހަކަށް ދާން ބޭނުންވާކަމުގައި ބުންޏެވެ. އެކަމާ ޖަލީލާ ވަރަށް އުފާވިއެވެ. ސަޖަލްގެ އެކަނިވެރި ހަޔާތަށް ނިމުނެއް އަންނާނެތީ އޭނާ ހުރީ ނުލާހިކު ހިތްހަމަ ޖެހިފައެވެ. އޭގެ ހަފްތާއެއްހާ ދުވަސްފަހުން ސަޖަލްމެން އެމީހުން ކައިވެނި ކުރާނެ ތާރީހެއް ކަނޑައަޅާ ރަންވެސް ކިޔެވެ. އަދި އެން.ޖީ.އޯ ގެ ހުރިހާ އެކުވެރިންނަށްވެސް އެ ދެމީހުންގެ ގުޅުން ކިޔައިދިނެވެ.
އެއީ ރޭގަނޑުގެ ވަގުތެކެވެ. އޭރު ގަޑިން އަށެއް ޖަހަނީއެވެ. ސަޖަލް އޭނާގެ ކޮޓަރިތެރެ ސާފުކޮށްލުމަށްފަހު، އެނދުގައި ޖައްސާލިތަނާ އޭނާއަށް ނުދަންނަ ނަންބަރަކުން ގުޅިއެވެ. ނުނަގަން އިނދެފައިވެސް މާ ވަރަކަށް ގުޅާތީ އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.
"ހަލޯ...ސަޖޫ..."
(ނުނިމޭ)