18 Aug 2021, 00:07
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަކީ މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް މަސައްކަތްކުރާ ތަނަކަށް ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ކައުންސިލަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުމެއް ދިނުމުގައި ދެމި ތިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަގު ހެދުމުގެ ބައެއް މަސައްކަތްތަކުގައި އެ ކުންފުނީގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރެއްވުމާ ގުޅިގެންނެވެ.
މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދަށުން ފޭސް-2 ގެ މަސައްކަތް ރަސްމީކޮށް ފެށުމަށްޓަކައި ރޯޝަނީ ބިލްޑިންގ ކަންމަތީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވީ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމާއި ކައުންސިލުން އެދޭ ބަދަލުތައް ގެނައުމުގައި އެ ކުންފުނިން ފަސް ނުޖެހޭނެ ކަމަށެވެ.
ނަމަވެސް ކައުންސިލުން އެދޭ ބަދަލުތައް ވާންޖެހޭނީ ކުންފުނީގެ ވިޔަފާރިއަށްވެސް ދަތި ނުވާ ފަދަ ކަންތައްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ސިޓީ ކައުންސިލަށް ދޭން ބޭނުންވާ ޔަގީން ކަމަކީ ތިޔަބޭފުންގެ ޕްރޮޖެކްޓް ތިޔަބޭފުޅުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމުގަ އަދި ތިޔަ ބޭފުޅުން އެެދޭ ބަދަލުތައް ގެނައުމުގަ އަޅުގަނޑުމެން ފަސް ނުޖެހޭނަން. ޔަގީނުންވެސް އާރުޑީސީ އަކީ ސިޓީ ކައުންސިލަށް ދަތިކުރާ، ސިޓީ ކައުންސިލާ ދެކޮޅަށް މަސައްކަތްކުރާ ތަނެއްގެ ގޮތުގަ ނުވާނެ. އަޅުގަނޑުމެން ޔަގީންކަން ދެން ތިޔަބޭފުޅުންނަށް ދޭންޖެހޭ އެއްބާރުލުމެއް ދިނުމުގައި ދެމިތިބޭނަން،" މޫސަ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ މާލޭ ސިޓީގައި އާރުޑީސީން ކުރަމުން އަންނަނީ އަމަލީ މަސައްކަތް ކަމަށާއި މި މަސައްކަތުގެ ކްލައިންޓަކީ މާލޭ ސިޓީ ކައުންސިލްކަން ކުންފުންޏަށް އޮޅިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ މޭޔަރުގެ ހުރި ކަންބޮޑުވުންތައް ފާހަގަ ކުރެއްވުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރާނެ ކަމަށެވެ.
ކުންފުނީގެ މައިގަނޑު އަމާޒަކީ ދިވެހިންނަށް ވީހާވެސް ގިނަ ފުރުސަތު ތަކެއް ފަހިކޮށްދީގެން ދިވެހިންގެ ބޭނުން ހިފައިގެން ރާއްޖެ ތަރައްގީ ކުރުން ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެބަސްވުންތައް އުފެދު ނަމަވެސް އެއްބާރުން ދެވޭ ގޮތެއްގެ މަތީގައި ސިޓީ ކައުންސިލާއި އެ ކުންފުނީގެ ވާދަވެރިކަން ބޭއްވުމަކީ މަސްލަހަތައްޓަކައި އެންމެ ފައިދާހުރި ގޮތް ކަމަށެވެ.
މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދަށުން ފޭސް-2 ގެ ދަށުން މިއަދު ފަށާފައިވަނީ ހެންވޭރު ރޯޝަނީ މަގުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން 150އަށް ވުރެ ގިނަ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މަގުހެދުމުގެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ހަދަން ފަށާފައިވަނީ މާފަންނު ހުޅަނގު އުތުރުގެ މަގު ތަކެވެ. އެގޮތުން މާފަންނު ހުޅަނގު އުތުރުގެ ގިނަ މަގުތަކެއް މިހާރު ވަނީ ހަދާ ނިންމާފައެވެ.
މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ، އަމާން ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން އިސް ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.