ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ބަލައިގަތުމަށް އެމެރިކާ އާއި އިންޑިޔާ އިން ނިންމާފައިވާ ނިންމުން ވަރަށް އަވަހަށް ބަދަލުކުރާނެ ކަމުގެ "ސިގްނަލް" ލިބިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން މުޒާހަރާ ކުރާ ސަރަހައްދު، ލޮނޮޒިޔާރަތްކޮޅުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން މި ރާއްޖޭގެ ސަރުކާރާ މެދު ނެރުއްވާ ކޮންމެ ބަޔާނަކީ ހަގީގަތުގެ މައްޗަށް ބިނާކޮށް ނެރުއްވާ ބަޔާންތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެނަށް އިނގޭ ކޮމަންވެލްތުގެ ފަރާތުން ނެރުއްވާ ބަޔާނެއް ވެސް ހަގީގަތުގެ މައްޗަށް ބުރަވެ ނެރުއްވާނެ ކަން. އަޅުގަނޑަށް ޔަގީން ޔޫރިޕިއަން ޔޫނިއަން އިން ނެރުއްވާ ބަޔާން ވެސް. އިންޑިޔާ ސަރުކާރުން ވެސް އަދި އެމެރިކާ ސަރުކާރުން ވެސް އެންމެ ފުރަތަމަ އެ ބޭފުޅުން ވިދާޅުވި ވިދާޅުން ވެސް ބަދަލުކުރައްވާނެ ކަމުގެ ހުރިހާ ސިގްނަލެއް އަޅުގަނޑަށް ވަނީ ލިބިފައި." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ރާއްޖޭގެ ވެރިކަން ބަދަލުކޮށްފައި ވަނީ ބާރުގެ ބޭނުންކޮށްގެން، ބަޣާވާތަކުން ކަމަށް އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ "އެމްނެސްޓީ އިންޓަނޭޝަލް" ވެސް ދެކޭ ކަމަށެވެ. އަދި އަލުން އަނބުރާ އާ ސަރުކާރެއް ގެނައުމަށް މަސައްކަތް ކޮށްދިނުމަށް އެ ޖަމިއްޔާ އިން އެހެން ގައުމުތަކަށް ގޮވާލަމުންދާ ކަމުގައި ވެސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެމްނެސްޓީ އިންޓަނޭޝަލް އިން ރާއްޖޭގެ ވެރިކަން ބަދަލުވުމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިވާ ކަމަކަށް ރެކޯޑްތަކުން ނުދައްކަ އެވެ.

ނަޝީދު ވިދާޅުވީ ބޭރު ދުނިޔޭގެ އެކުވެރި ގައުމުތަކުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެ އަށް "ޑިމޮކުރަސީ އަލުން ގެނައުމަށް" މަސައްކަތް ކުރާ ކަމަށެވެ.

ދިވެހި ރާއްޖޭގެ އާ ވެރިކަމާ އެކު މަސައްކަތްކުރަން ތައްޔާރަށް އޮތްކަމަށް އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިން ވިދާޅުވެފައިވާ އިރު އާ ސަރުކާރު ބަލައިގަންނަ ކަމަށް އެމެރިކާ ސަރުކާރު ވެސް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް މަގުފަހިވާ ގޮތަށް ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް ޔޫރަޕިއަން ޔޫނިއަނުން ރޭ ވަނީ ގޮވާލާފަ އެވެ.