ރާއްޖެއިން އިންޑިއާއަށް ދަތުރު ކުރާނަމަ، 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން މިއަދު ބުނެފައި ވަނީ، އެ އެއާލައިން އިން ދަތުރުކުރާ މީހުންގެ އަތުގައި ވިސާއެއް އޮންނަން ޖެހޭނެ ކަމަށާއި ދަތުރަށް ފުރުމުގެ ކުރިން، މޯލްޑިވިއަންގެ ގައިޑްލައިންތަކަށް ބަދަލެއް އައިސްފައި ވޭތޯ ބެލުން މުހިންމު ކަމަށެވެ.

މީގެ އިތުރުން، 72 ގަޑިއިރުގެ ތެރޭގައި ނިއުދިއްލީ އެއާޕޯޓްގައި ރަޖިސްޓްރީ ވުމަށާއި، ފުރުމުގެ ނުވަތަ ލެފުމުގެ 24 ގަޑިއިރު ކުރިން އިމިގްރޭޝަންގައި ރަޖިސްޓްރީ ވުމަށް ސަމާލުކަން ދިނުމަށް މޯލްޑިވިއަން އިން އިލްތިމާސް ކުރެއެވެ.

އަދި އިންޑިއާއިން ރާއްޖެ އަންނަ ނަމަ، 96 ގަޑިއިރުގެ ތެރޭގައި ނެގެޓިވް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށާއި، އަދި ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް މޯލްޑިވިއަން އިން އެދެއެވެ.