22 Feb 2012, 11:49
ދައުލަތުގެ މާލިއްޔަތުން ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ހަރަދުތަކެއް ކޮށްފައިވޭތޯ ބެލުމަށް މާލިއްޔަތުގެ އޮޑިޓެއް ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދާއި ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބާއި ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ރޭ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އިކޮނޮމިކް މިނިސްޓަރު އަހުމަދު ވިދާޅުވީ ދައުލަތުގެ މާލިއްޔަތުން ކޮރަޕްޝަނާއި ފަސާދައަށްވާ ގޮތަށް ބައެއް ހަރަދުތައް ކޮށްފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށާއި އެކަންތައްތައް ބައްލަވާނެ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީވީ އެންމެ އަވަހަކަށް މުޅި ދައުލަތުގެ އޮޑިޓެއް ހަދަން. އެ އޮޑިޓްގެ ތެރެއިން ފާހަގަކުރެވޭ ކަންތައްތަކުގެ ތަފްސީލް ވެސް މަޑުމަޑުން މީޑިޔާއަށް ހާމަކޮށް މައުލޫމާތު އާންމުކުރަމުން ގެންދެވޭނެ،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ގިނަ ކުންފުނިތަކެއް ހަދާފައިވާ ގޮތާ މެދު ސުވާލު އުފެދޭ ކަމަށާއި އެ ހުރިހާ ކުންފުންޏަށް ގިނަ ފައިސާތަކެއް އިންޖެކްޓް ކުރިއިރު ވެސް އެއާ ގާތަށް ވެސް ސަރުކާރަށް ފައިދާ އެއް ލިބިފައިނުވާ ކަމަށެވެ.
"އިދާރީ ހަރަދުގެ ގޮތުގައި 2009 ވަނަ އަހަރު 163 މިލިއަން ރުފިޔާ އެ ކުންފުނިތަކަށް އިންޖެކްޓް ކުރަން ޖެހުނު. 2011 ވަނަ އަހަރު ނިމުނުއިރު އެ އަދަދު 818 މިލިއަން ރުފިޔާއަށް އިތުރުވެގެން ދިޔަ...އެހެންވީމައި ޑިވިޑެންޑުގެ ގޮތުގައި 611 މިލިއަން ރުފިޔާ ލިބުނުނަމަވެސް އޭގެ އެއްވެސް މަންފާއެއްނުކުރި. އިތުރަށް 200 މިލިއަން ރުފިޔާ ހަރަދުކުރައްވަން ޖެހިވަޑައިގެންފައި އޮތީ،" އަހުމަދު ވިދާޅުވި އެވެ.
ފައިދާ ނުލިބޭ، ބޭކާރު ގިނަ ހަރަދުތަކެއް ކުރުމަށް ބަޖެޓުގައި ހިމަނާފައިވާކަމައްވެސް އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ސަރުކާރުން ހިއްސާވާގޮތަށް އުފައްދާފައިވާ 21 ކުންފުންޏަކުން 776 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ސަރުކާރަށްވަމުން ދިޔަކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް 67 ކުންފުނި އޮތް ނަމަވެސް ފައިދާއަށް ޖެހިފައިހުރީ 625 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ވުމުން އޭނގެން ބައެއް ކުންފުނިތައް އުވާލަން ވިސްނާ އަނެއްބައި ކުންފުނިތައް އަލުން އެކުލަވާލުމަށް ވިސްނާ ކަމައްވެސް އޭނާ ވިދާޅުވި އެވެ.