ކާބުލް (އޮގަސްޓް 17): އަފްޣާނިސްތާނުގެ ވެރިޔާ (އަމީރު) ގެ މަގާމަށް ތާލިބާނުންގެ ދެވަނައަށް އެންމެ އިސް ލީޑަރު ކަމަށްވާ މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ހަމަޖެއްސިކަން އެޖަމާއަތުން އިއުލާން ކޮށްފިއެވެ.

ތާލިބާނުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނިގޮތުގައި އަފްޣާނިސްތާނުގެ އަމީރަކަށް އެޖަމާއަތުން ވަނީ އުމުރުން 53 އަހަރުގެ މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ހަމަޖައްސާފައެވެ. ކަންދަހާރަށް އުފަން މުއަލާ ބަރާދަރަކީ 1990 ގެ ތެރޭގައި ތާލިބާން ޖަމާއަތް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެޖަމާއަތުގެ ވެރިންގެ ތެރޭގައި ހިމެނޭ އަސްކަރީ ކޮނާމްޑަރެކެވެ.

ރިޕޯޓްތައް ބުނާގޮތުން 1990 ވަނައަހަރު ތާލިބާން ޖަމާއަތް އުފެއްދީ މުއްލާ މުހައްމަދު އުމަރާއި މުއްލާ ބަރާދަރު ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެންކަމުން 2013 ވަނަ އަހަރުގެ އެޕްރީލް މަހު މުއްލާ މުހައްމަދު އުމަރު މަރުވުމާ ހަމައަށް އޭނާ އެންމެ އިތުބާރުކުރާ އަދި އޭނާގެ އެންމެ ގާތް މީހަކީ މުއްލާ ބަރާދަރެވެ.

ތާލިބާނުންގެ އިސް ވެރިންނާބެހޭ މާގިނަ މައުލޫމާތެއް އެޖަމާއަތުން ހާމައެއް ނުކުރެއެވެ. މުއްލާ ބަރާދަރު އާބެހޭ މާގިނަ މައުލޫމާތުވެސް އެޖަމާއަތުން ހާމަކޮށްފައެއް ނުވެއެވެ. ބަރާދަރު ތާލިބާނުންގެ ސިޔާސީ ގޮފީގެ އިސް ވެރިއަކަށް ހަމަޖައްސާފައިވަނީ 2018 ވަނައަހަރުއެވެ. އެއަށްފަހު އޭނާގެ ނަން މަޝްހޫރުވެގެން ދިޔައީ ތާލިބާނުން ބޭރުގެ ފަރާތްތަކާ ކުރަމުން ގެންދިޔަ ސިޔާސީ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ތާލިބާނުންގެ އިސް ޑިޕްލޮމޭޓްގެ ގޮތުގައެވެ.

ތާލިބާނުންގެ ރޫހީ ލީޑަރު ހިބަތުﷲ އަޚުންޒާދާ

ތާލިބާނުންގެ އިސްވެރިންގެ ހައިރާކީ އަށް ބަލާއިރު އެޖަމާއަތުގެ އެންމެ އިސް ލީޑަރަކީ މުއްލާ ހައިބަތުﷲ އަޚުންޒާދާ އެެވެ. އަޚުންޒާދާ އާމެދު ބެލެވިފައިވަނީ އޭނާއަކީ އެޖަމާއަތުގެ ދީނީ މުރުޝިދު ނުވަތަ ޝަރަފުވެރި ރޫހީ ލީޑަރުގެ ގޮތުގައެވެ. އޭނާއަކީ ތާލިބާނުންގެ އަސްކަރީ އަދި ސިޔާސީ ހަރަކާތްތަކުންވެސް ފެންނަ ލީޑަރެއް ނޫނެވެ.

ތާލިބާނުންގެ ދެވަނައަށް އެންމެ އިސް ލީޑަރަކީ މުއްލާ ބަރާދަރެވެ. ބަރާދަރާމެދު ބެލެވިފައިވަނީ އޭނާއަކީ ތާލިބާނުންގެ އެންމެ އިސް ސިޔާސީ ލީޑަރުގެ ގޮތުގައެވެ. ތާލިބާނުންގެ އަސްކަރީ އެންމެ އިސް ލީޑަރަކީ އެޖަމާއަތުގެ ބާނީ މުއްލާ މުހައްމަދު އުމަރުގެ ފިރިހެންދަރި މުއްލާ މުހައްމަދު ޔައުގޫބު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއާއި ތާލިބާނުންގެ މެދުގައި ސުލްހަ ގާއިމް ކުރުމަށްޓަކައި ގަތަރު މެދުވެރިއަކަށްވެގެން އެމެރިކާއާއެކު ކުރިޔަށްގެންދިޔަ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވި ތާލިބާނުންގެ ވަފްދުގެ އެންމެ އިސްވެރިއަކީ މުއްލާ ބަރާދަރުއެވެ. ތާލިބާނުން ރަޝިއާއާއި އީރާނާ އަދި ޗައިނާއަށް ފޮނުވި ވަފްދުތަކުގެ އިސް ވެރިއަކަށް ހުރީވެސް ބަރާދަރެވެ.

ތާލިބާނުންގެ އަސްކަރީ އެންމެ އިސް ލީޑަރު އަދި އިސް އަސްކަރީ ކޮމާންޑަރު މުއްލާ މުހައްމަދު ޔައުގޫބު

އެމެރިކާއާއި ތާލިބާނުންނާ ދެމެދު 2020 ގައި ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގައި ތާލިބާނުންގެ ފަރާތުން ސޮއިކުރީވެސް ބަރާދަރެވެ. ތާލިބާނުން އަސްކަރީ ގޮތުން ބަލިކުރުމުގައި އެެމެރިކާ މުޅިން ނާކާމިޔާބުުވުމާއެކު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް އެމެރިކާ ސަރުކާރުން ނިންމީ މި އެއްބަސްވުމުގެ ދަށުންނެވެ.

ތާލިބާނުން މަސައްކަތްކުރަނީ އަފްޣާން ރައްޔިތުން ނިސްބަތްވާ ހުރިހާ ދީންތަކާއި ގައުމިއްޔަތުތަކާއި އަދި ނަސްލުތައް ހިމެނޭގޮތަށް ސަރުކާރެއް އެކުލަވާލުމުގެ ވާހަކަތައް އަވަހަށް ފެށުމަށް ކަމަށް އެޖަމާއަތުން ބުނެފައިވެއެވެ. ތާލިބާނުން އަފްޣާނިސްތާނުގެ އަމީރު ގެ މަގާމަށް މުއްލާ ބަރާދަރު ހަމަޖެއްސި ނަމަވެސް އެޖަމާއަތުންވަނީ އަފްޣާނިސްތާނުގައި އެކުލަވާލާނީ އެގައުމުގެ ރައްޔިތުން ނިސްބަތްވާ ހުރިހާ ދީންތަކާއި ގައުމިއްޔަތުތަކާއި އަދި ނަސްލުތައް ހިމެނޭ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއްކަން ހާމަކޮށްފައެވެ.

މިފަދަ ސަރުކާރެއް އެކުލަވާލުމުގެ ވާހަކަތައް ފެށުމަށް މަސައްކަތް ކުރާކަމަށާ ނަމަވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވެރިރަށް ކަބުލްއާއި އަފްޣާނިސްތާނުގެ އެހެން ސަރަހައްދުތަކުގައި ހަމަޖެހުމާއި ސުލްހަ ގާއިމް ކުރުމަށްކަން ތާލިބާނުން ވަނީ ބުނެފައެވެ.

ތާލިބާނުން ކާބުލްއަށް އެރުމާއެކު އަފްޣާން ސަރުކާރު ވެއްޓިފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ތާލިބާނުން ކާބުލްއަށް އެރުމުގެ ތަންކޮޅެއް ކުރިން އަފްޣާން ރައީސް އަޝްރަފް ޣަނީ ވަނީ އޭނާގެ އާއިލާއާއެކު ގައުމު ދޫކުރައްވައި ބޭރަށް ފިއްލަވައި ވަޑައިގެންފައެވެ.