17 Aug 2021, 15:19
މިދިޔަ ހޯމަ ދުވަހު ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އޮފީހުގެ ފުރާޅުން ޓިނު ނަގައިގެން ވައްކަންކުރި މައްސަލައިގެ ފަހަތުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އޮތްކަމަށް ތުހުމަތުކުރަނީ މިވަގުތު ސަރުކާރަށް ތާއިދުކުރާ އާންމުން ހިތްހަމަޖައްސަންކަމަށާއި އަދި އެއީ އިދިކޮޅުން ކުރާކަމެއްނަމަ އެކަން އެ ކުރަނީ ކާކުތޯ ސީދާ ބުނުމަށް އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އާރުޑިސީގެ އޮފީސް މި އަހަރު ތެރޭ މިހާރު ވަނީ ތިން ފަހަރު ފަޅާލައި ވައްކަންކޮށްފައެވެ. އެ ވައްކަންތަކާއި ގުޅިގެން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވަނީ އެއީ އިދިކޮޅުން ރާވައިގެން ކުރާކަމެއްކަމަށް ތުހުމަތުކޮށްފައެވެ. އެކަމާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝުޖާއު ވިދާޅުވީ އެގޮތަށް ވާހަކަދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
"ރައްޔިތުންގެ މުދަލުގައި ހުޅުޖަހާ، ދިވެހި ރައްޔިތުންގެ މުދަލަށް އަނިޔާދީ ގެއްލުންދޭ ފިކުރުގެ ޕާޓީއެއް ނޫން ޕީޕީއެމް، ޕީއެންސީ އަކީ،"
"ސިޔާސީ ކަންކަމުގައި އެބޭފުޅާ ދެން ވަރަށް ބޮޑަށް ފްރަސްޓްރޭޓް ވެފަ މި ސަރުކާރު މިހާރު މިއޮތީ، ވަކި އާރްޑީސީއެއް ނޫން، މުޅި ސަރުކާރުގެ ހުރިހާ ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުން ވަރަށް ބޮޑަށް މާޔޫސްވެފަ ތިމީ. މިހާރު ކޮންމެކަމެއް ވާއިރަށް ދެން އެބޭފުޅުންގެ ހިތުން އެބޭފުޅުންގެ މީހުން ހިތްހަމަޖައްސާލާ، އެބޭފުޅުންގެ ތާއީދުކުރާ މީހުން ހިތްހަމަ ޖައްސާދޭން ބުނާ އެއްޗެއްގެ ގޮތުގައި އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވާހަކަދައްކަވަމުން ވަނީ އާރުޑީސީގެ އޮފީހުން އެތައް ފަހަރެއްގެ މަތިން ވައްކަންކޮށްފައިވާތީވެ އެކަމާއި ދޭތެރޭ ފާޑުވިދާޅުވެފައެވެ. އަދި އެކަހަލަ ކަންކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކުންފުނި ހިންގަން ހުރި ވެރިޔާކަމަށް ވިދާޅުވެފައެވެ. ޝުޖާއު އިތުރަށް ވިދާޅުވީ އާރުޑީސީގެ ވައްކަންތަކަކީ މޫކޭއަށް އެނގިގެން ވާ ކަމެއް ކަމަށް މިހާރު ތުހުމަތު ކުރެވޭ ކަމަށް ވިދާޅުވެފައެވެ.
އެހެން ވިދާޅުވާ ސަބަބެއްގެ ގޮތުގައި ކުންފުންޏެއްގެ ދޮރު ފަޅާލާ ނުވަތަ ސީލިންގް ފަޅާލުމުން ދެން އެހިސާބުން އެއާ ގުޅިގެން އެ ކުންފުނި ހަރުދަނާކޮށް ބެލެހެއްޓޭނެ ހުރިހާ ކަމެއް އެ ކުންފުނި ހިންގުމާ ހަވާލުވެގެން ހުންނެވި ފަރާތަކުން ކުރައްވަން ޖެހޭނެކަމަށާއި އަދި އެކަން އެގޮތަށް ނުކުރުމުން ދޭހަވާކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު އިތުރަށް ވިދާޅުވީ އިދިކޮޅުން ގައުމަށް "ގައްދާރުވާކަމަށް" ރާއްޖޭގެ ރައްޔިތުން ގަބޫލުނުކުރާނެކަމަށެވެ.
"ދިވެހި ރައްޔިތުންނެއް ގަބޫލެއް ނުކުރާނެ، ޕީޕީމެއް/ޕީއެންސީ ގެ އިސްވެރިން ދިވެހި ރައްޔިތުންނަށް ގައްދާރުވާނެ ކަހަލަ ކަންކަން ކުރާނެ ކަމަކަށް، ދިވެހި ރައްޔިތުންގެ މުދަލުގައި ހުޅުޖަހާނެ ކަމަކަށް،"
"މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު ޕްރޮޖެކްޓް ހިންގުމަށް ހަވާލުކޮށްފައި އޮތީ އާރްޑީސީއާ. މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ބޭނުންފުޅުވޭ ވަރަށް ބޮޑަށް، މާލެ ސިޓީގެ މަގުތަކަކީ ތާރު އެޅިގެން ތަރައްގީވެފައިވާ މަގުތަކަކަށް ވާން. މިކަމާ ގުޅިގެން އަޅުގަނޑުމެއް އެތަކެއް ފަހަރަށް މޫކޭއާ ގުޅާ ފޯނެއް ނުނަންގަވާ،"
"މެސެޖެއް ކުރެއްވިއްޔާ ޖަވާބެއް ނުދޭ. އަޅުގަނޑު މިއަދުވެސް އެތަކެއް ފަހަރު ގުޅައިިފިން. ފޯނެއް ނުނަންގަވާ. މެސެޖް ކޮއްފިން، ފޯނެއް ނުނަންގަވާ. މިއީ ކުންފުންޏެއްގެ މެނޭޖިންގް ޑިރެކްޓަރުގެ ހާލަތު ހުރި ހިސާބު،" މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ކަންކަމުގައި ގުޅުމުން ފޯނު ނުނެންގެވުމަކީ އިދިކޮޅަށް އެކަމުގެ ގެއްލުން ނުވާނެ ކަމަށެވެ.