ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރައީސް ކަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަކިކުރުމާ ދޭތެރޭ ގޮތެއް ނިންމުމަށް އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އަލީ ވަހީދު ޕާޓީގެ ރައީސް ކަމުން ވަކިކުރަން ސުލޫކީ ކޮމިޓީއަށް ފޮނުވަން ނިންމީ ރޭ ބޭއްވި ޖޭޕީގެ 142 ވަނަ ކައުންސިލު ބައްދަލުވުމުގައެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު "ސަން"އަށް ވިދާޅުވީ އަލީ ވަހީދުގެ މައްސަލަ ކޮމިޓީއަށް ފޮނުވަން ނިންމީ އެކަމާމެދު ޕާޓީގެ ގިނަ މެންބަރުންނެއްގެ ކަންބޮޑުވުން ހުރުމުން، މެންބަރެއްގެ ހުށަހެޅުމާއެކު ކަމަށެވެ.

އެގޮތުން ޕާޓީގެ ސުލޫކީ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު، ގަވާއިދުގައި އޮންނަ ގޮތުން އަލީ ވަހީދު ޕާޓީގެ ރައީސް ކަމުން ވަކިކުރާނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

އެ މައްސަލަ ނުބެލި ލަސްވީ ކޮވިޑުގެ ސަބަބުން ޕާޓީގެ ހަރަކާތްތަކާއި ކައުންސިލް ބައްދަލުވުންތައްވެސް މެދުކެނޑިފައި އޮތުމުގެ ސަަބަބުން ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

"ސުލޫކީ ކޮމިޓީން އެ މައްސަލައިގަ ގޮތެއް ނިންމީމަ އެހިސާބުން ނިމުނީ. އޭރުން ގޮތެއް ނިންމޭނެ،" އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯލިހު އިތުރަށް ވިދާޅުވީ ޕާޓީގެ ސިޔާސީ މަސައްކަތްތައް އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށްވެސް ރޭގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށާއި، އެގޮތުން އަތޮޅުތެރޭގައިވެސް ޖޭޕީގެ ސިޔާސީ ހަރަކާތްތައް ފަށަން ނިންމާފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާކޮށްފައި ވަނިކޮށް އޭނާ ވަނީ ބޭސްފަރުވާއަށްކަމަށް ބުނެ ކޯޓުގެ ހުއްދައާއެކު ރާއްޖެއިން ބޭރަށް ގޮސްފައެވެ. ނަަމަވެސް ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވީއިރުވެސް ރާއްޖެ ނާންނާތީ ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ވަނީ އޮންލައިންކޮށް ކުރިއަށްގެންދަން ފަށާފައެވެ.

އެހެންނަމަވެސް އެފަދަ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ދައުލަތުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުނުވުމުން ސުޕްރީމް ކޯޓުން މިހާރު ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އަދި ހުކުމް ތަންފީޒުކުރުމަށް އިންޓަޕޯލް މެދުވެރިކޮށް އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ.