22 Feb 2012, 11:22
މުސާރައާއި އިނާޔަތްތައް ގައުމުގެ ހާލަތާ އެއްގޮތަށް ބަދަލުކޮށް، އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޭ މިންގަޑާ އެއްހަމައަކުން ސިވިލްސާވެންޓުންގެ މުސާރަތަކާ އިނާޔަތްތައް މުރާޖައާކޮށް މުސާރަ ބޮޑުކުރުމަށް ސިވިލްސާވެންޓުން ތަމްސީލް ކުރާ، ސިވިލްސާވެންޓްސް އެސޯސިއޭޝަންއިން ސަރުކާރަށް ގޮވާލައިފި އެވެ.
އެ އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުގައި ސިވިލް ސާވަންޓުންގެ ހައްގުތައް ލިބިދީފައި ނުވާ ކަމަށާއި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެވްރެޖްކޮށް މުވައްޒަފުންނަށް ދެމުންދާ މުސާރައާއި އިނާޔަތްތަކާ ބަލާ އިރު ސިވިލް ސާވަންޓުންނަށް ލިބެނީ ނިސްބަތުން ކުޑަ މުސާރައަކާއި އިނާޔަތެއްކަމަށެވެ. އަދި ސިވިލް ސާވެންޓުންގެ މުސާރަ ވެސް ހަމަހަމަ އުސޫލަކަށް އެއް މިނަގަނޑަކަށް ފައްތަން ޖެހޭ ކަމައް އެބަޔާނުގައިވެ އެވެ.
"މުދަލާއި ހިދުމަތުގެ އަގު ބޮޑުވެ، ދިރިއުޅުމުގެ އަގު އަތްނުފޯރާފަށަށް ގޮސްފައިވާ މިދަނޑިވަޅުގައި ތައުލީމާއި ހުނަރު ލިބިފައިވާ ގާބިލު މުވައްޒަފުންނަށް ހިނިތުންވުމާ އެކު ޒަމާނީ ފެންވަރެއްގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް، ދައުލަތުގެ މުއައްސަސާތަކާއި ދިވެހި ވަޒީފާގެ ބާޒާރުގެ މުސާރައާއި އިނާޔަތްތަކާއި އެއްހަމައަށް ގެނައުމަށް ގޮވާލަން،" ބަޔާނުގައި ވެ އެވެ.
އަދި ސިވިލް ސާވިސްގެ މުވައްޒަފުންގެ ފެންވަރުބަލާ ކުރިއެރުން ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައިވީ ނަމަވެސް މުވައްޒަފުންނަށް ހައްގުވާ ކުރިއެރުން ދީފައިނުވާ ކަމަށާއި އެ ކަންތައްވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުނެ އެވެ.
"މުވައްޒަފުންގެ ފެންވަރު ބެލުމަށް ފަހު ކަނޑައެޅިފައިވާ އުސޫލުން މުސާރައިގެ ކުރިއެރުން ދިނުމާއި މަގާމްގެ ކުރިއެރުން ލިބެންޖެހޭނެ ކަމަށް ގަބޫލުކުރަން. އަދި އެކަމުގެ ސަބަބުން މުވައްޒަފުންނަސް ކުރިއަށް ދިއުމަށް ހިތްވަރު ލިބި މަސައްކަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ދެކޭތީ، ކަނޑައެޅިފައިވާ އުސޫލުން މުސާރަ އާއި މަގާމްގެ ކުރިއެރުން ދެމުން ގެންދިއުމަށް ގޮވާލަން،" ބަޔާނުގައި ބުނެފައިވެ އެވެ.
ކުރިއެކޭ އެއް ގޮތަށް ސަރުކާރުގެ ރަސްމީ ގަޑި ބަދަލުކުރުމަށް ކެބިނެޓުގައި މަޝްވަރާ ކުރުމުން އެކަމަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނެފައި ވަނީ އޮފީސްތަކާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މަސައްކަތުގެ ގަޑި ކުޑަކޮށް ކުރިއެކޭ އެއްގޮތަށް ބަދަލުކުރުމަކީ އޮފީސް ހިންގަމަށްދާ ހަރަދުތައް ކުޑަވެ ދައުލަތުގެ ހަރަދު ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅެއްކަމަށާއި އެކަމާއި މެދު ސަރުކާރުން ފުންކޮށް ވިސްނާ އެގޮތަށް ބަދަލު ގެނައުމަށް ގޮވާލާ ކަމަށެވެ.
އަދި ސިވިލް ސާވަންޓުންގެ އަތުން އުނިކުރި ފައިސާއާއި ގުޅޭގޮތުން ހައިކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ފައިސާ އިއާދަކުރުމަށް ސަރުކާރުން ވިސްނަމުން އަންނާތީ އެކަމައްވެސް އެޖަމްއިއްޔާއިން ވަނީ މަރުހަބާ ކިޔާފަ އެވެ.