19:00


ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރ ގާސިމް އިބްރާހިމާއި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަށާއި ރާއްޖެ އިން ކޮރަޕްޝަން ނައްތާލުމަށް ގޮވާލާ އެމްޑީޕީން މުޒާހަރާއެއް ބާއްވައިފި އެވެ.


މިއަދު ހަވީރު ހަތަރެއް ޖެހިއިރު ސޯޝަލް ސެންޓަރު ސަރަހައްދުން ފެށި މި މުޒާހަރާގައި ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ އެމްޑީޕީގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުން ބައިވެރިވި އެވެ. އެމްޑީޕީގެ ދިދައާއި ދިވެހި ދިދަ ހިފައިގެން އެމްޑީޕީން ބޭއްވި މިމުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވަމުންދިޔައީ ޕީއޭގެ ރައީސް ޔާމީނާއި ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް ހިފާ ހައްޔަރުކުރުމަށެވެ. އަދި މީގެ އިތުރުން ޔާމީނާއި ޤާސިމްގެ މައްޗަށް މި ސަރުކާރުން ކޮށްފައިވާ ރިޝްވަތުގެ ތުހުމަތުތަކުގެ މައްސަލާގައި އެ ދެބޭފުޅުން މިނިވަންކޮށް ދޫކޮށްލާފައިވާތީ އަދުލު އިންސާފް ޤާއިމްކުރެއްވުމަށް ތިއްބެވި ފަނޑިޔާރުންނަށް ވެސް މިމުޒާހަރާގެ ބައިވެރިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާ، އިންސާފު ގާއިމްކުރުމަށް ގޮވާލާފަ އެވެ.


ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީން މިއަދު ބޭއްވި މިމުޒާހަރާ ސުނާމީ ބިނާ ސަރަހައްދަށް ނިންމާލުމަށްފަހު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރ ރީކޯ މޫސާ މަނިކު ވިދާޅުވީ ޤާނޫނާއި ހިލާފަށް ދޫކޮށްލާފައި ތިބި މެންބަރުން ހައްޔަރު ކުރުމަށާއި އެބޭފުޅުން ހައްޔަރުކުރަންދެން އެމްޑީޕީގެ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.


މިއެއްވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮރަޕްޝަންގެ އަމަލްތައް ހިންގަވާފައިވާ ބޭފުޅުން މަޖިލީހުން ދުރަށް ޖެހިވަޑައިގަތުމަށެވެ.


މިއަދު އެމްޑީޕީން މާލޭގައި ބޭއްވި މި މުޒާހަރާ ނިންމާލާފައި ވަނީ އާޓިފިޝަލް ބީޗުގައި މިރޭ އެއްވުމަށް ބާއްވާނެކަން އިޢުލާންކޮށްފަ އެވެ.


މި މުޒާހަރާ ނިންމާލައިފައިވަނީ، ޤާނޫނާއި ހިލާފަށް ދޫކޮށްލާފައިވާ މަޖިލީހުގެ މެންބަރުން މިރޭ ބާރަ ޖެހުމުގެ ކުރިން ހައްޔަރު ނުކޮށްފިނަމަ ރައްޔިތުންގެ ކޯޓު ހުޅުވުމަށް އެމްޑީޕީން ނުކިންނާނެ ކަމުގެ އިންޒާރުދެމުންނެވެ.


މިކަމާ ގުޅޭ ގޮތުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސަ ވިދާޅުވީ، ޤާނޫނު އަސާސީއަކީވެސް ރައްޔިތުން ކަމަށާއި މި ގައުމުގައި ކަންތައް ހިނގާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވަނީ ގައުމުން ކޮރަޕްޝަން ނައްތާލުމަށް ކަމަށް މޫސަ ތަކުރާރުކުރެއްވި އެވެ.