17 Aug 2021, 14:27
އިފްގާނިސްތާނުގައި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާ އަދި ބާރުތައް ވަކިވެފައިވާ ޒަމާނީ މުސްލިމު ދައުލަތެއް ބިނާކުރުމަށް ރާއްޖެފަދަ ގައުމެއްގެ ދުސްތޫރީ ތަޖުރިބާއާއި އެހީތެރިކަން މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އަފްގާނިސްތާނަކީ މުސްލިމް ގައުމެއް ކަމަށާއި، ލޭ އޮހޮރުވުން ހުއްޓި އެ ގައުމުގެ ރައްޔިތުންނަށް އިންސާނީ ކަރާމަތާއި ރައްކާތެރިކަމާއެކު އުޅުމުގެ ހައްގު އޮންނަންޖެހޭކަމަށެެވެ.
"ހަނގުރާމަތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުންވަނީ އެތައް ވޭނަކާއި ހިތާމައެއް ތަހައްމުލުކޮށްފަ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
ސުލްހަވެރިކަމާއި އަމާންކަމާ އެކު އުޅެވޭނެ މުޖުތަމައަކާއި ޒަމާނީ ދައުލަތެއް ގާއިމު ކުރުމުގައި އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމަކީ ބައިނަލްއަގުވާމީ މުޖުތަމައާއި، ހާއްސަކޮށް އިސްލާމީ އުންމަތުގެ މައްޗަށް އޮތް މަސްއޫލިއްޔަތެއް ކަމުގައި ދެކިލައްވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"އަފްގާނިސްތާނުގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ އަދި ބާރުތައް ވަކިވެފައިވާ ޒަމާނީ މުސްލިމު ދައުލަތެއް ގާއިމުކުރުމުގައި ދިވެހިރާއްޖެ ފަދަ ގައުމެއްގެ ދުސްތޫރީ ތަޖުރިބާއާއި އެހީތެރިކަން މުހިންމުވާނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ އިސްތިއުމާރީ، އަސްކަރީ ބާރުތަކުން އެއްވެސް ގައުމެއް އަޅުވެތި ނުކުރެވޭނެކަމަށާއި ކިތަންމެ ދިގުލައި ދިޔަޔަސް އިސްތިއުމާރީ ބާރުތައް ގައުމުތަކުން ނިކުންނަންޖެހޭނެކަން އަފްގާނިސްތާނުގެ ހާލަތުން އިންސާނިއްޔަތަށް ފިލާވަޅު ލިބިފައިވާ ކަމަށެވެ.
އަދި އަމިއްލަ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ބޭރު ބަޔަކަށް ވިއްކާލައި ދީނަށް ހިޔާނަތްތެރިވެ، ބޭރު މީހުންގެ އުންމީދުތަކާ އެއްގޮތަށް ގައުމުގެ މިސްރާބު ހިފާ ކޮންމެ ފަރާތްތަކަށް އޮތީ ނާކާމިޔާބު ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.