17 Aug 2021, 11:39
ވަޒީރެއްގެ ހައިސިއްޔަތުން މޯލްޑިވްސް ޑިމަކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މެމްބަރުކަން ކުރައްވާއިރު ޕާޓީން ބާއްވާ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ބުނި ވާހަކައަކީ ހަމަނުޖެހޭ ވާހަކައެއްކަމަށް ޔޫތު މިނިސްޓަރު އަދި އެމްޑީޕީގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށާއި، މަޖިލިސް މެމްބަރުކަމުގެ އިތުރުން ކައުންސިލް މެމްބަރުކަމަށްވެސް އޭނާގެ ޝަރުތު ހަމަވާކަމަށެވެ. އަދި އެއްވެސް ޖިނާއީ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިނުވާކަމަށް މަހުލޫފް ވިދާޅުވިއެވެ.
"ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު ވާދަކުރެވެން ވާނެ. މި ހައްގު ހޯދަން އަޅުގަނޑު މަސައްކަތްކުރާނަން،" މަހުލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މަހުލޫފް ވިދާޅުވީ އޭނާއަށް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ނިންމި ނިންމުމަކީ އެމްޑީޕީގެ ރޫހާ ހިލާފު ކަމެއްކަމަށެވެ. އަދި އެއީ އަބަދުވެސް އެޕާޓީން ވަކާލާތުކުރަމުން އަންނަ އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ކަށަވަރުކުރުމާ ދިމާ އިދިކޮޅު އަމަލެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު މަހުލޫފް ވިދާޅުވީ މި ދުވަސްވަރު އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ނަމުގައި އޭނާ އާ މެދު ހިންގާ ކަންކަމަކީ ސިޔާސީ ކަމެއްކަމަށެވެ. އަދި ސަރުކާރަށްޓަކައި މަސައްކަތްކޮށް ނަތީޖާ ނެރެދޭއިރު ސިޔާސީ ގޮތުން ކުރިމަތިވާ ދަތިތަައް ކުރިމަތިވާންވީ އެއްވެސް ސަބަބެއް ނުވިސްނޭކަމަށް ވެސް ވިދާޅުވިއެވެ.
"އެކަމަކު މި ބޭފުޅުންނަށްޓަކައި އެތައް ގުރުބާނީއެއް ވެދީ އަދި މިހާރުވެސް ސަރުކާރުގައި ވަރަށް ރަނގަޅު ނަތީޖާ ނެރެދީފައިވާއިރު ވެގެން މިއުލޭ ގޮތް އެއްވެސް ގޮތަކަށް ނުވިސްނޭ،" މަހުލޫފް ވިދާޅުވިއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު ސޮއިކުރައްވައި މަހުލޫފަށް ރޭ ފޮނުވި ސިޓީގައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ) ގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މަހުލޫފްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެފައެވެ.
މަހުލޫފްގެ ޝަރުތު ހަމަނުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގައި މަހުލޫފްގެ މައްސަލައެއް އޮތްކަމަށް އެ ކޮމިޝަނުން އެމްޑީޕީއަށް އަންގާފައިވާތީ ކަމަށް އެ ސިޓީގައިވެއެވެ.
އެއްވެސް ކޮމިޝަނަކުން ނެރޭ ހިޔާނާތުގެ ލިސްޓެއްގައި ނަން އޮތް މީހަކަށް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ މީގެކުރިން ފާސްކޮށްފައެވެ.