17 Aug 2021, 11:18
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށްވެސް ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީން އަންގައިފިއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ނަން ހިމެނިފައިވާކަމަށް ބުނެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަަމަށް އެ ޕާޓިން ވަނީ އަންގާފައެވެ.
އެސްޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ލިސްޓުގައި އަކްރަމްގެ ނަންވެސް ވަނީ ހިމެނިފައެވެ.
އަކްރަމް ކަމާލުއްދީން "ސަން" އަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާދަނުކުރެވޭނެކަމަށް ރޭގެ ވަގުތެއްގައި އަންގާފައިވާ ކަމަށެވެ.
ނަމަވެސް އެމްޑީޕީން ނެރެފައިވާ ގަރާރުގައި ބުނާގޮތުން ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނީ ޖިނާއީ ބޮޑު ކުށެއް ކޮށްފައިވާނަމަ، ނުވަތަ އެސެޓް ރިކަވަރީ ކޮމިޝަނާއި މަރުތަކާބެހޭ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައި ބަޔާންކުރާ ނަމަ ކަަމަށް އަކްރަމް ފާހަގަކުރެއްވިއެވެ.
އަދި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިނިދުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާ ފަރާތްތަކެވެ.
އެހެންކަމުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ނަން އޮތް ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާދަ ނުކުރެވޭނެކަަމަށް އެންގީ އިންސާފުވެރިކޮށް ކަމަށް ގަބޫލުނުކުރާ ކަމަށް އަކްރަމް ކަމާލުއްދީން ވިދާޅުވިއެެވެ.
"އެންޓި ކޮރަޕްޝަނުން މައްސަލައެއް އުޅޭކަމެއް ބުނުމަކީ އަދި އަޅުގަނޑު އެމީހުން ނެރުނު ގަރާރުން ޑިސްކޮލިފައިވާ ކަމެއް ނޫން،" އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.
އަކްރަމް ކަމާލުއްދީން އިތުރަށް ވިދާޅުވީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުމާ ބެހޭގޮތުން ޝަކުވާ ހުށަހަޅާނެ ކަމަށެެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބާ ބެހޭގޮތުން މި މަހުގެ 29 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
އަކުރަމް ކުރިމަތިލައްވަން ނިންމެވީ މާލެ ދާއިރާގެ ރައީސް ކަމަށެވެ.