17 Aug 2021, 11:21
ގދ. ތިނަދޫ މޮނިޓަރިންއިން ނެގިތާ އެއް މަސްދުވަސް ނުވަނީސް އަނެއްކަވެސް ރެންޑަމް ކޮވިޑް ކޭސްއެއް ފެނިގެން އެރަށް މޮނިޓަރިންއަށް ލައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިއްޔެ ތިނަދޫ މޮނިޓަރިންއަށް ލާފައިވާކަން ހާމަކޮށްފައެވެ. މިއީ އެރަށް މޮނިޓަރިންއަށް ލީ ތިންވަނަ ފަހަރެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލް މެމްބަރު މުހައްމަދު ޒަލީފް އަބްދުﷲ ވިދާޅުވީ މިފަހަރު ރަށުން ފެނުނު ކޭސްއަކީ ރެންޑަމް ސާމްޕަލްއަކުން ޕޮޒިޓިވްވި ސްކޫލް ކުއްޖެ ކަމަށެވެ.
"ގްރޭޑް 6 ގައި ކިޔަވާ ކުއްޖެއް އެއީ، ދެން އެ ކުއްޖާއާއެއްކޮށް އާއިލާ މީހުންވެސް ޕޮޒިޓިވްވެގެން ރަށް މޮނިޓަރިންގް އަށް ލީ،" ޒަލީފް ވިދާޅުވިއެވެ.
ތިނަދޫ ތިންވަނަ ފަހަރަށް މޮނިޓަރިންގް އަށް ލާފައި މިވަނީ، ރަށް އަލުން އާބާދުވިތާ 50 ފާހަގަކުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށް ޒަލީފް ވިދާޅުވިއެވެ. ތިނަދޫ މޮނިޓަރިންއަށް ލުމާ ގުޅިގެން އެރަށުގައި މިހާރު ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
"އެ ކުއްޖާއަކީ ރަށުން ބޭރަށް ދަތުރުކުރި ކުއްޖެއް ނޫން، އެހެންވީމާ ނޭނގެ ކިހިނެތްކަމެއް ބަލިވީވެސް. ދެން އެ ކުއްޖާގެ ކިބައިން އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުން ޕޮޒިޓިވްވީ، އަދި ނޭނގެ ކިހިނެތްކަމެއް ބަލި ޖެހުނީ،" ޒަލީފް ވިދާޅުވިއެވެ.
ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ އެ ކުއްޖާއަކީ ސްކޫލު ކުއްޖެއްކަމުން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ސްކޫލުގައިވެސް ކުރިޔަށްދާ ކަމަށެވެ. އަދި މިވަގުތު ތިނަދޫގައި ބަލީގެ އެކްޓިވް ހަ ކޭސް ހުރި އިރު އެ ހުރިހާ ކޭސްއަކީވެސް ހޯމް ކަރަންޓީނުން ފެނުނު ކޭސްކަމަށް ސައީދު ވިދާޅުވިއެވެ.
މި އަހަރު އެންމެ ފުރަތަމަ ތިނަދޫ މޮނިޓަރިންއަށް ލާފައިވަނީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ. އެފަހަރު މޮނިޓްރިން އުވާލީ ދިހަ ދުވަސް ފަހުން އެމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން މާޗް 24 ވަނަ ދުވަހު ދެވަނަ ފަހަރަށް އެރަށް މޮނިޓަރިންގްއަށްލީއިރު ރަށް އަލުން އަބުރާ އާންމު ހާލަތަށް ގެނައީ އޭގެ ތިން މަސްދުވަސް ފަހުން ޖުލައި 25 ވަނަ ދުވަހުއެވެ. އެފަހަރު އެރަށުގެ ހާލަތު ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވެ، ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވިއެވެ.