ޓްރީ ޓޮޕް ހޮސްޕިޓަލުގައި 1،000 ކުއްޖާ ވިހެއުން ފާހަގަ ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ވަނީ ކާމިޔާބުކަމާއެކު 1،000 ވަނަ ކުއްޖާ ވިހެއުމުގެ ޕްރޮސީޖާ ފުރިހަމަ ކޮށްފައެވެ.

އެގޮތުން 1،000 ކުދިން ވިހެއުމާ ގުޅިގެން އެކަން ކުލަގަދަކޮށް ފާހަގަކޮށް، ހޮސްޕިޓަލުގެ މެހެމާނުންނަށް ބާއްވާ ވަރަށް ހާއްސަ ހަރަކާތްތަކެއް ރޭވިފައިވާކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން، އޮބްޓެޓްރިކްސް އަދި ގައިނެކޮލޮޖީ ނުވަތަ ވިހެއުމާއި އަންހެނުންގެ ހާއްސަ ހިދުމަތްތައް ފޯރުކޮށްދެނީ އެންމެ ފެންވަރު ރަނގަޅު ގޮތެއްގައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިގޮތުން އަންހެނުންނަށް ހާއްސަ ހެލްތް ސްކްރީނިން ޕްރޮގްރާމް ތަކާއި ވިހެއުމުގެ ހާއްސަ ޕެކޭޖްތައް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދެމުން ދެއެވެ. މި ޕްރޮގްރާމުތަކުގެ ދަށުން ވިހެއުމުގެ ކަންތައްތައް ފަސޭހަކަމާއެކު ހަމަޖެއްސުމާއެކު، ދުރާލައި ތަފާތު ތަހުލީލުތައް ހެދުމުގެ ހިދުމަތްވެސް އެ ހޮސްޕިޓަލުން ފޯރުކޮށްދެއެވެ.

މީގެ އިތުރުން، މަންމައާއި ކުޑަދަރިފުޅުގެ ސިއްހަތަށް ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ އެންމެ ފުރަތަމަ ޗައިލްޑް ނިއުޓްރިޝަން ކްލިނިކް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަރަށް ފަހުން ހުޅުވާފައި ވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.