17 Aug 2021, 09:55
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް، މާލޭ ސިޓީ ކައުންސިލުން ދޭ ޕާކިން ސްލޮޓުތައް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސްއޫލިއްޔަތު ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން މިހާރު އޮންނަނީ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި މިހާރު ހުރި ވެހިކަލްތަކަށްވެސް އެކަށީގެންވާ ޕާކިން ޖާގަ ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މިހާރު ގިނަ ފަރާތްތަކުން ގަރާޖު ސިޓީ ހޯދަނީ 80،000 ރުފިޔާ ދީގެން ކަމަށާއި، އެތަންތަނަކީ ވެހިކަލް ބާއްވަން، ވެހިކަލްގެ އުމުރަށް ލިބިފައި އޮންނަ ތަނަކަށް ނުވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެކަން ހައްލުކުރުމަށް، މިހާރު ސިޓީ ކައުންސިލުން ކުއްޔަށް ދޭ ޕާކިން ސްލޮޓުތައް، އެއީ ވެހިކަލް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"އެހެންވީމަ މިގޮތަށް އަޅުގަނޑުމެން ކުއްޔަށް މިދޭ ސްލޮޓުތައް، އެ ސްލޮޓުތައް ނަގާ ވެހިކަލް ނޫނީ ސްލޮޓުގައި ބާއްވަން އަޅުގަނޑުމެންނާ އެކީގަ އެއްބަސްވުން ހަދާ ވެހިކަލް އެބޭފުޅުން ބޭނުމިއްޔާ އަޅުގަނޑުމެންނާއެކީ ހަދާ އެއްބަސްވުމެއްގެ ދަށުން އެއީ އެ ވެހިކަލްގެ ގަރާޖުގެ ގޮތުގައި ކަނޑައެޅުމަށް ފުރުސަތު ދޭން އަޅުގަނޑުމެން މި ނިންމީ." މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
އެގޮތަށް ޕާކިން ސްލޮޓެއް ގަރާޖެއްގެ ގޮތުގައި ކަނޑައެޅޭނީ 25،000 ރުފިޔާ ސިޓީ ކައުންސިލަށް ދައްކައިގެން ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ. އެގޮތަށް އަމަލުކުރެވޭނީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް މާލެ އެތެރެކޮށްފައިވާ ވެހިކަލްތަކަށް އެކަނި ކަމަށް މޭޔަރު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ކުއްޔަށްދޭ ސްލޮޓު އަބަދުވެސް އެގޮތުގައި އޮންނާނެ ކަަމަށާއި، ތަރައްގީގެ މަޝްރޫއަކަށް ޕާކިން ސުލޮޓު ނަގަންޖެހިއްޖެނަމަ، އޭގެ ބަދަލުގައި އެހެން ސްލޮޓެއް ހަމަޖައްސައިދޭނެ ކަމަށް މޭޔަރު އިތުރަށް ވިދާޅުވިއެވެ.
މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަކީ ސިޓީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދީގެއް ކުރާ މަސައްކަތެކެވެ. އެގޮތުން މާލޭގައި ދުއްވޭނެ އުޅަނދުގެ އަދަދާއި އެތަކެތީގެ އުމުރު ކަނޑައެޅުމަށްވެސް ސީޓީ ކައުންސިލުން މިހާރު ވަނީ ނިންމާފައެވެ.