ކާބުލް (ފެބްރުއަރީ 22) : އަފްޣާނިސްތާނުގައި ހަނގުރާމަ ކުރަމުން ގެންދާ ނޭޓޯ ސިފައިން ކީރިތި ޤުރްއާނަށް އިހާނާތްކުރުމުގެ ޢަމަލުތަކެއް ހިންގުމާގުޅިގެން ނޭޓޯއާ ދެކޮޅަށް އަފްޣާން އާންމުން ވަރަށް ވަރުގަދައަށް އިޙްތިޖާޖްކޮށްފި އެވެ.

މިއިޙްތިޖާޖްތަކުގައި އަފްޣާން އާންމުންގެ އެތައް ހާސްބަޔަކު ވަނީ ކާބުލްގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު ޢަސްކަރީ މަރުކަޒު ކަމަށްވާ ބަގްރާމް ޢަސްކަރީ ބޭހުގެ ކުރިމަތީގައި މުޒާހަރާކޮށް ކީރިތި ޤުރްއާނަށް އިހާނާތްކުރި ނޭޓޯ ސިފައިން އަފްޣާނިސްތާނުގެ ކޯޓުތަކަށް ޙާޒިރުކޮށް އަދަބު ދިނުމަށް ގޮވާލާފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކީރިތި ޤުރްއާނަށް އިހާނާތް ކުރުމުގެ ޢަމަލުތައް ހިންގާފައި ވަނީ ނޭޓޯ ސިފައިންގެ ތެރޭގައި ހިމެނޭ އެމެރިކާ ބަޔަކު އިސްވެތިބެގެންނެވެ.
މިމައްސަލާގައި އެމެރިކާގެ ދިފާއީ ވަޒީރު ލިޔޮން ޕެނެޓާވަނީ މަޢާފަށް އެދިވަޑައިގެންފަ އެވެ.

ކީރިތި ޤުރްއާނަށް އިހާނާތްކުރާ ކަމުގެ ތުހުމަތު އަފްޣާނިސްތާނުގައި ހަނގުރާމަ ކުރާ އެމެރިކާ ސިފައިންގެ މައްޗަށް މީގެކުރިން ވެސް ކުރެވިފައިވެ އެވެ. މިގޮތުން ކީރިތި ޤުރްއާނުގެ ކޮޕީތަކަށް އެމެރިކާ ސިފައިން އިހާނާތްކުރާކަމަށް އަފްޣާން ބައެއް ޖަމްޢިއްޔާތަކުން މީގެކުރިން ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އެމެރިކާ ވެސް އަދި ނޭޓޯއިންވެސް މިކަމަށް އެއްބަސްވެފައެއްނުވެ އެވެ.

އަފްޣާން ރައްޔިތުންގެ ބަގްރާމް ޢަސްކަރީ ބޭހުގެ ކުރިމަތީގައި ނޭޓޯއާ ދެކޮޅަށް ކުރި މި އިޙްތިޖާޖްތަކާ ގުޅިގެން ނޭޓޯ އިން ވަނީ ނޭޓޯގެ ސިފައިން ކީރިތި ޤުރްއާނުގެ ކޮޕީތަކަކަށް އިހާނާތްކޮށްފައިވާ ކަމަށް އެއްބަސްވެފަ އެވެ. އެމެރިކާގެ ދިފާޢީ ވަޒީރުގެ އިތުރުން ކާބުލްގައި ހުންނަވާ ނޭޓޯގެ އިސް ކޮމާންޑަރު ޖެނެރަލް ޖޯން އެލީން ވިދާޅުވީ ނޭޓޯގެ ސިފައިން ކީރިތި ޤުރްއާނުގެ ކޮޕީތައް ވަރަށް އިޙްތިރާމްކުޑަ ގޮތަކަށް ނައްތާލާފައިވާ ކަމަށާ އެއީ އެގޮތަށް ކުރެވިގެން ނުވާނެ ކަމެއް ކަމުގައެވެ. މިފަދަކަމެއް ދެންތަކުރާރުވިޔަ ނުދޭނެ ކަމަށާ މިކަމަށް އަފްޣާން މުސްލިމް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ނޭޓޯގެ ކޮމާންޑަރު ޖެނެރަލް އެލީން ވިދާޅުވިއެވެ. (އަލްޖަޒީރާ)