އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް ވާދަނުކުރެވޭނެކަން އަންގައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު ސޮއިކުރައްވައި މަހުލޫފަށް މިރޭ ފޮނުވި ސިޓީގައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ) ގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މަހުލޫފްގެ ޝަރުތު ހަމަނުވާ ކަމަށެވެ.

މަހުލޫފްގެ ޝަރުތު ހަމަނުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގައި މަހުލޫފްގެ މައްސަލައެއް އޮތްކަމަށް އެ ކޮމިޝަނުން އެމްޑީޕީއަށް އަންގާފައިވާތީ ކަމަށް އެ ސިޓީގައިވެއެވެ.

އެއްވެސް ކޮމިޝަނަކުން ނެރޭ ޚިޔާނާތުގެ ލިސްޓެއްގައި ނަން އޮތް މީހަކަށް ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ މީގެކުރިން ފާސްކޮށްފައެވެ.

މަހުލޫފަށް ފޮނުވި ސިޓީގައިވާގޮތުން ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތައް ބެލުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް ފޮނުވާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވިތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަން ވަކިގޮތެއް ޕީޖީ އޮފީހުން އަދި ނިންމާފައެއް ނުވެއެވެ.

އޭގެ ސަބަބުން މަހުލޫފު ވަނީ އޭނާއާ މެދު ޕީޖީން ތަފާތު ކުރާކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަށް ކުރެވޭ ތުހުމަތުތައް ސާބިތުކުރެވޭ ވަރަށް ހެކި ނުހުންނާނެ ކަަމަށާއި، އެ މައްސަލަ ކޯޓަށް ފޮނުވައިފިނަމަ "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވިދާޅުވެފައެވެ.