16 Aug 2021, 23:19
އަފްގާނިސްތާން ބިނާ ކުރުމުގައި ހުޅަނގަށް ނާކާމިބީއާ ކުރިމަތިލާން ޖެހުނު އެއް ސަަބަބަކީ އެގައުމުގައި ސިޔާސީ ޕާޓީތައް ކުރިއަރުވަން އިސްކަން ނުދިނުން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވީ ތާލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ބޮޑު ބައެއްގެ ކޮންޓްރޯލް އަތުލާ، ވެރިރަށް ކާބުލްއަށްވެސް އިއްޔެ އެރި ފަހުންނެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި، އަފްގާނިސްތާނުގައި ގައުމު ބިނާ ކުރުން ފެއިލްވި އެއް ސަބަބަކީ ސިޔާސީ ޕާޓީތައް ކުރިއަރުވަން ހުޅަނގުން އިސްކަން ނުދިނުން،" ނަޝީދު ޓުވީޓު ކުރެއްވިއެވެ.
އެ ޓުވީޓުގައި ނަޝީދު ވަނީ، ކާބުލްއަށް އުފަން މަޝްހޫރު ލިޔުންތެރިޔާ ޚާލިދު ހުސައިނީގެ 'ކައިޓް ރަނާ' ވާހަކައިގެ މުހިންމު ކަމަށްވެސް އިޝާރާތް ކުރައްވާފައެވެ. އަދި ދައުލަތް ބިނާ ކުރުމުގެ ވިސްނުން އާލާ ކުރުމުގައި އެ ވާހަކައިގެ މުހިއްމުކަން އެންމެން ހަނދާން ނެތިފައިވާ ކަމަށް ވިދާޅުވެފައެވެ.
ކައިޓް ރަނާ ވާހަކަ އަކީ ކާބުލްގެ ކުއްޖެއްގެ ހަޔާތާ ބެހޭ ހިޔާލީ ވާހަކައެކެެވެ. ނަމަވެސް އެ ވާހަކައިގައި، 1960އިން 2000ގެ އަހަރުތަކަށް އަފްގާނިސްތާނަށް އައި ބައެއް ބަދަލުތަކުގެ ހަގީގަތްތައް ކިޔައިދީފައިވެއެވެ. އެގޮތުން ސޯވިއެޓް ޔޫނިއަން އިން އެގައުމަށް އެރުމުގެ ކުރިންނާއި ފަހުން އަދި ތާލިބާނުންގެ ވެރިކަމުގައި އަފްގާނިސްތާނަށް އަންނަ ބަދަލުތައް ސިފަކޮށްދީފައިވެއެވެ.