16 Aug 2021, 20:16
ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި އަލީ ސުޒޭން ހަމަޖައްސައިފިއެވެ.
ފުޓުބޯލް އެޝޯޝިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވަނީ ގައުމީ ޓީމުގެ އާ ކޯޗިން ސްޓާފުން އިއުލާންކޮށްފައެވެ.
ސުޒޭން ގައުމީ ކޯޗުގެ މަގާމާ ހަވާލުކޮށްފައިވަނީ ވަގުތީ ގޮތުންނެވެ. ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ ސުޒޭނެވެ.
ސުޒޭންގެ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރާނީ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެން ކޯޗު އަދި ފުރަތަމަ ޑިވިޝަންގެ މާޒިޔާ އަދި ދަ ގްރާންޑޭގެ ކުރީގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ)އެވެ.
ގައުމީ ޓީމުގެ ގޯލް ކީޕަރުން ތަމްރީނު ކުރުމުގައި ހަރަކާތްތެރި ވާނީ އިމްރާން މުހައްމަދު އަދި އަސްލަމް އަބްދުއްރަހީމެވެ.
ގައުމީ ޓީމުގެ ޑޮކްޓަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ އަބްދުﷲ ރާފިއުއެވެ.