16 Aug 2021, 21:26
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުގައި ޤާއިމު ކޮށްފައިވާ މެޑިކަލް ސެންޓަރު ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ މި ހުޅުވި މެޑިކަލް ސެންޓަރާއެކު ގައިދީންނަށް ރަނގަޅު ފެންވަރުގައި ސިއްހީ ހިދުމަތް ދިނުމުގެ މަގު ފަހިވެގެން ދާނެ ކަމުގައި ވިދާޅުވިއެވެ.
އަދި އެ ތަނުގައި ގާއިމުކޮށްފައިވާ ޓެލެ މެޑިސިންގެ ޚިދުމަތާއެކު ބޭސްފަރުވާއަށް ގައިދީން އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ މީގެ އިތުރުން ރިހިބިލިޓޭޝަންގެ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ޖަލުތަކާއި ރިހިބިލިޓޭޝަންގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ވެސް އަމާޒަކަށް ވާންވާނީ އަނބުރާ މުޖްތަމައަށް ނިކުންނަ ފަރާތްތަކަކީ އަމިއްލަ ދިރިއުޅުމައިގެން ކުރިޔަށް ދެވޭނެ ފަދަ މަސައްކަތެއް ދަސްވެފައިވާ ހަރުދަނާ މީހަކަށް ހެދުމަށް ކަމަށެވެ.
މާފުށީ ޖަލުގައި ގާއިމުކޮށްފައިވާ މި މެޑިކަލް ސެންޓަރުން ޖެނެރަލް އޯޕިޑީ، އެމެޖެންސީގައި ބަލިމީހުންނަށް ފަރުވާދިނުން، އެކްސްރޭގެ ޚިދުމަތާއި ފިޒިއޯތެރެޕީ އަދި މައިނާ ސާރަޖަރީގެ ޚިދުމަތްފަދަ ޚިދުމަތްތައްވެސް ފޯރުކޮށްދެއެވެ. މީގެ އިތުރުން މި ސެންޓަރުގައި ދިހަ މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ޔުނިޓެއްވެސް ގާއިމުކޮށްފައި ވެއެވެ.
ނައިބު ރައީސް، މާފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހެލްތް މިނިސްޓަރ އަހްމަދު ނަސީމާއި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.