16 Aug 2021, 21:05
އާމްދަނީން ނަގާ ޓެކްސްގެ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑިއަކީ މިމަހުގެ 31 ވަނަދުވަސް ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިތީ (މީރާ) އިން ބުނެފިއެވެ.
އާންމު ފަރުދެއްގެ އާމްދަނީން ޓެކްސް ނެގޭނެ ރޭޓްތައް މިދިޔަ އަހަރު މީރާ އިން ވަނީ އިއުލާންކޮށްފައެވެ.
އެގޮތުން އަހަރެއްގެ މައްޗަށް 720،000 ރުފިޔާއަށް ވުރެ މަދުން އާމްދަނީގެ ގޮތުގައި ލިބޭ މީހުންގެ އަތުން ޓެކްސް ނުނަގައެވެ. އެއިީ މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ ދަށުގެ އާމްދަނީއެއް ލިބޭ މީހުންނެވެ.
އަހަރެއްގެ މައްޗަށް 720،000 ރުފިޔާ އާއި 1،200،00 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ ޓެސްކްގެ ގޮތުގައި ނަގަނީ 5.5 ޕަސެންޓްވެ. އެއީ މަހެއްގެ މައްޗަށް 60،000 އާއި އެއް ލައްކަ އާ ދެމެދު އާމްދަނީ ލިބޭ މީހުންނެވެ.
އަދި އަހަރެއްގެ މައްޗަށް 1،800،000 ރުފިޔާ އާއި 2،400،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ ޓެސްކްގެ ގޮތުގައި 12 ޕަސެންޓު ނަގާނެއެވެ. އެއީ މަހެއްގެ މައްޗަށް 150,000 ރުފިޔާއާއި ދެ ލައްކަ ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުންނެވެ.
މީގެ އިތުރުން އަހަރެއްގެ މައްޗަށް 2،400،000 ރުފިޔާ އަށް ވުރެ ގިނައިން އާމްދަނީގެ ގޮތުގައި ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި ނަގަނީ 15 ޕަސެންޓެވެ. އެއީ މަހެއްގެ މައްޗަށް ދެ ލައްކަ ރުފިޔާއަށް ވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނެވެ.
އާމްދަނީން ނަގާ ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކުންވެސް މި މަހުގެ 31 ވަނަ ދުވަހު ބަޔާން ހުށަހަޅަން ޖެހޭނެކަމަށް މީރާއިން ބުންޏެވެ.
މިކަމުން އިސްތިސްނާ ވާ ފަރާތްތައް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 50 ވަނަ މާއްދާގައިވާނެ ކަމަށް މީރާ އިން ބުންޏެވެ.
މި ބަޔާން ހުށަހަޅަން އެންމެ ފުރަތަމަ އިއުލާން ކޮށްފައިވާ ސުންގަޑިއަކީ 30 ޖޫންއެވެ. ނަމަވެސް ފަހުން އެމުއްދަތުވަނީ މި މަހުގެ 31 އާ ހަމައަށް އިތުރުކޮށްފައެވެ.