17 Aug 2021, 08:39
މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ރިއާ ކަޕޫރު 34، ކައިވެނިކޮށްފިއެވެ.
ކުޅަދާނަ އެކްޓަރު އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ރިއާ ކައިވެނިކުރީ 12 އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކަރަން ބޫލާނީއާއެވެ. ދެ މީހުން ކައިވެނި ކުރީ މި މަހު 14 ވަނަ ދުވަހު ޖުހޫގައި ހުންނަ އަނިލް ކަޕޫރުގެ ގޭގައެވެ. ކައިވެނި ހަފްލާގައި ހަމައެކަނި ބައިވެރިވީ ގާތް ރަހުމަތްތެރިންނާ އާއިލާގެ މެންބަރުން އެކަންޏެވެ.
ކައިވެނީގެ ހަފްލާ ތެރެއިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކުރަމުން ރިއާ ބުނީ 12 އަހަރު ވަންދެން އެއްކޮށް އުޅުމަށްފަހު ކައިވެނިކުރި ދުވަހު ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވި ކަމަށެވެ. ކަރަންއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި އަދި އޭނާ އެއީ އެއްވަނައިގެ މީހެއް ކަމަށް ރިއާ ވަނީ ބުނެފައެވެ.
ކައިވެނިކުރުމަށްފަހު ރިއާގެ ފިރިމީހާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ރިއާ އާ ކައިވެނިކުރުމަކީ އޭނާގެ ހަޔާތުގައިވެސް ނެގުނު އެންމެ ރަނގަޅު ނިންމުން ކަމަށެވެ.
ރިއާ އާ ކަރަން އެންމެ ފުރަތަމަ ދިމާވީ 2009 ވަނަ އަހަރު މަސައްކަތް ފެށި ފިލްމު "އައިޝާ"ގެ ޝޫޓިން ތެރެއިންނެވެ. މި ފިލްމަކީ ރިއާގެ ފުރަތަމަ ޕްރޮޑަކްޝަންއެވެ. ކަރަންއަކީ މި ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރެވެ.