ކާބުލް (އޮގަސްޓު 16): އަފްގާނިސްތާނުގެ ހަނގުރާމަވެރި އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ތާލިބާނުން ވެރިރަށް ކާބުލްއަށް އެރުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ގައުމުން ފުރައިގެން ދިޔުމަށް މަސައްކަތް ކުރަމުންނެވެ.

އަފްގާން ރައްޔިތުންގެ އިތުރުން، އެގައުމުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުންނާއި ޑިޕްލޮމެޓުން އަނބުރާ ގެންދިޔުމުގެ މަސައްކަތްވެސް އެކި ސަރުކާރުތަކުން ދަނީ ކުރަމުންނެވެ.

އޭގެ ސަބަބުން ކާބުލް އިންޓަނޭޝަނަލް އެއާޕޯޓުގައި ތޮއްޖެހިފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެފޮޓޯތަކުން އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންވެސް އެއާޕޯޓުގެ ރަންވޭ އާއި ފުރަންދާ ބޯޓުތަކުގެ މައްޗަށް އަރާ މަންޒަރުވެސް ފެނިގެންދެއެވެ.

އެގޮތުން އެމެރިކާގެ އަސްކަރީ ބޯޓެއް ކާބުލް އެއާޕޯޓަކުން ނައްޓާލަން މަސައްކަތް ކުރުމުން އޭގެ ފިޔަގަނޑު މައްޗަށް ބަޔަކު އަރާ ތިބޭ މަންޒަރު އެއް ވީޑިއޯއިން ފެނެއެވެ. އޭރު އެ ބޯޓު ކައިރިއަށް އިތުރު މީހުން ޖަމާވެ، ބޯޓާ އެއްވަރަށް ދުވަމުންދެއެވެ.

އެގޮތަށް ބޯޓު މައްޗަށް އަރަނިކޮށް ވެއްޓި، ދެ މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް ބީބީސީގައިވެއެވެ. އަދި އިތުރު ދެ މީހަކުވެސް އެ އެއާޕޯޓުގައި މަރުވެފައިވާ ކަމަށާއި އެއީ ފިތިގެން ކަމެއް ނުވަތަ ހަމަލާއެއްގެ ސަބަބުންކަން ޔަގީން ނުވާ ކަމަށް އެނޫހުގައިވެއެވެ.

އަލްޖަޒީރާއިން ރިޕޯޓު ކުރި ގޮތުގައި ކާބުލް އެއާޕޯޓު ތެރޭގައި ހަމަނުޖެހުންތައް އުފެދުނު ނަމަވެސް ސަލާމަތީ ފައުޖުތަކުން ފިޔަވަޅެއް ނާޅައެވެ. އަދި އެ އެއާޕޯޓުން ފުރަން އޮތް ހުރިހާ ކޮމާޝަލް ފްލައިޓުތަކެއް މިހާރު ކެންސަލްކޮށްފައިވާ އެއާޕޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

މީގެ އިތުރުން ކާބުލް އެއާޕޯޓަށް ދާ މަގުތަކުގައި ޓްރެފިކް ޖެހިފައިވާ އިރު، ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރި ނުވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެ ހާދިސާތަކާ ގުޅިގެން ތާލިބާނުން ވަނީ އެއާޕޯޓަށް ޖަމާވެފައިވާ މީހުން އަނބުރާ ގެޔަށް ދިޔުމަށް ހިތްވަރުދީފައެވެ. އަދި އެއާޕޯޓުގައި ތިބި އެ ޖަމާއަތުގެ މެމްބަރުން ވަނީ އާއްމު ރައްޔިތުންނަށް ގެއްލުމެއް ނުދޭނެ ކަމަށް ބުނެފައެވެ.

އަފްގާނިސްތާނުގެ 34 ޕްރޮވިންސުގެ ތެރެއިން 26 ޕްރޮވިންސެއްގެ ވެރިރަށް ތާލިބާނުން ވަނީ ފާއިތުވި ދެ ހަފްތާ ތެރޭގައި އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި އިއްޔެ ތާލިބާނުން ވަނީ ކާބުލްއަށް އަރާ، ރިޔާސީ ގަނޑުވަރުގެ ކޮންޓްރޯލް އަތުލާފައެވެ.

އޭގެ ކުރިން އަފްގާން ރައީސް އަޝްރަފް ގަނީ ވަނީ ގައުމު ދޫކުރައްވާ ފުރާވަޑައިގެންފައެވެ.