16 Aug 2021, 20:03
ތ. ހިރިލަންދުއަށް ދިމާވެފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތް އަވަސްކުރަން މަޝްވަރާ ކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ތ. ހިރިލަންދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ އިތުރުން ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތްވެސް ވީވަރަކުން ހަލުވި ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ވަނީ ފެނަކައިން ބަހައްޓާފައިވާ އައު އިންޖީނާއި، އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ހިރިލަންދޫގައި ހިންގަން ނިންމަވާފައިވާ ސޯލާ އައިޕީވީ ޕްރޮޖެކްޓްގެ އެންމެ ފަހުގެ މައުލޫމާތާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ރަށުގެ ބައެއް މީހުންގެ ފަރުވާއާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭގޮތުން ކައުންސިލަރުންނަށް މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ހިރިލަންދޫގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައުލޫމާތާއި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ނައިބު ރައީސާ މަޝްވަރާ ކުރައްވާ ފައެވެ.
މި ބައްދަލުވުމުގައި ކައުންސިލަރުން ހިރިލަންދޫގައި ކުރިން ކުރިމަތިލާން ޖެހިފައިވާ ބޭންކިންގެ ދަތިކަމަށް ހައްލެއް ބޭނުންވާ ވާހަކަ ދެންނެވުމުން އެކަމަށް، ހަލުވިކަމާއި އެކު ހައްލެއް ހޯއްދައިދީ މިދިޔަ ހަފްތާގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ރަށުގައި އޭޓީއެމް އެއް ބަހައްޓާދެއްވާފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސްއަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ހިރިލަންދޫ ކައުންސިލަރުން އެދުނު ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީ ތަކާއި މުއައްސަސާ ތަކާއި މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.