ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ޝަރީއަތް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކެންސަލް ވެއްޖެއެވެ.

މިއަދު މެންދުރުފަހު 14:30 ކުރިއަށް ގެންދަން ތާވަލް ކޮށްފައިވާ ނަދީމްގެ މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލްވީ މާފުށީ ޖަލުން އެ އަޑުއެހުން ކުރިއަށް ގެންދެވެން ނެތްކަމަށް ކްރިމިނަލް ކޯޓަށް އެންގުމުން ކަމަށް އެ ކޯޓުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިއީ މި ޝަރީއަތް ވިދިވިދިގެން ކެންސަލްވި ހަތަރުވަނަ ފަހަރެވެ.

ނަދީމަށް ވަޅިން ހަމަލާ ދީފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. ނަދީމް މަރުވެފައި ވަނީ އޭގެ ދެދުވަސް ފަހުން ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ކުރަނިކޮށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

މީގެ ކުރިން މިއަހަރުގެ ކުރީކޮޅު ބާއްވަން ތާވަލް ކޮށްފައި އޮތް ދެ އަޑުއެހުމެއް ވަނީ ދައުލަތުން ސިއްރު ހެކިން ހާޒިރު ނުކުރެވިގެން ކެންސަލް ކޮށްފައެވެ. އަދި މި މަހުގެ ފަސްވަނަ ދުވަހަށް ތާވަލް ކޮށްފައި އޮތް އަޑުއެހުންވެސް ކެންސަލް ކޮށްފައިވަނީ އަޑުއެހުން ކުރިޔަށްގެންދާނެ ކޮޓަރިއެއް މާފުށި ކޯޓުން ހަމަ ނުޖެހިގެންނެވެ.

ވަޅިން ހަމަލާދީ ނަދީމް މަރާލި ކަމުގެ ތުހުމަތުގައި ދައުވާކޮށްފައި ވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ ތިން މީހެއްގެ މައްޗަށެވެ.

އެ މީހުންނަކީ:

  • ހުސައިން ޝާމިން، ސަމަންތާ، ރ. އިންނަމާދޫ

  • މުހައްމަދު ކަރަމް ސުހައިލް، ހަވާސް، ގއ. ގެމަނަފުށި
  • އަލީ ނިފާޒު، ވިދާތަރި، ލ. ގަން

މީގެއިތުރުން ކުޑަކުއްޖެއްގެ މައްޗަށް ވެސް އެ މައްސަލާގައި ވަނީ ދައުވާ އުފުލާފައެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ދެ މީހަކު ވަނީ މަފާޒު، ނަދީމަށް ވަޅިން ހަމަލާދިން މަންޒަރު ދުށް ކަމަށް ހެކިބަސްދީފައެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ބައެއް ހެކީން ވަނީ ހެކިބަސް ދިނުމަށް ދެކޮޅު ހަދާފައެވެ. އެހެންކަމުން އެމީހުންގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށްގެންދަން ދައުލަތުން ވަނީ އެދިފައެވެ.