22 Feb 2012, 00:35
މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދަރަނި ތިން ގުނަ އަށް އިތުރުވެ ބޭރުގެ ޖުމްލަ ދަރަނި 23.2 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އާ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު (އަންޑޭ) ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒާ އާއި އަހުމަދު ރާއްޖޭގެ މާލީ ހާލަތު މިރޭ ނޫސްވެރިންނާ ހިއްސާ ކުރައްވަމުން އިކޮނޮމިކް މިނިސްޓަރު އަދި ފިނޭންސް މިނިސްޓްރީ ވެސް ހިންގެވުމާ ހަވާލު ހުންނެވި އަންޑޭ ވިދާޅުވީ 11 ނޮވެމްބަރު 2008 ގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 9.8 ބިލިއަން ރުފިޔާގައި ކަމަށާއި މި މަހުގެ ހަ ވަނަ ދުވަހާ ހަމައަށް އެ އަދަދު 23.2 ބިލިއަނަށް އަރާފައިވާ ކަމަށެވެ. ރިއަލް ޖީޑީޕީ، ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑުން ދަރަނީގެ ނިސްބަތަކީ ރިއަލް ޖީޑީޕީގެ 115 ޕަސެންޓުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނޮވެމްބަރު 11 ، 2008ގެ ނިޔަލަށް ބޭރުގެ ދަރަނީގެ ގޮތުގައި އޮތީ 5.5 ބިލިއަން ރުފިޔާ. އެތެރޭގެ ދަރަނި އޮތީ 4.3 ބިލިއަން ރުފިޔާގައި. މިދިޔަ އަހަރު ނިމުނު އިރު ބޭރުގެ ދަރަނި 10.4 ބިލިއަން ރުފިޔާ މިވަނީ އަރާފައި. އަދި އެތެރޭގެ ދަރަނި މި އުޅެނީ 12.8 ބިލިއަން ރުފިޔާގައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ ބޭރުން ސޮވަރިން ގެރެންޓީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި ގިނަ ބިލްތަކަކަށް އަދިވެސް ފައިސާ ދޫކޮށްފައިނުވާ ކަމަށެވެ. އެގޮތުން މިހާރުން މިހާރަށް ފައިސާ ދައްކަން ޖެހޭ ބިލްތަކުގެ ޖުމްލަ 1.03 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިދިޔަ އަހަރުގެ ބިލްތަކަށް ވެސް އެބައޮތް ދައްކަން 195 މިލިއަން ރުފިޔާ. އަދި ސާކްސަމިޓްގެ ބިލްތަކަށް ވެސް 31 މިލިއަން ރުފިޔާ ދައްކަންޖެހޭ. މިއަހަރު ދައްކަން ޖެހޭ ޖުމްލަ 800 މިލިއަން ރުފިޔާ އަށް އަރާނެ،" އަހުމަދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަރަނި މިހާރު ހުރި މިންގަނޑަކީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ރެކޮމެންޑް ކުރާ މިންގަޑެއް ނޫންކަމަށާއި ދައުލަތުގެ ދަރަނި ޖީޑީޕީގެ ފަސް ޕަސެންޓްގައި ހިފަހައްޓަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މިހާރު އޮތް "ބޮޑު" ދަރަނި ފަސް ޕަސެންޓަށް ތިރި ކުރުން ކަމަށެވެ.
"އަޅުގަނޑުމެން ހަމައެކަނި ބަލަން ޖެހޭނީ އަޅުގަނޑު ދިރި މިއުޅޭ ދުވަސްކޮޅަށް ކަންތައްތައް ހަމަޖެހޭ ކަހަލަ އުސޫލަކުން ކަންތައްތައް ކުރުމަށްކަށް ނޫން. އަންނަން އޮތް ޖީލްތަކަށް މިގައުމާ ގައުމުގެ ޖީލްތަކަށް ރައްދުކޮށްދެވޭނެ އުސޫލަކުން ކަންކަން ކުރުމަށް ހުރިހާ އެންމެން ވެސް މަސައްކަތް ކުރަން ޖެހޭނެ. ޒިންމާދާރު ގޮތެއްގައި މަސައްކަތްކުރަންޏާ އެއްފަހަރާ މިކަން ނުކުރެވުނަސް އެއީ އަޅުގަނޑުމެންގެ ޓާގެޓެއްކަމަށް ހަދަންޖެހޭ ފަސް ޕަސެންޓަށް ތިރިކުރަން،" އަންޑޭ ވިދާޅުވި އެވެ.
ދައުލަތުގެ ކޭޝްފްލޯ އަށް އަލި އަޅުވާލައްވަމުން އަންޑޭ ވިދާޅުވީ ހަމައެކަނި މިހަފުތާއަށް އެކަނި ސަރުކާރު ހިންގަންވެސް 1.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި ދައުލަތަށް އެއާއެއްވަރަށް އާމްދަނީ ނުލިބޭތީ ދަރަނީގެ ގޮތުގައި އެވްރެޖްކޮށް ހަފްތާއަކަށް 500 މިލިއަން ރުފިޔާ ބޮންޑު، ވިއްކައިގެން ނަގަންޖެހިފައިވާ ކަމަށެވެ.
"ލޯނުތައް އަދާކުރުމުގެ މުއްދަތު މި އަންނަނީ ކުރުވަމުން. ކޮންމެ މަހެއްގައި ވެސް ނަގާ ބޮންޑަށް ފައިސާ ދައްކަން ޖެހޭ. ދެމެހެއްޓެނިވި ގޮތުގައި މިގޮތަކަށް ކުރިއަކަށް ނުގެންދެވޭނެ،" އަހުމަދު ވިދާޅުވި އެވެ.
ސަރުކާރުގެ ދަރަނި އިންތިހާއަށް ބޮޑުވުމުގެ އަސްލެއްކަމަށް އަހުމަދު ފާހަގަކުރެއްވީ ގިނަ ކުންފުނިތަކެއް އުފައްދާ އެ ކުންފުނިތަކަށް ބޮޑަތި އަދަދުތަކުން ފައިސާ ހޭދަކުރުމެވެ. އޭނގެ ގިނަ ކުންފުނިތައް ހިންގީ ބޮޑު ގެއްލުމުގައި ކަމައްވުމުން ސަރުކާރަށް ފައިދާއެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ސަރުކާރުން އުފައްދާފައިވާ 21 ކުންފުންޏަކުން 776 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ސަރުކާރަށްވާ އިރު މިދިޔަ އަހަރުގެ ނިޔަލަށް 67 ކުންފުނި އޮތް ނަމަވެސް ފައިދާއަށް ޖެހުނީ 625 މިލިއަން ރުފިޔާ ކަމަށް އަންޑޭ ވިދާޅުވި އެވެ. އަދި އެކުންފުނިތަކަށް 818 މިލިއަން ރުފިޔާ މިދިޔަ އަހަރު ހަރަދުކޮށްފައިވާ ކަމައްވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ތެރެއިން ބައެއް ކުންފުނިތައް އުވާލަންވެސް އެބަޖެހޭ އަނެއްބައި ކުންފުނިތައް ރިސްޓްރަކްޗާ ކޮށްގެން ވެސް ހިންގިދާނެ،" އަހުމަދު ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތަކީ އިންކަމް އިތުރުކުރުމަށް އިތުރު ޓެކްސްތަކެއް ތައާރަފްކުރުން ނޫންކަމަށް ވެސް ވިދާޅުވި އެވެ. އަދި މިހާރު ހުރި ޓެކްސްތައް އެގޮތުގައި ދަމަހައްޓާނެ ކަމައްވެސް ވިދާޅުވި އެވެ.
"މި ހިސާބުތަށް ދަންނަވާލިޔަސް ކަންބޮޑުވާނެ ކަމެއްނެތް. އަޅުގަނޑުމެންނަށް މިކަން ހާސިލްކުރެވޭނެ. އެ ޔަގީންކަން އެބައޮތް. އެއްދުވަސް ދެދުވަހެއްގެ ކަމެއް ނޫން މީ. އަޅުގަނޑުމެން މި އަންނަނީ ފިޔަވަޅު އަޅަމުން." އަންޑޭ ވިދާޅުވި އެވެ.