ރާއްޖެއަށް މި އަހަރުގެ އާޝޫރާ ދުވަހަކީ މީލާދީ ގޮތުން މި މަހުގެ 18 ވަނަ ދުވަސްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއަށް ހިޖުރީގޮތުން 1433 ވަނަ އަހަރުގެ މުހައްރަމް މަހުގެ އެއްވަނަ ދުވަހަކީ މި މަހުގެ ނުވަ ވަނަ ދުވަސްކަމަށެވެ. އެހެންކަމުން މުހައްރަމް މަހުގެ 10 ވަނަ ދުވަހަށް ވާނީ މި މަހުގެ 18ވަނަ ދުވަސްކަމަށެވެ.

ހިޖުރީ ގޮތުން އާ އަހަރު ފެށުމުގައި ގައުމުތަކުގެ މެދުގައި މި އަހަރު ތަފާތުތަކެއް ވަނީ އައިސްފައެވެ.

އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރި ނަމަވެސް ކޮންމެ ގައުމެއްގެ ރައްޔިތުންވެސް އަމަލުކުރަންވާނީ އެ ބަޔަކު ދިރިއުޅޭ ތަނުގެ އުސޫލާ އެއްގޮތަށްކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ މި އަހަރުގެ އާޝޫރާ ދުވަހު ރޯދަ ހިފުމަށް ނަސޭހަތްތެރިވާކަމަށެވެ. އަދި އާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތް ގޮތަކީ އާޝޫރާ ދުވަހުގެ ކުރީ ދުވަހާއެކު ނުވަތަ އާޝޫރާ ދުވަހާއި އެ ދުވަހުގެ ފަހު ދުވަހާއެކު ރޯދަ ހިފުންކަމަށެވެ.