16 Aug 2021, 16:19
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކުރީގެ ކެޕްޓަން އަދި ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ ގުޅިވަޑައިގެންފިއެވެ.
އެމްއެންޕީއާ ގުޅުނުކަން ހާމަކޮށް އޭނާ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އަމިއްލަވަންތަކަމާއި އިގްތިސާދީ އަދި ސަރަހައްދީ މިނިވަންކަމަށް ކުރިމަގުގައި ނުހަނު ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަމަށާއި އަދި މިހާރު ވެސް ކުރިމަތިވެފައިވާކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ތިމާގެ ނަފުސަށްވުރެ ބޮޑަށް ދިވެހި ފަސްގަނޑާއި ދިވެހީން ދެކެ ލޯބިވާ، ތެދުވެރި، އިހުލާސްތެރި، ތައުލީމީ އަދި ޒިންމާދާރު ދިވެހީންތަކެއް ރާއްޖޭގެ ސިޔާސީ މައިދާނުގައި ދިވެހީންގެ ހައްގުގައި މަސައްކަތް ކުރުން ކަަމަށް ކެޕްޓަން އިހްސާން ވިދާޅުވިއެވެ.
އަދި ސިޔާސީ މައިދާނަކީ ވަކިބަޔަކަށް ބޭނުންހާގޮތެއް ހެދުމަށް އޮތް ފުރުސަތެއް ކަމަށް ދޫކޮށްނުލައި ވީހާވެސްގިނަ ތައުލީމީ ޒުވާނުން ނުކުމެ ގައުމުގެ މުސްތަގުބަލު އުޖާލާކުރުމުގައި ރެއާއި ދުވާލު ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަަމަަށް އިހްސާން ވިދާޅުވިއެވެ.
ކެޕްޓަން އިހްސާން އިތުރަށް ވިދާޅުވީ ރާއްޖެއާއި ދިވެހީން ދިފާއުކުރުމުގައި އަމިއްލަ ފުރާނަ ގުރުބާންކުރުމަށް ތައްޔާރަށް ހުރިކަމަށް މާތްﷲ ގަންދީ ހުވާކޮށްގެން ހުރި ކުރީގެ ސިފައިންގެ އޮފިސަރަކަށްވާތީ، މިއަދުން
ފެށިގެން ރަސްމީގޮތުން ސިޔާސީ މައިދާނަށް ނުކުމެ، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ފުރަތަމަ ފަހަރަށްވެ، ގައުމުގެ ހައްގުގައި ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމަށް، އެމްއެންޕީގެ މެމްބަރަކަށް ވުމަށް ނިންމީ ކަމަށެވެ.
"އަޅުގަނޑު ވަކިން ހާއްސަކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީއާ ގުޅެން ނިންމި ސަބަބަކީ އެޕާޓީގެ ޗާޓަރުގައި ގައުމާމެދު އޮތް ތަސައްވުރާއި އަޅުގަނޑު ގައުމަށް އެދޭގޮތާއި ދިމާވެ އަދި އެކަން ހާސިލު ކުރުމަށް އެންމެފަހިވާގޮތަށް
ތައްޔާރުވަމުން އަންނަ އަދި ތައުލީމީ ޒުވާނުންނަށް އެންމެ ތަނަވަސް ފުރުސަތު އޮތް ޕާޓީއަކީ އެ ޕާޓީކަމަށް ގަބޫލުކުރެވޭތީ،" ކެޕްޓަން އިހްސާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް އަހުމަދު ނާޒިމް އިސްވެ ހުންނަވައި އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
މަޖިލީހުގެ އިތުރު ފަސް މެންބަރުން ހިމެނޭ އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށް އެ ޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް މެންބަރުންގެ އަދަދު 4،000 އާ ގާތްކޮށްފައިވާ ކަަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.